އެޗްޑީސީގެ ހެޑް އޮފީސް: ސީލައިފް އެއްބަސްވުން އެޗްޑީސީން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
16 މާޗް 2025 - 17:11
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ހަވާލުކުރި ސީލައިފްގެ އެއްބަސްވުން އެޗްޑީސީން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސީލައިފާއި އެޗްޑީސީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި، އެޗްޑީސީން ސީލައިފަށް މިކަމާ ގުޅިގެން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފައިވާ ކަމަށެވެ.
ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެއްގައި އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުގައި ސޮއިކުރީ މާޗު 13، 2014 ގަ އެވެ.
ނަމަވެސް، ސީލައިފުން އެ އެއްބަސްވުމާ ހިލާފަށް، އެ މަސައްކަތް ކުރިއަށް ނުގެންގޮސް، ކްރެޑިޓް ސުއީސްގެ ނަމުގައި ފޯޖްކޮށްފައިވާ ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅައި، ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލާގައި އެޗްޑީސީން ސީލައިފްއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ޑިސެމްބަރު 24، 2018 ގައި ވަނީ ބާތިލުކޮށްފަ އެވެ.
އެ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، އެކަން ކޮށްފައި ވަނީ އެއްބަސްވުމާއި ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި، ސީލައިފްގެ ފަރާތުން އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށް މައްސަލަ ހުށަހެޅި އެވެ.
ސީލައިފުން އެދިފައި ވަނީ އެއްބަސްވުން ބާތިލުކުރި ކުރުމާ ގުޅިގެން އެ ފަރާތަށް ގެއްލުމުގެ ބަދަލު ދިނުމަށް، އެޗްޑީސީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
"ސީލައިފް ޕްރޮޖެކްޓުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިފަދަ އެކިއެކި މަޝްރޫއުތަކުގެ އެއްބަސްވުމާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދުގައި މި ކޯޕަރޭޝަނުން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި މި ފުރުސަތުގައި ފާހަގަކުރަމެވެ،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާތޭ
16 March 2025
ތީތޯ އާންމު ނިކަމެތި ރައްޔިތުންނަށް އިންސާފު ލިބެން ޖެހޭ ގޮތަކީ ކޯޓް ތަކުގެ ގާޒީންނަށް ބަރާބަރަށް މުސާރަ ހިނގާ އެކަމަކު އެތައް ހާސް ނިކަމެތި ރައްޔިތުންނާއި ގުޅިފައިވާ ކަމެއްގައި ހުކުމެއް ކޮށްލަން 10 އަހަރު މިއާއި ޚިލާފަށް ރައީސް ޔާމީނަށް ހުކުމް ކުރަން ވުމުން ބްލެޓް ޓްރެއިން ސްޕީޑް ގައި އެކަން ކުރެވުނު ދޯ ހުރިހާ ކޯޓް ތަކަށް އެގިގެންދާ އެއްޗަކީ ރާއްޖޭގެ ކޯޓް ތައް މެދުވެރިކޮށް ރައްޔިތުންނަށް އިންސާފު ދުވަހަކު ވެސް އެބޭނުންވާ ވަގުތު ނުލިބޭ ކަން
ކުޑަ ވަކީލު
16 March 2025
ސީލައިފުން އެޗްޑީސީ ފަހާދުވި މައްސަލައެއް ނިކަމެތި ރައްޔިތުންނާ ގުޅެނީ؟ ސީލައިފުން ދައުވާކުރީ އެމީހުން ފައިސާ ހޯދަން. އަންމަޓީއަކީތަ ތިބުނާ ނިކަމެއްޗަކީ؟
ދިއްދޫމީހާ
16 March 2025
އަދި ނޫސްބަޔާން ނެރޭވަރެއް ނުވޭ ކޮބާ ހައިކޯޓް އަދި ސްޕްރިމްކޯޓް ދުވާލުގެ އިރުފެންނަ ފަދައިން އަހަރެމެންނަ އިންގޭ ސީލައިފްއަ ބަދަލް ލިބޭނެކަން
އަހުމަ
16 March 2025
ތާޜީޙޫތައް ރަނގަޅުހެން ހީނުވޭ
1
16 March 2025
ތީވެސް ނަސީބެއް. ނޫންނަމަ ސީލައިފަށް އެތައްމިލިޔަނެއް ޖަހާނެ.
ކުސޭނު
16 March 2025
2018 ވަނައަހަރު ހުށަހެޅި މައްސަލައިގެ ފުރަތަމަ މަރުހަލާ 2025 ވަނަ އަހަރު ނިމުނުން ހައިކޯޓުން މައްސަލަ ނިމޭނީ 2032 ހިސާބުގައިކަމަށް ލަފާކުރެވެއެވެ. އިރާދަކުރެއްވިއްޔާ 2050ގެ ކުރިން ސުޕްރިމްކޯޓުން މައްސަލަ ނިމޭވަރުވާނެކަމަށް އުންމީދުކުރަމެވެ. އަންމަޑޭގެ ފަރާތުން ކުސޭނު
ކުޑަ ވަކީލު
16 March 2025
ކާކު ބުނީ 2018 ގައި ހުށަހެޅި މައްސަލައެކޭ. އެއްބަސްވުން ބާތިލުކުރީ 2018 ނިމެނިކޮށް. އެހެންވީމަ 2018 ހުށަހަޅާފައެއް ނޯންނާނެ.