ބަޔަކު އުމްރާގެ އަޅުކަމުގައި.-- ފޮޓޯ:އޭއެފްޕީ
10 މާޗް 2025 - 12:51
އާއިލާގެ ބަޔަކާ އެކު މި ރޯދަ މަހު އުމްރާގެ އަޅުކަމަށް ދާން ގިނަ އަދަދެއްގެ ފައިސާ ދެއްކި ފަހުން، ނުގެންދެވޭނެ ކަމަށް އެންގި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އުމްރާއަށް ތައްޔާރުވި ފަހުން ނުގެންދެވޭނެ ކަން އެންގީ އަސްކޮއި ހައްޖު ގްރޫޕްގެ ހަވާލުގައި ދާން އުޅުނު ހަ މީހަކަށެވެ.
އެ އާއިލާ އިން ވާހަކަ ދެއްކި ހަލީމަތު ސިފްނީ "މިހާރު"އަށް ބުނީ އޭނާގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ އިތުރު ތިން މީހުންނާ އެކު މި ރޯދައިގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އަސްކޮއި ހައްޖު ގްރޫޕަށް މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ފައިސާ ދައްކަމުން ގޮސް ޖެނުއަރީ 24 ގައި އެއްކޮށް ފައިސާ ދައްކައި ނިންމާފައިވާ ކަމަށެވެ.
އެ ގްރޫޕަށް ފައިސާ ދެއްކީ މީހަކަށް 42،000ރ.ގެ ރޭޓުން ޖުމްލަ 252،000ރ. އެވެ.
ސިފްނީ ބުނި ގޮތުގައި އުމްރާއަށް މި މަހުގެ 16 ގައި ފުރާނެ ކަމަށް އަސްކޮއި ގްރޫޕުން އޮތީ ޔަގީންކަން ދީފަ އެވެ. އެނބުރި ރާއްޖެ އަންނާނީ ޝައްވާލް މަހުގެ ހަ ވަނަ ދުވަހު ކަމަށާއި އުމްރާއަށް ދާ މީހުންނާ އެކު މާދަމާ ޖަލްސާ ބާއްވާނެ ކަމަށް ވެސް ކުރިން އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.
އެ ހަ މީހުންގެ ފުރަތަމަ އުމްރާ ދަތުރަށް ފައިސާ ދައްކައި ހުރިހާ ކަމެއް ހަމަޖެހުމުން މުޅި އާއިލާ އެންމެން ވެސް ތިބީ ވަރަށް އުފަލުންނެވެ. އަދި ރަށުގައި ދިރިއުޅޭ އެ އާއިލާގެ އެންމެން އޮތީ މާލެ އައުމަށް ދަތުރު ހަމަޖައްސައިފަ އެވެ.
އެކަމަކު، މިއަދު މާލެ އަންނަން ހުރިހާ ކަމެއް ނިންމާފައިވަނިކޮށް ދިމާވި މައްސަލައަކުން ކަމަށް ބުނެ ފަހު 10ގެ އުމްރާއަށް ދަތުރުކުރެވެން ނެތް ކަމަށް އަސްކޮއި ގްރޫޕުން އެންގީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ސިފްނީ ބުންޏެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދު ސިފްނީއަށް ފޮނުވި މެސެޖުގައި ވަނީ އެ ކޮޅުން ދިމާވި ކަމެއްގެ ސަބަބުން ދަތުރަށް ވަރަށް ބޮޑަށް ބުރޫއަރައިގެން އެކަން ރަނގަޅުކުރެވޭތޯ ވަރަށް މަސައްކަތްކުރިއަސް އެކަން ހައްލުނުކުރެވޭތީ ދަތުރު ކުރެވިދާނެ ކަމުގެ އުއްމީދު ކުޑަ ކަމަށެވެ.
"ތަކުރާރުކޮށް މައާފަށް އެދުނަސް ތިބޭފުޅުންނަށް ގަބޫލުކުރައްވަން އުނދަގޫވާނެ ތި ބޭފުޅުންގެ ފައިސާ ދެވޭނެ އެހެނަސް ދަތުރު ނުކުރެވުމުން ލިބޭ މާޔޫސްކަން ބޮޑުވާނެ ކަން ގަބޫލުކުރަން. އޭޕްރީލް 15 އަށް ވުރެ ފަސްވެދާނެ ރުފިޔާ ހަވާލުކުރަން. މައާފާއެކު އެދެން ހިތާމައާ އެކު މިކަން ގަބޫލުކޮށް ދެއްވުމަށް. ހިތާ ދެކޮޅަށް ވެސް ގަބޫލުކުރައްވައިފި ނަމަ ފަސޭހަ ކަމާއެކު ރުފިޔާ ދެވޭނެ ވާހަކަ ދަންނަވަން. ވަރަށް މައާފާއެކު ގަބޫލުކޮށް ދެއްވުން އެދެން." އެ މެސެޖުގައިވެ އެވެ.
ސިފްނީ ބުނީ ދަތުރުކުރެވެން ނެތް ކަމަށް އަސްކޮއި ގްރޫޕުން އެންގުމާ އެކު ރިފަންޑު ހަމަޖައްސައިދިނުމަށް ވެސް އެދިފައިވާ ކަމަށެވެ. އަދި ރިފަންޑު ދީފިނަމަ އެހެން ގްރޫޕެއްގެ ހަވާލުގައި ހަ މީހުންނަށް މި ރޯދަ މަހު އުމްރާއަށް ދެވެން އެބައޮތެވެ، އަވަހަށް ފައިސާ ލިބޭނެ ގޮތެއް ނެތުމުން އެ އާއިލާއިން މިހާރު ވަނީ ޕޮލިހާއި އިސްލާމިކް މިނިސްޓްރީއަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.
"މިނިސްޓްރީއަށް މައްސަލަ ހުށަހަޅައިފިއްޔާ ދަތިވެދާނެ ކަމަށް ބުނީމަ ހުށަނޭޅީ. އެކަމަކު، އަސްކޮއި ގްރޫޕަށް މުއްދަތެއް ދީފައި މައްސަލަ މިހާރު މި ހުށަހެޅީ،" ސިފްނީ ބުންޏެވެ.
އުމްރާއަށް ދާން ފައިސާ ދެއްކި ފަހުން އެތަނުން އެކަކު ވަނީ މިދިޔަ މަހުގެ 25 ގައި ނިޔާވެފަ އެވެ. މަސައްކަތުގައި އުޅެނިކޮށް ސިއްހީ މައްސަލައެއް ދިމާވެގެން މިދިޔަ މަހުގެ 19 ގައި 41 އަހަރުގެ އެ ފިރިހެން މީހާ ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން އާއިލާއިން ދިޔައީ އެކަން އުމްރާ ގްރޫޕަށް އަންގަމުންނެވެ.
އެ އާއިލާއިން ބޭނުންވީ ފިރިހެން މީހާއަށް ނުދެވިއްޖެނަމަ އޭނާގެ އަންހެނުން އުމްރާއަށް ގެންދާށެވެ. އެކަމަކު، އެކަން ވެސް ކުރެވެން ނެތް ކަމަށް އުމްރާ ގްރޫޕުން އެންގިކަމަށް ސިފްނާ ބުންޏެވެ.
އޭގެ އިތުރުން، މައިންބަފައިންގެ އުމުރުން ދުވަސްވެ އަދި ބައްޕަގެ ސިއްހީ މައްސަލަތައް ހުރުމުން އާއިލާއިން ބޭނުންވަނީ ދަތުރު ފަސްނުކޮށް ވީހާ ވެސް އަވަހަކަށް އުމްރާއަށް ދާށެވެ.
"އާއިލާގެ ބަޔަކު މީގެ ކުރިން އެ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ. ވަރަށް ރަނގަޅަށް ކަންތައްތައް ދިޔަ ކަމަށް ބުނީމަ ބޭނުންވީ އެ ގްރޫޕުން ދާން،" ސިފްނީ ބުންޏެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އަދި އަސްކޮއި ގްރޫޕުގެ ބަހެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚސކސކސކސކ
10 March 2025
އެކަހަލަ ލަނޑު ލަނޑު ދޭ މީހުންނަށް ދެރަގޮތެއް ނުވާތަން ރާއްޖެއިން ފެންނަނީ.. ބަދަލުގަ އެމީހުން ދަނީ ކުރިއަރައިގެން މާލީގޮތުންވެސް
ބަލަންތިބޭ
10 March 2025
އަސްކޮއި ގުރޫޕަކީ ވަރަށް ރަގަޅަށް ފަށައިގަނެގެން ވަރަށް ރަގަޅަށް ކުރިއަށް ދަމުން ދިޔަ ބައެކެވެ. ހީވާގޮތުން " އަސް ވަކިވެ ކޮއި " ވަކިވީމާ ތިޔަކަހަލަ ކަންތައްތައް ދިމާވަމުން ދަނީއެވެ.
ސުމަން މިޔާ
10 March 2025
އާދަ ކާދަ އޮންނަ ގޮތުން ލާރި ކޮޅުނަގައި ކައި ހުސްކޮށްފި! އަދި އެންގި އިރު ބޭބެ މެން ތިބީ ރާއްޖޭގައި ކަމަށްވާތީ ޝުކުރު އަދާކުރަން ޖެހޭ ދޯ އެމީހުންނަށް؟ މި މީހުން ވަރަށް ރަނގަޅު ގެންދިއުމުގެ ކުރީގައި އަންގާލި ކަން؟
އިހްސާސް
10 March 2025
ޙައްޖު ކޯޕަރޭޝަންއިން ޖާގަ އޮއްވާ އެހެން ގުރޫޕްތަކުގެ އަވައިގަޖެހޭތީ މައްސަލައީ. އިސްލާމިކް މިނިސްޓްރީއިން ޙައްޖު ކޯޕަރޭޝަން ފުޅާކޮށް ޖާގަ އިތުރުކުރަންޖެހޭ.
ކޮްއްކޮ އަލީ
10 March 2025
ޙައްޖު ކޯރޕަރޭޝަން އޭ.. ތިޔަވާހަކަ ހެޔޮވާނީ ނުދެއްކިއްޔާ. ޢެތާ ތިބޭމީހުން ވެސް ހަދަނީ މަކަރު.. މީގެ 2 އަހަރު ކުރިން ހައްޖައްދާން ފައިސާ ދެއްކީ އެފައިސާ އެއްކޮއް ދެއްކީމަ ބުނީ 2028 ގައި ދެވޭނެ ކަމައް މިހާރު 2029 ދެވޭނެ ކަމެއް ޔަގީނެއް ނޫން މިހާރު ލިސްޓް ގައި ނަން އިނީ 2029 ލިސްޓް ގެ ފަހަތުގައި.. ހައްޖު ކޯރޕަރޭޝަން ގެ ފައިސާ ދައްކައިގެން ވެސް ދެވެނީ ސިޔާސީ މީހުން ބޭނުންވާ ބަޔަކައް. 2022، 2023 ގައި ހެދީ މަކަރު .މިހާރުވެސް ހަމަ ތަފާތެއނެތް
ސާންތިބެ
10 March 2025
ކުދިންނޭ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އެންމެ ރަނގަޅުވާނީ. ކަމެއް ގޯހުން ދިޔައަަސް ސަރުކާރުން އެކަމެއް ވަގުތުން ހައްލު ކުރަން މަސައްކަތް ކުރާނެ. އެހެންވީމަ މިބުނަނީ ފާޑު ފާޑުގެ ގްރޫޕްތަކަށް އިތުބާރު ނުކުރާށޭ!
ސުބޫ
10 March 2025
ވ ރަނގަޅުވާހަކައެއް. ތަޖުރިބާޔާއެކު މިބުނީ.
ކަދިކަމަނާ
10 March 2025
ކޮމެންޓުންމިއިގެނީ ދިވެހިންގެ ހިށްނުބައިކަން ކޮންމެބަޔަކަވެސްކަމެދިމާވެެާދާނެ
ބެއްޔާގެ ދަރި
10 March 2025
އަސްކޮއިއަކީ ތިކަމުގެ ތާރީހެއް އޮތް ބައެއް. މީގެ ކުރިން އަހަރެމެން ވެސް ދާން އޮތް ދުވަހު އެއަރޕޯޓްގައި ތަޅުވާފައި އެ ދުވަހު ނުފުރިގެން ފަހުން ފުރަންޖެހުނީ
ގތވގހވޔހވ
10 March 2025
މަކަރާ ހީލަތް ފަސޭހައިން ހެދެން އޮތް ދާއިރާއަކަށް އުމުރާ/ހައްޖު ވެސް ވެ ނިމުނީއޭ.. ތިކަންކަން ކުރާ މީހުންނާ ހަމައަށް ގާނޫނުގެ އަތް ނުފޯރާ ނަމަ އެބަޔަކުގެ ހައްގު ހޯދުން ގޮތަކަށް ހޯދަން ނިކުންނާނޭ
ޑިސްއޮންރަބަލް ޑީޑީ
10 March 2025
ކޮންމެރޯދަމަހެއްގާ ކޮންމެވެސް ބަޔަކު އުމްރާއާގުޅޭގޮތުން ކޮންމެވެސް ޖަރީމާއެއް ހިންގާތަން ފަހަކަށްއައިސް މިފެންނަނީ. އަދުލެއް އިންސާފެއްނެތްތަނެއްގާ ނުވެނުދާނެ ކަންކަން މިހުންނަނީ.
ތުއްތޮންބެ
10 March 2025
ދިވެހިރާއްޖޭގައި މީހުން އުމްރާއާއި ހައްޖައްގެންދިއުމުގެ ހުއްދަ މޯލްޑިވިސް ހައްޖު ކޯރޕަރޭޝަންނޫން އެހެންބަޔަކަށް އެހުއްދަ ނުދެންވީ އޭރުން އެއްފަހަރުން ތިކަންތައް ހައްލުވީ ވާގޮތަކީ މޮޅެތިނަންތަށް ކިޔައިގެން މީގެން ކޮންމެބައެއް އިސްލާމިކު މިނިސްޓުރީގެ ނުފޫޒު ގަދަމީހަކާ އޮންނަނީ ކޮޅުއަޅާފަ އާހިރުގަ ހުރިހާ ދެރައަކާ ތަކުލީފެއް މިއުފުލަންޖެހެނީ ނިކަމެތި ރައްޔިތުން.