ގެދޮރުވެރިޔާ ފްލެޓްގައި ބަޔަކު މަސައްކަތް ކުރަނީ.--- ފޮޓޯ: މިހާރު
09 މާޗް 2025 - 23:55
ކުރީގެ ސަރުކާރުން ހުޅުވާލި 4،000 ފްލެޓުގެ ގެދޮރުވެރިޔާ ސްކީމަށް ހުށަހަޅައި ފުރުސަތު ނުލިބުނު އެންމެންނަށް އަލުން ފްލެޓް މަޝްރޫއަކަށް ކުރިމަތިލާން ނުޖެހި މި ދައުރުގެ ތެރޭގައި ސަރުކާރުން ބޯހިޔާވަހިކަން ހަމަޖައްސައިދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ގެދޮރުވެރިޔާ ސްކީމަށް ހުޅުވާލުމުން ގާތްގަނޑަކަށް 20،000 މީހުން ފޯމު ހުށަހެޅި އެވެ. މީގެތެރެއިން 4،000 ފްލެޓް ލިބޭ މީހުންގެ ގޮތުގައި ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ވެރިފައިކޮށް، ޝަރުތު ހަމަވި ލިސްޓެއް މިނިސްޓްރީން މިދިޔަ މަހުގެ 28 ގައި ވަނީ އާއްމުކޮށްފަ އެވެ.
އެ ލިސްޓާ ގުޅޭ ގޮތުން ކުރާ ތުހުމަތުތައް ސާފުކޮށްދީ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ލިސްޓް ރިވިއުކުރީ އާ އުސޫލެއް އެކުލަވާލައިގެން ނޫން ކަމަށާއި ކުރިން ރަސްމީކޮށް އިއުލާންކޮށްފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ. ވެރިފައިކުރީ 3 ކޮޓަރީގެ ފްލެޓަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކާއި 2 ކޮޓަރީގެ ފްލެޓަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 73 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ފޯމު ކަމަށެވެ.
މިނިސްޓްރީން ބުނިގޮތުގައި 4،000 ފްލެޓް ލިބުމުގެ ފުރުސަތު ނުލިބޭ އެންމެނަށް އަލުން ބޯހިޔާވަހިކަމަށް ހުށަހެޅުމުގެ ތަކުލީފު ތަހައްމަލް ކުރަން ނުޖެހޭނެ އެވެ. ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުސަތު ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ގެދޮރުވެރިޔާ ފްލެޓް--- ފޮޓޯ: މިހާރު
ހައުސިން މިނިސްޓްރީން ބުނީ މި ފަހަރު ފްލެޓް ލިބޭ ކަމަށް ކަނޑައެޅި ފޯމުތައް ވެރިފައި ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމަށް ކަމަށެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 31 ގެ ނިޔަލަށެވެ. އެކަމަށް ހުޅުވާލިތާ ތިން ދުވަހުގެ ތެރޭގައި 700 އެއްހާ ޝަކުވާ ވަނީ ހުށަހަޅައިފަ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އެ 4،000 އިން ޝަރުތު ހަމަވާ ކަމަށް މި ސަރުކާރުން ނެރުނު ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ.
ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ލިސްޓުގައި ހިމެނެނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި 2،695 މީހެއްގެ ފޯމް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި 424 ފަރާތެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެ މީހުން އުނިވި ކަމަށް މިނިސްޓްރީން ބުނެ އެވެ.
މާކްސް ދިން ގޮތާ މެދު އޮތް ޝަކުވާތަކާ ގުޅިގެން މިނިސްޓްރީން ބުނި ގޮތުގައި މާކްސް ދީފައި ވަނީ ގެދޮރުވެރިން ކޮމިޓީގެ ގައިޑްލައިންގައި ކަނޑައަޅާފައިވާ ގޮތަށް އެޕްލިކަންޓް ދީފައިވާ މައުލޫމާތަށެވެ. އަދި ފޯމުތައް އިވެލުއޭޓް ކުރުމުގައި ބަލާފައި ވަނީ އޭރު އޮތް ގައިޑްލައިނަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ގައިޑްލައިނާ ހަވާލާދީ ހައުސިން މިނިސްޓްރީން ބުނީ، މައި އެޕްލިކަންޓަކީ މާލޭގެ ރަށްވެއްސަކަށް ވެފައި ވާތާ 15 އަހަރު ނުވާ މީހެއް ނަމަ މާލޭގައި ދިރިއުޅެމުން ގެންދާތާ 15 އަހަރު ވެފައިވާ މީހެއް ކަން ކަނޑައަޅާނީ "ވެރިފަޔާ ވެރިފިކޭޝަން" އިން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ.-- ފޮޓޯ: މަޖިލިސް
މާލޭ ރައްޔިތުން ފްލެޓް ލިސްޓުން "އާދަޔާ ހިލާފަށް" ޑިސްކޮލިފައި ކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެ މިނިސްޓްރީން ބުނީ 15 އަހަރު ދުވަހު މާލޭގައި އުޅެފައިވާ ނަމަ ޑިސްކޮލިފައި ނުވާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ އެއްވެސް މީހަކަށް، އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، ގެދޮރުގެ މައްސަލަ ހައްލު ނުވެ ނުހުންނާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރަސްމާލެ އާއި ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރު އެއްވުމުން އުފެދޭ ބިމުން ހުރިހާ ރައްޔިތުންނަށް ގެދޮރު ލިބޭނެ އެވެ. ގެދޮރަށް ހާއްސަކޮށް ތައާރަފްކުރާ ލުއި ލޯނާއި އެހެން ވެސް ފުރުސަތުގެ އެހީގައި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ނިމުން އަންނާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުހާރީ
11 March 2025
އަޅުގަނޑަށް ތިވާހަކަ ގަބޫލުކުރެވޭކަށް ނެތް ސަރުކާރު ހިންގުމުގެ ގާބިލުކަންނެތްބަޔަކު ވެރިކަމާއި ހަވާލުވެގެން މަތިމައްޗަށް ދޮގުހަދަމުންދާ މަސަތްކަތުގެ އިތުރު ބޮޅެއް ތިޔައީ. ޅަފާކުރެވެނީ 4000 ފްލެޓް ލިސްޓްން ބާކީކޮއްލި މީހުންގެ ޕްރެސަރުން ސަލާމައްވުމަށް ނެރެލި ބަޔާނެއްހެން.
ދެރަ
11 March 2025
ބާކީ ހުރި ހުރިހާ ފްލެޓް ކަލޭމެން ބަހާނެ ބަޔަކަށް ނުބަހާ، އަލުން އިޢުލާނު ކުރޭ، އަހަރުމެން މާލޭގަ 15 އަހަރު ނުވާތީ އޭރުނުލީ، މިހާރު 15އަހަރު މިވީ. މާލޭގަ އުޅެތީޔޭ ކިޔާފަ (ރަށުގަ އުޅުން މުއްދަތަށް ބަލާފަ)ރަށުންވެސް ގެވަޅެއް ނުދޭއިރު، ފްލެޓަށްވެސް ޝަރުތު ހަމައެއް ނުވޭ، މިތަނަށްއައީ މަޖްބޫރުވެ އެހެންގޮތެއްނެތިގެން، ހާލަތުބަދަލުވިއިރު ރާއްޖޭގެ ކޮންމެތަނެއްގަވެސް ކުއްޔަށް މިިއުޅެން ޖެހެނީ، ހިޔާފްލެޓްގެ 2 ކޮޓަރީގަ ދެޖިންސްގެކުދިންނާއެކު ވަރަށްދަތިކޮށް،
މަންފާ
10 March 2025
މިހުންނަނީ ވަރަށް ދެރަވަރު ކަންކަން، 4000 މީހުންތެރޭ ޑިސްކޮލިފައިވީކަމަށް ސަރުކާރުން ބުނީ މާލޭގައި އުޅުނުކަން ލިޔުންތަކުން ސާބިތު ނުކޮށްދެވޭ މީހުން.ދެން އެމީހުންނަށް އަލުން ފުލެޓް ދޭންޖެހޭ ސަބަބެއް އެބައޮތްބާ؟ އޭގެ ބަދަލުގައި ދަށުން މާރކްސް ލިބި 4000 މީހުންގެ ތެރެއަށް ފުރަތަމަ ބުރު ނުހިމެނޭ،ޕޮއިންޓް މަދުވެގެން ފުރަތަމަ ބުރު ފުލެޓް ނުލިބޭ، ނަމަވެސް 15 އަހަރު މާލޭގައި އުޅެފައިވާކަން ލިޔުންތަކުން ސާބިތުވާ މީހުންނަށްކަށް ނޫންތަ ދެންވެސް ދޭންވީ
ޒީނާން
10 March 2025
ސާލިހު ވެރިކަމުގައި އަޅާފަހުރި ފްލެޓްތަކަކީ ތަނަވަސް، ދަގަނޑުން ބެލްކަނި ލާފަ ވެންޓިލޭޝަން ރަނގަޅުކޮށް ހަދާފަ ހުރި ފްލެޓްތަކެއް. އެކަމަކު ސެންޓްރަލް ޕާކް ކައިރިން ފޭސް2 އަށް އަރާއިރު ވާތް ފަޅިން ފެންނަން އެހެރަ ހަދާ ފްލެޓްތަަކަކީ އެއަށްވުރެ ޖާގަ ކުޑަ، ސިމެންތިން ބެލްކަނި ހަދާފަހުރި، ވަރަށް އާދައިގެ ބަންދު ބޮޑު ފްލެޓްތަކެއް.އެހެންވެ ސާލިހު ހަދާފަހުރި ތަނަވަސް ފްލެޓްތައް ޕާޓީ ކުދިންނަށް އަވަހަށް ބަހާލަން އުޅޭ ވައްތަރު ޖަހަނީ މިހާރު ދެން
ހަސަން
10 March 2025
ކޮން އިރަކުތޯ ނިމިފައި ހުރި ފުލެޓް ތަށް ހަވާލު ކުރަނީ ޑޭޓް ދީބަލަ, 3 މަސް ކުރިން އުޅޭތަނުން ނުކުންނަން ނޯޓިސް ދޭން ޖެހޭ. ނޫނީ ތިންމަސް ވަންދެން ކުލި ނަގާގެންނުވާނެ ލިބޭ ފުލެޓަށް.
ހުސައިން.
10 March 2025
ރައިސް ކުރީން ތިހެން ބުނެގެން ދިން ލިޔުން އެބައިން, ދޮގުނަހަދާ, ހެންވިޔްޔާ ކީއްވެ މިފަހަރު އެމީހުން އިސް ނުކުރީ, ކޮބާތަ 2500 ހައުސިން ޔުނިޓްގެ ފުލެޓް ލިބުން ކަމަށް ހަމަ މިރައިސް މިނިސްޓާކަށް ހުރެދިން ލިއުން, ފެލެޓް ދިންތޯ. އެހެން ކިޔާފަ.
އޮނަރަބްލް އަފީފު ދީދީ
10 March 2025
މިފަދަ ކަންކަމަކީ މާލޭސަރުކާރު ހިންގުމަށް ޙަވާލުވެހުންނަވާ "ޙާދިމް މީހާ" ބޭނުންވީމާ ބޭނުންގޮތަކަށް ކުރާން ދޫކޮށްލާފައި ބާއްވަންޖެހޭ ފަދަ ކަންކަމެއްނޫން. އެހެން ނަމަވެސް ޒަމާނުއްސުރެން މާލޭސަރުކާރުގެ ފަރާތުން ކ.އަތޮޅު މާލޭމީހުން ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންގެ މައްޗަށް ޙާއްސަކުރާ އުސޫލުގެ ތެރެއިން އެކަންކޮށް މާލޭ މީހުނަށް ދައުލަތުގެ މުއްސަނދިކަމާއި ވަސީލަތް ބަހާން ބޭނުންވާތީ އަދުލުވެރިކޮށް މިކަން ކުރެވޭފަދަ ޤާނޫނު ވުޖޫދު ނުކުރާންވެގެން އުޅެނީ.
އޮނަރަބްލް އަފީފު ދީދީ
10 March 2025
ވޭތުވެދިޔަ 60 އަހަރު އެކުވެރި ދައުލަތްތަކާއި ބައިނަލްއަޤުވާމީ ޖަމާއަތްތަކުން ލިބުނު ހުރިހާ އެހީތަކާއި (ރާއްޖޭގެ އެހެން ރަށްރަށަށް ލިބޭ އެހީވެސް ޙަރަދުކުރީ ކ.މާލެ އަށް. އޭގެ މިސާލަކީ އައްޑޫ ގޭން އެއަރޕޯޓް ޑިވޮލޯޕްމަންޓަށް އިޤިރޭސިވިލާތާއި އޮސްޓްރޭލިއާ އިން ދިން ކަރަންޓް ކޭބަލް ކ.މާލޭ މަގުމަތީގައި ވަޅުލާފައިވުން) ދައުލަތުގެ ޙަޒާނާ އެއްކޮށް ތަޅާހުސްކުރީ ކ.މާލޭމީހުނަށާއި، އެމީހުންގެ ރަށުގެ ކަންކަން ކުރުމަށްކަން ރާއްޖޭގެ ކަންކަން ބަލާބަޔަކަށް އިގޭނެ.
އޮނަރަބްލް އަފީފު ދީދީ
10 March 2025
ދައުލަތުގެސިޔާސަތު ކަޑައަޅާ ތަންފީޒުކުރާންތިބި ކ.މާލޭ ބޮޑުން އެމީހުންގެރަށަށް ކަންކަން ފަހިކުރުމަށްޓަކާ ގެންގުޅޭ "އެއްރަށްދައުލަތް ސިޔާސަތުގެ ސަބަބުން" ކ.މާލެއަށް ވުރެން ތަނަވަސް ކަމާއި، އުމްރާނީ ތަރައްޤީއޮތް ބޮޑު އާބާދީއެއް ދިރިއުޅެމުން އަމިއްލަ މަސައްކަތް ތެރިކަމުން އެމީހުންގެ ދިރިއުޅުމުގެ ހުރިހާކަމެއް ބަލަހައްޓަމުން އައި އައްޑޫ ފުވައްމުލައް އަދި ހުވަދޫ އަތޮޅު ފަދަ ރަށްރަށް މުޅިން ފަޅުވެ އެރަށްތައް މާލޭސަރުކާރަށް ނުވެލެހެއްޓޭ ހިސާބަށް ހިގައްޖެ.
ސަރީރް
10 March 2025
އަބަދުވެސް ކަމެއް ފެއާކޮށް ނުގެންގޮސްފައި ބުނާނެ އެންމެންނަށްވެސް އަދި ލިބޭނެޔޭ. އެދުވަހެއް އަންނަތަނެއް ނުފެނޭ