އިންޑިއާގައި މިދިޔަ އަހަރު އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައިގައި މުޒާހަރާކުރަނީ: އިންޑިއާ އަކީ އަންހެނުންނަށް ނުރައްކާ ގައުމެއްގެ ގޮތުގައި އަބަދުވެސް ސިފަކުރެވޭ. -- ފޮޓޯ: އޭއެފްޕީ
09 މާޗް 2025 - 07:45
އިންޑިއާގައި މީހަކު މަރާލައި، އިޒްރޭލު ޓޫރިސްޓަކާއި އިންޑިއާ އަންހެނަކު ގޭންގު ރޭޕްކޮށްފި އެވެ.
ދެކުނު އިންޑިއާގައި ހުންނަ، ޓޫރިސްޓުންގެ މެދުގައި މަގުބޫލު ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސެންޓަރެއް ކައިރީގައި މި އަމަލު ހިންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.
ކަރްނާޓަކާގެ ހަމްޕި ޓައުންގައި އިންޑިއާ އަންހެން މީހާ އާއި އިޒްރޭލުގެ އަންހެން ޓޫރިސްޓު ރޭޕްކުރީ އެ މީހުން އިންޑިއާ ފިރިހެނަކާ އެކު ރޭގަނޑު ތަރިތައް ބަލަން ތިއްބާ ތިން ފިރިހެނަކު ގޮސް ހަމަލާ ދިނުމަށް ފަހުގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ސުޕްރިންޓެންޑެންޓް ރާމް އަރަސީދީ ރޮއިޓާސް އަށް ވިދާޅުވީ މިކަން ކޮށްފައިވަނީ ފައިސާގެ މައްސަލައެއްގެ ތެރެއިން ކަމަށެވެ.
ހަމަލާދިން މީހުން ވަނީ ފިރިހެން މީހާ ކޯރެއްގެ ތެރެއަށް ވައްޓާލައިފަ އެވެ. މި މީހުންގެ ހަމަލާ އެމެރިކާ ފިރިހެނަކަށް ވެސް އަމާޒުވި ކަމަށާއި އެ މީހާ ސަލާމަތްވެފައި ވާއިރު ކޯރަށް ވައްޓާލި މީހާގެ ހަށިގަނޑު މިހާރު ފެނިފައިވާ ކަމަށް ބުންޏެވެ.
މިކަން ކުރި ކަމުގެ ތުހުމަތުވާ ދެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
އަންހެނުންނާ މެދު ހިންގާ ޖިންސީ އަނިޔާގެ މައްސަލަތައް ގިނަ އިންޑިއާގައި މިދިޔަ އަހަރު ހޮސްޕިޓަލެއްގެ ތެރޭ ޑޮކްޓަރަކު ރޭޕްކޮށް އަނިޔާވެރިކޮށް މަރާލި މައްސަލައިގައި އިންޑިއާގައި އޮންނަ މި މައްސަލަ އަލުން ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފަ އެވެ. އެ މަރުގެ މައްސަލައިގައި މުޅި އިންޑިއާގައި މުޒާހަރާކޮށް، ސިއްހީ ހިދުމަތްތެރިން ހަޅުތާލު ވެސް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީލީ
09 March 2025
މި ހިންދޫންނަކީ އާދަޔާ ހިލާފަށް ޝަހުވާނީ ބައެއް. މި މީހުން އިންޑިއާ ރޭޕް ކެޕިޓަލް އަށް ހަދައިފި