ހޫތީ ހަނގުރާމަވެރިން އަތުލައިގެންފައިވާ ބޯޓެއް: އިޒްރޭލުން ޣައްޒާ ހިސާރުކޮށްފައި އޮންނާތީ ބޯޓުތަކަށް އަލުން ހަމަލާތައް ދޭން ފަށާނެ ކަމަށް ވަނީ އިއުލާނުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
13 މާޗް 2025 - 09:53
ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް މެދުކަނޑާލަން ހަމާސްއާ އެކު ވެފައިވާ އެއްބަސްވުމާ އިޒްރޭލުން ހިލާފުވެފައި ވާތީ އާއި ޣައްޒާގެ އާންމުންނަށް ދަތިކުރުމަށް ފިޔަވަޅުތައް އަޅަމުން ދާތީ ޔަމަންގެ ހޫތީން ރެޑް ސީގައި ބޯޓުތަކަށް ހަމަލާތައް ދޭން އަލުން ފަށާނެކަން އިއުލާނުކޮށްފި އެވެ.
އިޒްރޭލާއި އިޒްރޭލުގެ ބައިވެރިންގެ އުޅަނދުތަކަށް ކަމަށް ބުނެ ހޫތީން ވަނީ 2023 ވަނަ އަހަރު އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ރެޑް ސީގައި އެތައް އުޅަނދަކަށް ހަމަލާދީފަ އެވެ. ބައިނަލްއަގުވާމީ ވިޔަފާރީގައި އެންމެ ގިނަ މުދާ އުފުލާ މި މަގުގައި ހޫތީން ދެމުން ދިޔަ ހަމަލާތައް މެދުކަނޑާލީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ އެކުގަ އެވެ.
ހޫތީން އަލުން ހަމަލާތައް ދޭން ފަށާނެ ކަމަށް އިއުލާނުކުރުމާ އެކު ހަމާސް އިން ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ.
"މިއީ ފަލަސްތީނު ރައްޔިތުން މިނިވަންކަމަށް ކުރާ މަސައްކަތަށް ދޭ ހަގީގީ އެއްބާރުލުމެއް. އަދި މިއީ ޣައްޒާގެ ހިސާރު ނިމުމަކަށް ގެނައުމަށް ހަމަ ހަގީގަތުގައި ވެސް ކުރިމަތި ކުރެވޭނެ ޕްރެޝަރެއް،" ހަމާސް އިން ނެރުނު ބަޔާނުގައި ބުންޏެވެ.
ޔަމަނުގެ ވެރިރަށް ސަންއާ އާއި ރެޑް ސީގެ އައްސޭރިފަށުގެ ބައެއް ސަރަހައްދުތައް ކޮންޓްރޯލްކުރަމުން އަންނަ ހޫތީން އަންގާރަ ދުވަހުގެ ރޭ ވަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލުމަށް ހޫތީން ކަނޑައެޅި މުހުލަތު ހަމަވުމުން ހަމަލާތައް އަލުން ފަށާނެކަން އިއުލާނުކޮށްފަ އެވެ.
ހޫތީން ބުނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުން އަލުން ފެށުމަށް އިޒްރޭލަށް ދިން ހަތަރު ދުވަހުގެ މުއްދަތު ހަމަނުވުމުން ރެޑް ސީ، ބާބް އަލް މަންދާބް ކަނޑުއޮޅި، ގަލްފް އޮފް އަދަން އަދި އަރަބި ކަނޑުގައި "އިޒްރޭލުގެ އުޅަނދުތައް ދަތުރުކުރުން މަނާކުރުމުގެ ހަރަކާތް" އަލުން ފެށުނީ ކަމަށް ބުނެފަ އެވެ.
ރެޑް ސީ އަދި ގަލްފް އޮފް އަދަންގައި ހަމަލާތައް އަމާޒުކުރި އުޅަނދުތަކުގެ ތެރޭގައި އިޒްރޭލާއި އެމެރިކާ އަދި އިނގިރޭސިވިލާތާ ގުޅުން ހުރި ކަމަށް ހަނގުރާމަވެރިން ގަބޫލުކުރާ އުޅަނދުތައް ހިމެނެ އެވެ. އެ މީހުންގެ ކެމްޕެއިންގެ ސަބަބުން ވިޔަފާރީގެ މަގުތަކަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވާއިރު، އެމެރިކާ އާއި އެގައުމުގެ ބައިވެރިން ވަނީ ޔަމަނުގެ ހޫތީންގެ ސަރަހައްދުތަކަށް ވެސް ހަމަލާދީފަ އެވެ.
ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓް މުދާ އުފުލާ ކަމަށް އަންދާޒާކުރެވޭ ރަތްކަނޑުން ދަތުރުކުރުން، ހޫތީންގެ ހަމަލާތަކާ ހެދި ސަސްޕެންޑްކޮށް އެތައް ހާސް މޭލެއް ދުރުން އެފްރިކާ ބައްރު ވަށާލައި ދަތުރުކުރަން ފަށައިފަ އެވެ. އެ ސަބަބާ ހެދި މުދާ އުފުލުމުގެ އަގު ވަނީ ވަރަށް ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްޓަރ ވާން
14 March 2025
މާތް ﷲ ޙޫތންނާއި ފަލަސްތީނަށް ނަޞްރު ދެއްވާށި! އާމީން
ގެދާނޯމޮސް
13 March 2025
ލޯމަރާލާފައި ތުއްތު ފުރާނަތަކާއި މުސްކުޅި މައިންނާއި ޒުވާން ދަރިންގެ ފުރާނަ ދޫކޮށްލަން މިޖެހެނީ ޒަޔަނިސްޓުންނަށް ސަނާކިޔާ އަރަބި ނުވިސްނޭ ބިލިގާ ވަށައިގެން ޔަހޫދީ ކުދިން އަތުރައިގެން ރާބޯ މުސްލިމުންގެ ސަބަބުންނެވެ.