16 މާޗް 2025 - 11:06
ދެ މެޗު ދެމެދުން އަރާމުކުރަން 72 ގަޑިއިރު ނުލިބެންޏާ އިތުރު މެޗަކަށް ރެއާލް މެޑްރިޑުން ނުނުކުންނާނެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން 2-1 އިން ރެއާލް މޮޅުވި މެޗުގައި އެ ޓީމަށް އަރާމުކުރަން ލިބުނީ 66 ގަޑިއިރެވެ. އެއީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު 120 މިނެޓްގެ މެޗަށް ފަހު އަރާމުކުރަން ލިބުނު ވަގުތެވެ.
ރެއާލްގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެނުނު މެޗުގައި އެ ޓީމަށް ވިޔަރެއާލް އަތުން މޮޅު ވެވުނީ ކިރިކިރިޔާ އެވެ. އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ކިލިޔަން އެމްބާޕޭ އެވެ.
އަންޗެލޮޓީ ބުނީ އެހާ އުނދަގޫ މެޗެއްގައި ވެސް ރެއާލް ކުޅުންތެރިން ނެރުނު ހިތްވަރަށް ފަހުރުވެރިވާ ކަމަށެވެ.
"އިދިކޮޅު ޓީމު ވަރަށް ވަރުގަދަ. މިހާ އުނދަގޫ މެޗަކަށް ކުޅުންތެރިން ކުރި މަސައްކަތަށް އަހަރެން އެ ކުޅުންތެރިންނަށް ސާބަސް ދެން،" އަންޗެލޮޓީ ބުންޏެވެ.
އޭނާ ބުނީ ވިޔަރެއާލްގެ މެޗު ފަސްކޮށް ދިނުމަށް ދެ ފަހަރެއްގެ މަތިން އޭނާގެ ކްލަބުން އެދުނު ނަމަވެސް ލަލީގާއިން އެކަމަށް އިޖާބައެއް ދީފައި ނުވާ ކަމަށެވެ.
"އަހަންނަށް ހީވާ ގޮތުގައި މިއީ 72 ގަޑިއިރަށް ވުރެ މަދުން އަރާމު ކުރަން ވަގުތު ލިބިގެން އަހަރެމެން ކުޅޭނެ ފަހު މެޗުހެން. ދެ މެޗު ދޭތެރެއިން އަރާމުކުރަން އިތުރު ވަގުތެއް ނުލިބި އަހަރެމެން ދެން އިތުރަކަށް ނުކުޅޭނަން. އަހަރެމެން ދެ ފަހަރެއްގެ މަތިން އެދުނިން މެޗު ފަސްކޮށްދިނުމަށް އެކަމަކު އެކަން ހަމައެއް ނުޖެހުނު،" އަންޗެލޮޓީ ބުންޏެވެ.
އަންޗެލޮޓީގެ އެ ވާހަކަ އަށް ލަލީލާގެ ރައީސް ހާވިއާ ޓެބާސް ވަނީ ރައްދު ދީފަ އެވެ. ސްޕެއިންގެ ކުޅިވަރު ނޫސް "މާކާ" އަށް ޓެބާސް ވިދާޅުވީ މެޗު ފަސްކޮށްދޭން ރެއާލުން އެދިފައި ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗުވިންގަމް
16 March 2025
ލޯބިވެރިންނަށް ތުއިދައްކާހެން ތުއިދައްކަންނޫޅެ ކުޅެވޭތޯ ބަލާބަލަ.
އެހެން
16 March 2025
ގޯހެއް ނޫން. ތިޔަ ކްލަބަށް ތިހެން ހެދިދާނެ ކަމަށް ޤަބޫލު ކުރެވޭ. އެ ބާރާ ނުފޫޒާ އެހެން ކްލަބެއްގަ ނޯނާނެ. ލަލީގާ ރައީސްގެ ވާހަކަ ވެސް ގޯހެއް ނޫން ކަމަށް މިބަލަނީ. ރެއާލުން އެދިފައި އޮތް ކަމަކަށް ނޫނެކޭބުނަން ޓެބާސްއަށް ދެކޮޅު ހަދަން ވަރަށް ނުކެރޭނެ. 72 ގަޑި އިރަށްވުރެ މަދުން ވަގުތު ދިނުން އެއީ ގޯހެއް ރިއާލުން ތިއަށް އިހްތިޖާޖު ކޮށްގެން ނަމަވެސް ތިކަން އެއްކޮށް ހުއްޓި އެހެން ޓީމަތަކަށް ވެސް ތިއިން މަންފާއެއް ކުރާނެ ކަމަށް މިބަލަނީ.