ޔޫއެސްއެއިޑްގެ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދަނީ: މި އެޖެންސީ މިހާރު ވަނީ ގާތްގަނޑަކަށް އެއްކޮށް ހުއްޓުވާފައި. -- ފޮޓޯ: އޭއެފްޕީ
11 މާޗް 2025 - 09:23
"އެމެރިކާ ފަސްޓް" އެޖެންޑާއާ އެއްގޮތަށް ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން، އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ ޕްރޮގްރާމްތަކުގެ 83 ޕަސެންޓް ހުއްޓާލަން ނިންމާފައިވާ ކަމަށް ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.
ޔޫއެސްއެއިޑުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ގާތްގަނޑަކަށް 120 ގައުމެއްގައި ސިއްހީ އަދި އިމަޖެންސީ ޕްރޮގްރާމްތައް ހިންގަމުންދާއިރު އެހީ ހުއްޓާލުމަކީ ވަރަށް ގިނަ ގައުމުތަކަށް ބޮޑު މައްސަލައަކަށް ވާނެ ކަމަށް ބުނެ އެކި ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"ހަ ހަފްތާވަންދެން ރިވިއުކުރުމަށް ފަހު މިހާރު ވަނީ ޕްރޮގްރާމްތަކުން 83 ޕަސެންޓް ހުއްޓާލަން ރަސްމީކޮށް ނިންމާފައި،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރޫބިއޯ ވިދާޅުވި އެވެ.
"މިހާރު ބާތިލްކޮށްފައިވާ 5،200 ކޮންޓްރެކްޓުން އެތައް ބިލިއަން ޑޮލަރެއް ޚަރަދުކުރީ އެމެރިކާގެ މައިގަނޑު ގައުމީ މަސްލަހަތު ހިމާޔަތް ނުވާ ގޮތަށް، (އަދި ބައެއް ހާލަތްތަކުގައި ގެއްލުމެއް ވެސް ވާ ގޮތަށް).
ރޫބިއޯ ވިދާޅުވީ ބާކީ 1،000 ޕްރޮގްރާމް ހިންގާނީ ސްޓޭޓް ޑިޕާޓްމަންޓުން ކަމަށެވެ. މިއީ ޖެނުއަރީ މަހުން ފެށިގެން، ގިނަ މުވައްޒަފުން ޗުއްޓީއަށް ފޮނުވާލައި ނުވަތަ ވަޒީފާއިން ވަކިކޮށްފައިވާ ޔޫއެސްއެއިޑް ބޭނުން ނުހިފުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ބެލެވެ އެވެ.
ޔޫއެސްއެއިޑް ބަންދުކުރުމަށް ގޮވާލައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިދިޔަ ޖެނުއަރީ މަހު ރިޔާސީ އަމުރެއްގައި ސޮއިކުރައްވައި، ބޭރުގެ ހަރަދުތައް ދެނެގަތުމަށް ވަގުތު ދިނުމުގެ ގޮތުން އެމެރިކާގެ ބޭރުގެ ހުރިހާ އެހީއެއް މެދުކަނޑާލަން އަންގަވައިފަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ މަހު ވަނީ ޔޫއެސްއެއިޑްގެ ކޮންޓްރެކްޓްތަކުގެ 92 ޕަސެންޓް ބާތިލްކުރަން ނިންމާފައިވާކަން އިއުލާނުކޮށް، ހިލޭ އެހީގެ 5،800 ޕްރޮގްރާމެއް ހުއްޓާލަން ނިންމައިފަ އެވެ.
ޓްރަމްޕާއި އޭނާގެ ބައިވެރިން ބުނަމުން ދަނީ ބޭރުގެ އެހީ އަކީ ބޭކާރު އަދި އެމެރިކާގެ މަސްލަހަތު ހިމާޔަތްނުވާ ހަރަދެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނގަޅު
11 March 2025
ރެއިންބޯ ފަޑުވަނީތާ... މާލަސްވެސް ވެއްޖެ