11 މާޗް 2025 - 10:36
މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ގަދަ ހަތަރެއްގައި މެންޗެސްޓާ ސިޓީ އަށް ނިންމާލެވުނަސް އެއީ ބޮޑު ކާމިޔާބަކަށް ވާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން، މި ސީޒަނުގައި އޮތީ ލީގު ތާވަލުގެ ފަސް ވަނައިގަ އެވެ. އެ ޓީމަށް ބާކީ އޮތީ 10 މެޗެވެ. މި ސީޒަނުގައި ޓީމުގެ ނަތީޖާ އެހާ ބޮޑަށް ދަށަށް ދާން ޖެހުނު އެންމެ ބޮޑު ސަބަބަކީ ގާޑިއޯލާ ބުނީ ގޮތުގައި އަނިޔާގެ މައްސަލަތަކެވެ.
ސިޓީގައި އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި އެންމެ ފަހުގެ ބެލޮންޑިއޯ އެވޯޑް ހޯދި ރޮޑްރީ ވެސް ހިމެނެ އެވެ.
ގަދަ ހަތަރަކަށް ވަދެވިއްޖެނަމަ ޗެމްޕިއަންސް ލީގުގެ ޖާގަ ގައިމުވެސް ކަށަވަރު ވާނެ އެވެ. އެ މަގާމަށް އަރަން ސިޓީ ކުރާ މަސައްކަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއްފެންވަރެއްގައި ގިނަ މެޗުތަކެއް ނުކުޅެވުމެވެ.
ސިޓީން ލީގުގެ ހަތަރު ވަނަ އަށް އަރަން ކުރި މަސައްކަތަށް މަޑުޖެހުމެއް ގެނައީ ނޮޓިންހަމް ފޮރެސްޓެވެ. މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ފޮރެސްޓް އަތުން ހޮނިހިރު ދުވަހު ސިޓީ ބަލިވީ 1-0 އިންނެވެ.
ހަތަރު ވަނައިގައި އޮތް ޗެލްސީ އާއި ސިޓީއާ ދެމެދު ދެ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
"ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުނަސް އެ ވާނެ ބޮޑު ކާމިޔާބަކަށް. އަހަރެން ބޭނުންވޭ ޗެމްޕިއަންސް ލީގުގެ ޖާގައެއް. (އެ ޖާގަ ސިޓީ އަށް ނުލިބިއްޖެއްޔާ) އެ ނުވާނެ އެހާ ރަނގަޅު ކަމަކަށް. އަހަންނަށް ފެނިއްޖެ (ޗެމްޕިއަންސް ލީގުން ގަވާއިދުން ޖާގަ ނުލިބޭ) ޕްރިމިއާ ލީގުގެ އެހެން ކްލަބްތަކަށް ވެސް ވީގޮތް. ޗެމްޕިއަންސް ލީގުން ޖާގަ ނުލިބިއްޖެޔާ އެ ވާނެ ވަރަށް އުނދަގޫ ކަމަކަށް،" ގާޑިއޯލާ ބުންޏެވެ.
ޕްރިމިއާ ލީގުގެ ފަސް ވަނައިގައި ނިންމާލެވުނަސް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އެ ޓީމަކަށް ޖާގަ ލިބޭނެ އެވެ. އެއީ އަންނަ ސީޒަނުން ފެށިގެން ޕްރިމިއާ ލީގުގެ ގަދަ ފަސް ޓީމަށް ޗެމްޕިއަންސް ލީގުން ޖާގަ ދިނުމަށް ޔުއެފާ އިން ވަނީ ނިންމައިފަ އެވެ.
ގާޑިއޯލާ ބުނީ ފަސްވަނައިގައި އޮތަސް ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނޭ ބުނެ ފަސޭހައިން ދޫކޮށްލަން އޭނާ ބޭނުން ނުވާ ކަމަށެވެ.
"މެޗުތަކުން މޮޅުވާން އެބަޖެހޭ. އެއީ ހަތް ވަނައިގައި އޮވެގެން ލިބެން އޮތް ފުރުސަތެއް ކަމަށް ވިޔަސް މެޗުތަކުން މޮޅުވެގެން ނޫނީ އެ ފުރުސަތެއް ނުހޯދޭނެ. އަހަރެން ބޭނުންވޭ މެޗުތައް ކާމިޔާބު ކުރަން،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy