ހައި ކޯޓު: ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމުގެ މައްސަލަ ހައި ކޯޓުން ވަނީ ބަލައިގެންފައި - ފޮޓޯ: މިހާރު
09 މާޗް 2025 - 15:18
އެކި މިނިސްޓްރީތަކުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމި ނިންމުން އިސްތިއުނާފުކުރަން އެޓާނީ ޖެނަރަލްގެ އޮފީހުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
އިގުތިސާދު ރިފޯމް އެޖެންޑާގެ ތެރެެއިން އެކި މިނިސްޓްރީތަކުން 228 މުވައްޒަފަކު ވަކިކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 15 ގައި އިއުލާން ކުރައްވައިފަ އެވެ. އެކަމަށް ކަނޑައެޅި މުއްދަތު ހަމަވިއިރު 248 ސިޔާސީ މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި އެވެ.
އެކަމަކު، އެ މުވައްޒަފުން ވަކިކުރީ ކޮން މިނިސްޓްރީތަކަކުން ކަމާއި ވަކިކުރީ ކޮން ބައެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އެ މައުލޫމާތު ހޯދަން "މިހާރު" އާއި އެހެން ބައެއް ފަރާތްތަކުން ހުށަހެޅުމުން އައިކޮމުން ވަނީ މައުލޫމާތު ދޭން ރައީސް އޮފީހަށް އަންގައިފަ އެވެ.
ނަމަވެސް އެ މައުލޫމާތު ހާމަނުކޮށް ދައުލަތުން ވަނީ ތިން ހުށަހެޅުމާ ގުޅޭ ގޮތުން ނިންމި ނިންމުންތައް ވެސް ވަކިން ވަކިން އިސްތިއުނާފުކޮށްފަ އެވެ. ހައި ކޯޓުގެ ވެބްސައިޓުން އެނގޭ ގޮތުގައި އެ ތިން މައްސަލަ ވެސް މިހާރު ވަނީ ކޯޓުން ބަލައިގަނެ ރަޖިސްޓަރީ ވެސް ކޮށްފަ އެވެ.
އެ މައުލޫމާތުތައް ހޯދަން އެދުމުން ރައީސް އޮފީހުން ފޮނުވި ޖަވާބުގައި ބުނެފައި ވަނީ ވަކިކުރި މުވައްޒަފުންގެ ނަމަކީ ސުޕްރީމް ކޯޓުގެ ހުކުމެއްގައި ބަޔާންކޮށްފައިވާ ފަދައިން ގާނޫނުއަސާސީގެ 24 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ ހައްގުގެ ތެރޭގައި ހިމެނޭ ޒާތީ މައުލޫމާތެއް ކަމަށެވެ. އެހެންވެ، އެއީ ދޫކުރެެވެން ނެތް މައުލޫމާތެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ނަމަވެސް، އައިކޮމުން ކަނޑައެޅީ ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތެއް ނޫން ކަމަށާއި އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށެވެ. އެކަން ކުރަން އެ ކޮމިޝަނުން ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ.
ސުޕްރީމް ކޯޓުގެ ހުކުމަކަށް ރިއާޔަތްކޮށް ރައީސް އޮފީހުން މުވައްޒަފުންގެ ނަންތައް ހިފަހައްޓާފައިވާއިރު، މީގެ ކުރިން ބައެއް މިނިސްޓްރީތަކުން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސިޔާސީ މުވައްޒަފުންގެ ހުރިހާ ތަފްސީލެއް ހާމަކޮށްފައިވެ އެވެ.
ރައީސް ކުރިން ވިދާޅުވި ގޮތުގައި ވަކިކުރާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓު މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. އެ މީހުން ވަކި ކުރުމުން ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަނަށް ވުރެ ގިނަ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަބިޔާ ޕާޓީ
09 March 2025
މިމީހުންގެ ނަމާ މަޤާމު އަދި މުސާރައިގެ މަޢުލޫމާތު ހާމަ ނުކުރުމަކީ މިމީހުންނަކީ ދައުލަތުގައި ބައިތިއްބާފައިތިބި ވަގުންނަށް ވާތީތަ. ނޫނީ ދައުލަތުން ވަގަށް މުސާރަދޭން ސަރުކާރުން ވަގަށް ގެންގުޅޭ ބަޔަކީތަ. މިހެންވާނަމަ ރައްޔިތުމްގެ މުދަލުން ވަރަށްބޮޑު ވައްކަމެއް މިސަރުކާރުން އެވަނީ ކޮށްފައި.ިހެންވެގެން އެބުނަނީ ދައުލަތަށް ލިބެންވާ ފައިސާ މާފުކުރުމުގެ ބާރު ރައީސަށް ދިނުމަކީ ޚިޔާނާތަށް މަގު ފަހިކޮށްދިނުމޭ.
މުހައްމަދު.
09 March 2025
ރައްޔިތުންގެ ފައިސާއިން މުސާރަދޭ ސަރުކާރުގެ މުވައްޒަފުންނަކީ ކޮބައިކަން ރައްޔިތުންނަށް އެނގުމަކީ ހުރިހާ ރައްޔިތުންގެ އަސާސީ ހައްގެއް! ދެފުށް ފެންނަގޮތަށް ވެރިކަން ކުރުމަކީ ރައްޔިތުން ބޭނުންވާ މައުލޫމާތު ފަސޭހަކަމާއިއެކު އުދަގޫ ނުޖައްސާ ރައްޔިތުންނަށް ފޯރުކޮށްދިނުން.
ބަބްސް
09 March 2025
ދިވެހި ރާއްޖޭގެ ވެރިންނާއި ފަނޑިޔާރުންނަށް ހީވެފައޮންނަ ކުއްހީއެއް އޮވެއެވެ. ޤައުމުގެ މަސްލަހަތަށް ޓަކާ ދޮގުހެދުމާއި އޮޅުވާލުން އެއީ އެމީހުން ދެކޭ ގޮތުގައި ހެއްދެވި ފަރާތުން އަފޫ ކުރެވޭނެ ކަންކަމެވެ. މިހެން ކަމަށް ވާނަމަ ރަސޫލު ޒަމާނުގަވެސް ކަންކުރީހީ މިހެންނެވެ. ފަރުދެއްގެ ހައްޤަކަށް ވުރެން ޤައުމުގެ ހައްޤު ބޮޑެއް ނުވާނެއެވެ.
ގުދުގުދާބެއްޔާ
09 March 2025
10 މީހުންވެސް ވަކިނުކުރޭ! ދެން ކިހިނެތް މައުލޫމާތު ދޭނީ! ދޮގުން ފުރިފައިވާ ސަރުކާރެއް!
އަހްމަދް
09 March 2025
ސްޕްރީމް ކޯޓަށް ކަންތައް ވެދިޔަ ގޮތުން ފަނޑިޔާރުން ފިލާވަޅު ލިބި ތިމައްސަލަ ނިމިދާނެގޮތް ޔަގީނާގާތައް އެނގޭ.