ފަލަސްތީނަށް ތާއީދުކޮށް އެމެރިކާގެ ޔުނިވަސިޓީއެއްގައި މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ
11 މާޗް 2025 - 09:25
ފަލަސްތީނަށް ތާއީދުކޮށް އެމެރިކާގައި މުޒާހަރާކުރާ ބިދޭސީން ޑީޕޯޓްކުރާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމުމާ އެކު، ކޮލަމްބިއާ ޔުނިވާސިޓީގައި ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ލީޑަރަކު އިމިގްރޭޝަން އޮފިސަރުން ހައްޔަރުކޮށްފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދޭ ހަމަލާތަކާއި ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ކޮލަމްބިއާ ޔުނިވަސިޓީގައި ކުރާ މުޒާހަރާތަކާ ގުޅިގެން އެ ޔުނިވަސިޓީއަށް ސަރުކާރުގެ 400 މިލިއަން ޑޮލަރުގެ އެހީ ވެސް ވަނީ ކަނޑާލައިފަ އެވެ.
ޔުނިވަސިޓީގެ ކެމްޕަސް ޔޫނިއަންއަކުން ބުނީ އިޒްރޭލާ ދެކޮޅު މުޒާހަރާތައް ހިންގުމުގައި އެންމެ އިސްކޮށް އުޅޭ އެއް ދަރިވަރު ކަމަށްވާ މަހްމޫދު ޚަލީލް ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިކަން ކަށަވަރުކޮށްދެމުން އިމިގްރޭޝަނުން ބުނީ މިއީ "އެންޓި ސެމިޓިޒަމް" ނުވަތަ ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުމުގެ އަމަލުތައް ހުއްޓުވަން ޓްރަޕް ނެރުއްވި ރިޔާސީ އަމުރުގެ ދަށުން އެޅި ފިޔަވަޅެއް ކަމަށެވެ.
"މިދިޔަ ހޮނިހިރު ދުވަހު ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް) ގެ އޮފިސަރުން ވަނީ ދާދި ފަހުން ކޮލަމްބިއާ ޔުނިވަސިޓީން ގްރެޖުއޭޓްވި އަދި މިދިޔަ އަހަރުގެ ބަހާރު މޫސުމުގައި ޣައްޒާއަށް ތާއީދުކޮށް ކެމްޕަސްގައި ހިންގި ހަރަކާތްތަކުގެ އިސް މެންބަރު މަހްމޫދު ޚަލީލް ބަންދުކޮށްފަ އެވެ." އެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އޮކްޓޯބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާއަށް ފަހު ޣައްޒާއަށް އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ދެކޮޅަށް އެމެރިކާގެ ނިއު ޔޯކްގެ ކޮލަމްބިއާ ފަދަ ކެމްޕަސްތަކުގައި ދަރިވަރުން ކުރި މުޒާހަރާތަކުގެ ސަބަބުން އެ ތަންތަން ވަނީ ހަލަބޮލިވެފަ އެވެ. މިއީ ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުމުގެ ހަރަކާތްތަކުގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.
ބައެއް ޔުނިވަސިޓީތަކުގައި ދަރިވަރުން ވަނީ ކިޔަވައިދިނުމަށް ހުރަސްއެޅޭ ހާލަތަކަށް މުޒާހަރާގެ ހަރަކާތްތައް ފުޅާކޮށްފަ އެވެ. އަދި އިޒްރޭލަށް ތާއީދުކޮށް އަޑު އުފުލި ދަރިވަރުންނާއި ފަލަސްތީނަށް ތާއީދުކުރާ ދަރިވަރުންނާ ދެމެދު ކުރިމަތިލުންތައް ވެސް ހިނގާފައިވެ އެވެ.
ކެމްޕަސް މުޒާހަރާގެ ލީޑަރު ހައްޔަރުކުރުމަށް ފަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ "އެމެރިކާގައި ތިބި ހަމާސްގެ ސަޕޯޓަރުންގެ ވިސާ ނުވަތަ ގްރީން ކާޑު ބާތިލުކޮށް އެ މީހުން ޑީޕޯޓް ކުރެވޭނެ ގޮތް ހަދާނެ" ކަމަށް އެކްސްގައި ލިޔުއްވައިފަ އެވެ.
އިމިގްރޭޝަން އެންފޯސްމަންޓް ޑިޓެންޝަންގައި ހުރި ޚަލީލަކީ އެމެރިކާގެ ދާއިމީ ރަަށްވެހިކަން އޮތް މީހެކެވެ. އޭނާ ދޫކޮށްލުމަށް ގޮވާލައި އެތައް ހާސް ބަޔަކު މިހާރުވެސް ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފަ އެވެ.
"އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް [އައިސް] ގެ އެޖެންޓުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކޮލަމްބިއާ ކެމްޕަސް އިމާރާތްތަކަށް ވަންނަން މަސައްކަތްކުރާ ކަމުގެ ގިނަ ރިޕޯޓްތަކެއް ވެސް ވަނީ ލިބިފައި. އޭގެ ތެރޭގައި އަންޑަގްރެޖުއޭޓް ޑޯމްތައް ވެސް ހިމެނޭ،" ޔޫނިއަން އިން ބުންޏެވެ.
އެ ޔުނިވަސިޓީން ވެސް ވަނީ އައިސްގެ އެޖެންޓުން ޔުނިވަސިޓީ ކައިރި މަގުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުނެފަ އެވެ. އެކަމަކު ޚަލީލް ހައްޔަރުކުރުމާ ބެހޭ ގޮތުން އެއްޗެއް ނުބުނެ އެވެ.
ޔުނިވަސިޓީން ބުނީ އެތަނުން އަމަލުކުރަމުން ގެންދާނީ ގާނޫނުތަކާ އެއްގޮތަށް ކަމަށާއި ގާނޫނު ތަންފީޒުކުރާ މީހުން ޔުނިވަސިޓީއަށް ވަންނަ ނަމަ އެކަން ކުރަން ޖެހޭނީ ކޯޓު އަމުރަކާ އެކު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޒަނާ
12 March 2025
މިހިރެ މިހިރެ ކަންތައްތަކުންވެސް އެނގެނީ އެމެރިކާގެ މުނާފިޤު ކަން.....
އަހުމަދު އަލިމަނިކުފާނު
11 March 2025
ރާއްޖެ ކަހަލަ ކުދި ގައުމުތަކުން މިކަހަލަ ކަމެއް ކުރީމަ ބުނާނީ ޚިޔާލު ފާޅު ކުރުނުގެ މިނިވަންކަމަށް އަރައި ގަތިއްޔޭ !!! ލަދުން ބޯ ހަލާކު ވާވަރުވޭ .
ޖަމީލުބެ
11 March 2025
އިސްލާމީ ގައުމު ތަކުގައި މުޒާހަރާ ކުރުމަށާއި ހަމަނުޖެހުން އުފެއްދުމަށް މިމީހުން ހާދަ ތާއީދެއް ކުރެއޭ! އެމީހުންގެ ތެރޭގައި އެކަން ކުރުމުން މިވަނީ ކިހިނެއްބާ!
މުލޭ
11 March 2025
އެންމެ ބޮޑު ޑިމޮކްރަސީ ތަކުގައި ވެސް ޚިޔާލު ފާޅުކުރުމުގެ "މިނިވަންކަމެއް" ނެތް ދޯ. އެމްޑީޕީ މީހުން ކީކޭތަ ބުނަނީ މިކަމާ.
ކިއްލި
11 March 2025
މުޅި ދުނިޔޭގަ ވަކިހިއްޕަން މަސައްކަތް ކުރާ އެމެރިކާއަށާ އިޒްރޭލަށް ހަލާކުހުރި.
ޔޫކޭ
11 March 2025
ކޮބާ ހުޅަނގާ އެމެރިކާގެ ފްރީޑަމް އޮފް ސްޕީޗް، މިތަންތަނަށް އައިސް މި ބައި ގަނޑު އަހަރެމެނަަށް ޕްރީޑަމް އޮފް ސްޕީޗާ ހިއުމަން ރައިޓްސް ކިޔަވައި ދޭނެ. އަދި މި ވެރީން ލިޔެފަ ހުންނަށް މިފަދަ ފޮތްތަށް މިތަންތާ މުގައްރަރު ތެރޭ ކިޔަވައިދެވެނީވެސް
ހިނިއަންނީ
11 March 2025
އިންސާނީ ހައްގުތަކާ ފްރީޑަމް އޮފް ސްޕީޗްގެ ވާހަކަދައްކަން އެންމެ އައުލާކަން ބޮޑީ މިދިވެހިރާއްޖޭގަ އުޅޭ ދިވެހިންތަ؟ މިގައުމުގަ ތިބުނާ ފްރީޑަމް އޮސް ސްޕީޗް ބޭނުންކުރި މީހުންވީ ކަނޑުފައްތާފަ އަނެއްބަުަކު ވަޅިހަރާ މަރާލާފަ ދެންތިބި މީހުން މަރަށް ބިރަށް އަމިއްލަޔަކަށް ބޭރުގައުމުތަކަށް އަރުވާލެވިގެން އެތިބީ