09 މާޗް 2025 - 12:34
ޖަރުމަން ލީގުގައި ބެޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް އަދި އެންމެ ފަހުގެ ޗެމްޕިއަން ބެޔާ ލެވަކޫސަން ރޭ ކުޅުނު މެޗުތަކުން ބަލިވެއްޖެ އެވެ.
ތިން ޓީމު ވެސް ބަލިވެފައި މި ވަނީ އަމިއްލަ ދަނޑުގަ އެވެ. ބެޔާން ބަލިވީ ބޯކަމް އަތުން 3-2 އިންނެވެ. ޑޯޓްމަންޑް ބަލިވީ އައުސްބާގާ ވާދަކޮށް 1-0 އިންނެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ލެވަކޫސަން ބަލިވީ ވާޑާ ބްރޭމަންއާ ވާދަކޮށް 2-0 އިންނެވެ.
ރަފައެލް ގުރޭގޯގެ ދެ ގޯލުން 28 ވަނަ މިނިޓުގައި ބެޔާނުން ލީޑު ނެގި ނަމަވެސް، ރެލިގޭޝަން ޒޯނުގައި އޮތް ބޯކަމް މޮޅުވީ ފަހަތުން އަރައި 3-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ބެޔާންގެ ޔާއޯ ޕަލީނިއާ އަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.
ރޭގެ ނަތީޖާތަކާ އެކު ބެޔާން ލީގު އެއް ވަނައިގައި އޮތީ 25 މެޗުން 61 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލެވަކޫސަން ވަނީ 53 ޕޮއިންޓް ހޯދައިފަ އެވެ. ޑޯޓްމަންޑް އޮތީ 35 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ.
މިއީ 2006/2007 ސީޒަނުގައި ބުންޑެސްލިގާގެ 20 ވަނަ މެޗުގައި މި ތިން ޓީމު ބަލި ވި ފަހުން، އެއް ދުވަހަކު ތިން ޓީމު ބަލިވި ފުރަތަމަ ފަހަރެވެ.
މި ތިން ޓީމަށް ވެސް ކުރިއަށް އޮތީ މި ހަފްތާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގު މެޗުތަކެވެ.
އެގޮތުން ޑޯޓްމަންޑަށް އޮތީ ފްރާންސްގެ ލިލް އާ ދެކޮޅަށް، ފްރާންސްގައި ކުޅޭ މެޗެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ 1-1 އިންނެވެ. އަދި ބެޔާން މިއުނިކް ބައްދަލު ކުރާނީ ލެވަކޫސަންއާ އެވެ. ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގައި ބެޔާން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން މޮޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy