ތުޅާދޫގައި ވަޅަކުން ފެން ނަގަނީ. -- ފޮޓޯ: މިއަދު ނޫސް އާކައިވް
18 މާޗް 2025 - 08:36
ރަށުގެ މެދުތެރެއިން، މައި މަގުގައި ކުޑަކުޑަ ވަޅެއް ކޮނެލައިގެން ބޯފެން ނަގައޭ ބުނެފި ނަމަ މިހާރު އެ ވާނީ ވަރަށް އާދަޔާ ހިލާފު ކަމަކަށެވެ. އެކަމަކު އެއީ ބ. އަތޮޅު ތުޅާދޫގައި އިހުގައި އެކަން ކުރާ ގޮތެވެ. ނުވަތަ އެކަން ކުރަން މަޖުބޫރުވެފައި އޮތް ގޮތެވެ. މާ އިހެއް ވެސް ނޫނެވެ. މީގެ ސާޅީހަކަށް އަހަރު ކުރިއާ ހަމަޔަށް ވެސް ތުޅާދޫން ކިރިޔާ ވެސް ބޯލަން ކަމުދާ ކަހަލަ މީރު ފެންފޮދެއް ލިބެން އޮންނަ ގޮތަކީ އެއީ އެވެ.
ތުޅާދުއަކީ ރާއްޖޭގެ ބައެއް ރަށްރަށެކޭ އެއް ފަދައިން ފެން ލޮނު ރަށެކެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ، ބުނެވޭ ގޮތުގައި 1،800 ގެ އަހަރުތަކުގައި، މި ރަށުގެ ބޮޑުބައެއް ގިރާލުމެވެ. އެހެންވެ ފުއްޓަރު ފަރާތުން، ރަށުގެ ފެންފަށަލައިގެ ތެރެއަށް ލޮނުގަނޑު ވަންނަލެއް ގިނައީ އެވެ. އޭގެ ސަބަބުން ވާރޭ ވެހި ރަށުގެ ފެންފަށަލައިގެ ތެރެއަށް ހިނދޭ މީރު ފެން ވެސް ހިފެހެއްޓޭލެއް ކުޑައީ އެވެ. ކިރިޔާ ވެސް މީރު ފެން ފޮދެއް ލިބެނީ މި ރަށުގެ މެދުތެރެއިންނެވެ. އެހެންވެ، މަގުމަތިންނާ އެއްކޮށް ކުދިކުދި ވަޅުކޮނެ ފެންފޮދެއް އަތުޖައްސަނީ އެވެ.
"ކޮނެގެން ކައްގަލާ ޖެހުމުން، ތުނޑު ހިމަކޮށް ހުންނަ ފޭރާ ނުވަތަ ފުރޯ ތިލައިން ތަޅައި ކަށްގައު ކަނޑައިގެން ފެން ހޯދާ ފަހަރު ވެސް އާދެ އެވެ،" ތުޅާދޫ އާއިޝަތު ރަޝީދާ މިކަމާ ބެހޭގޮތުން ލިޔެފައިވެ އެވެ.
"މިހާ ވަރުން ކޮނުނު ވަޅުގެ ފެން ނުބައި ނަމަ، އަނެއްކާ އަނެއްވަޅު ކޮންނަނީ އެވެ. ބައެއް ދުވަސްދުވަހު ދެ ވަޅު ތިންވަޅު ކޮންނަ ކުދީން ވެސް އުޅެ އެވެ."
ތުޅާދޫގައި ވަޅަކުން ފެން ނަގަނީ. -- ފޮޓޯ: ރިއްސެއްޔޯ ތުޅާދޫ ފޭސްބުކް ޕޭޖް
ފެން ނެގުމަށް ބޭނުންކުރަނީ 'ތުޅާ' އެވެ. މިއީ އުނދުޅީގެ ބައްޓަމަށް، އެކަމަކު އެ އަށް ވުރެ އަނގަ ބޮޑުކޮށް، ނާށިން ހަދައި، އޭގެ ކޮޅުގައި ހިމަ ދަނޑިއެއް ހަރުކޮށްފައި އޮންނަ ކަންވާރެކެވެ. ތުޅާދު އަށް އެ ނަން ދެވުނީ، 'ތުޅާ' އާ ގުޅުވައިގެން ނޫން ކަމަށް ވިޔަސް މި ރަށުގެ ނަމުގެ އެއް މާނައިގެ ގޮތުގައި، 'ތުޅާ' އަދި ރަށު މީހުން އެ ބޭނުންކޮށްގެން ފެން ނަގާ ނެގުން މިހާރު އޮންނަނީ ހިމަނައިފަ އެވެ.
"މި ރަށުގެ ފެންފަށަލަ ވަރަށް ތިލަ އެވެ. އެހެންވެ، ބިންމަތިން ކޮންނަ ތިލަ ވަޅުތަކުން، ތުޅާ ބޭނުންކޮށްގެން ފެން ނަގަ އެވެ،" އެޓިމޮލޮޖިކަލް ޑިކްޝަނަރީ އޮފް މޯލްޑިވިއަން އައިލެންޑް ނޭމްސްގައި ލިޔެފައިވެ އެވެ.
އެ ގޮތަށް ފެން ނެގުމަށް ފަހު، އެ ވަޅުގެ މަތީގައި ބައެއް މީހުން ފިލާގަނޑެއް ބާއްވަ އެވެ. ނުވަތަ ފަސްކޮޅެއް އަޅާލަ އެވެ. ބޭނުމަކީ، އަނެއްކާ ވެސް އަނެއް ދުވަހު، ނުކޮނެ ފަސޭހައިން ފެން ނެގޭނެ ގޮތަކަށް އެ ވަޅުގަނޑު ބޭއްވުމަށެވެ. އެކަމަކު، އެހެން ވެސް އެއް ވަޅެއް ބޭނުންކުރެވޭނީ ހަފުތާއެއްހާ ދުވަހު އެވެ.
"ހަފުތާއެއްހާ ދުވަހު މީރު ފެންފޮދެއް ލިބޭ ވަރު ވާނީ. ދެން ބަލާއިރު އެ ވަޅު އޮންނާނީ ލޮނުވެފައި،" ތުޅާދޫގެ އިސްރަށްވެއްސެއް ކަމަށްވާ އިބްރާހީމްބެ އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.
ފެން ނެގުމަށް ބޭނުންކުރާ 'ތުޅާ' އެއް. -- ފޮޓޯ: ފޭސްބުކް
މީގެ 400 އެއްހާ ކުރިން ރާއްޖެ ދަތުރުކުރެއްވި ފަރަންސޭސި ވިލާތުގެ ފްރަންސުއާ ޕިރާޑް ވެސް ލިޔުއްވާފައިވަނީ، ރާއްޖޭގެ ބައެއް ރަށްރަށުގެ ފެން ލޮނުކަމުން، ވަޅު ކޮނެގެން ބޯފެން ނަގާ ކަމަށާއި ތިން ހަތަރު ފޫޓަށް ކޮނެލާއިރަށް ފެން ލިބެން ހުންނަ ކަމަށެވެ. ނަމަވެސް، އޭނާ ލިޔުއްވި ގޮތުގައި އެގޮތަށް ފެން ނަގަން ހުންނަ ވަޅުތައް އެހާ ތާހިރެއް ނޫނެވެ. ތުޅާދޫގައި ވެސް އެގޮތަށް ފެން ނަގާއިރު ހުންނަނީ ވަރަށް ބޮޑަށް ކިސަޑުވެފަ އެވެ.
އާއިޝަތު ރަޝީދާ ލިޔެފައިވާ ގޮތުގައި، ތުޅާއިން ފެން ނަގައި ބަނޑިޔާ ފުރާލައިގެން ގެއަށް ގޮސް ތެއްޔަކަށް އަޅައި ބަހައްޓަނީ އެންމެ ފުރަތަމަ އޭގެ ކިސަނޑުގަނޑު އަޑިއަށް ފާއްދައި ލުމަށެވެ. ރުނބައަށް އަޅަނީ އޭގެ ފަހުން ކަމަށާއި ބައެއް ބޮޑެތި ގޭގޭގައި ސިމެންތިން ރާނައިފައި ހުންނަ ވަޅުބުރިތަކަށް ވެސް ފެން ފުރާ ކަމަށް އޭނާ ލިޔެފައިވެ އެވެ.
"މި ގޮތަށް ކުޑަކުޑަ ނާއްޓަކުން ބަނޑިޔަލަށް ފެންފުރައި، އެ ފެން ހިފައިގެން ގެއަށް ގޮސް ބޮޑެތި ރުނބާ ފުރައިލެވޭނީ ދިހަ ބާރަ ބަނޑިލުންނެވެ. މަސައްކަތް ކިތަންމެ ބުރަވެފައި ކަވި ވިއަސް، އެ ކުދީން މިކަން ކޮށް އުޅުނީ ފިސާރި ކުރާހިތުންނެވެ."
ރާއްޖޭގެ ބައެއް ރަށްރަށުން މީރު ފެން ހޯދަނީ، ކައިރީގައިވާ ރަށްރަށުންނެވެ. ނުވަތަ ވާރޭ ފެން ރައްކާކުރަނީ އެވެ. އިބްރާހީމްބެ ބުނި ގޮތުގައި ވާރޭ ފެން ޖަމާކުރުމަކީ، އޭރު ކަންކަން ހުރި ގޮތުން ފަސޭހަ ކަމެއް ނޫނެވެ. އެއް ކަމަކީ އެހާ ގިނަ ފެން ރައްކާކޮށްފައި ބަހައްޓާނެ އެއްޗެހި ނެތުމެވެ. އަނެއް ކަމަކީ އޭރު ގޭގެ ހިޔާކޮށްފައި ހުންނަނީ ފަނުން ކަމުންނެވެ.
"ފަނުގެ ތެރެއިން އެ އަންނަ ފެން ހުންނާނީ ރަތްކުލައިގައި. އެއީ ވަރަށް ފީކަޅާ ފެނެއް،" އިބްރާހީމްބެ ބުންޏެވެ.
ތުޅާދޫ: މިހާރު ވަނީ ބިން ހިއްކައި ރަށް ބޮޑުކޮށްފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަނެއްކޮޅުން ބުޅަލާއި، މީދަލުގެ ނަޖިހުގެ އަސަރުކޮށްފައި ހުރެދާނެތީ އެހެން ނެގޭ ފެން ފޮދު ބޭނުންކުރާކަށް ވެސް ނުކެރެ އެވެ. ކިރިޔާ ވެސް ނެގޭ ފެން ފޮދެއް ނަގަ ބޭނުންކުރަނީ ހާއްސަ ކަންކަމަށެވެ.
"ބަލި މީހަކަށް ދޭން، އެފަދަ ކަމަކަށް އެ ފެންފޮދު ބޭނުންކުރަނީ."
އެހެންކަމުން، ވަޅު ކޮނެގެން ފެން ނެގުން އޮންނަނީ މަޖުބޫރުވެފަ އެވެ. އޭގެ ސަބަބުން ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައިވެ އެވެ. އެގޮތުން، އާއިޝަތު ލިޔެފައިވާ ގޮތުގައި، މިފަދަ ވަޅުވަޅަށް، ބައެއް މީހުންނަށް ނޭނގި، ގަނބައިގެން ގޮސް ކުދިކުދި އަނިޔާތައް ވެސް ވެފައި އެބަހުއްޓެވެ.
"ކުޑަކުދީން މިފަދަ މަގަކަށް ދޫކޮށްލުމާ މެދު މައިންބަފައިން ބިރު ހީވެފައި ތިބެނީ ދުއްވާ އެއްޗެއްގައި ޖެހި ފުރާނައަށް ނުރައްކަލެއް ވެދާނެތީއެއް ނޫނެވެ. އެއިން ވަޅަކަށް ވެއްޓި އަތެއް ފައެއް ބިންދައިގެން ހިނގައިދާނެތީވެ އެވެ،"
ތުޅާދޫގެ މި ހާލަތު ބަދަލުވާން ފެށި 1970ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެންނެވެ. އާއްމު ހާލަތު ރަނގަޅު ގޭގޭގައި ފެން ތާނގީ ރާނަން ފެށުމާއި ސަރުކާރުގެ އެހީއާ އެކު، ކަޅުހަން ތާންގީ ލިބެން ފެށުމުން، ވާރޭ ފެން ނެގޭނެ މަގުފަހިވި އެވެ. ވަޅުކޮނެގެން ފެން ނެގުމަކީ މިހާރު މާޒީ އެވެ. އެކަން ވެފައި އޮތީ މި ރަށަށް ހާއްސަ، މި ރަށުގެ ސަގާފަތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހީމް މުހައްމަދު ލިޔާގެ ބ.ރުޅާދޫ
20 March 2025
ތުޅާދޫ ގެ އާބާދީ އަކީ 1932 ގެ ކުރިން ޅ.އަތޮޅުން ފެށިގެން މާލެ އާ ދެމެދު މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު އެއް ރަށެވެ. ތުޅާދޫ އަށް މިނަން ދެވުނު އެއްސަބަބަކީ ތުޅާ އިން ފެންނެގުމެވެ. މި ނަމަކީ ފަހު ގެ ނަމެއް ނޫނެވެ. މަސްހޫރު ސައްތާރު އިބްން ބަތޫތާ ރާއްޖެ ވަޑައިގެން އިރު ވެސް ކަން ހުރި ގޮތެވެ.
ޖަންބު
18 March 2025
ތުޅާދޫއަކީ ކުރިން ބިންވެސް ވަރަށް ކުޑަރަށެއް. މުޅި ރަށް ފުރިފާ އޮންނާނީ. ބައެއްގޭގޭގެ ބަދިގެއާ ގެއާދެމެދު އޮންނަ މަގަކީ މީހުން ހިނގަންއޮންނަ މަގަށްވާފަހަރުވެސް ބައެއްފަހަރު އާދޭ އޭރު.
1992 ގައި ވެސް ވަޅުކޮނެގެން ބޯފެން ނަގާ
18 March 2025
1992 ގައި ބ. ތުޅާދޫ އަށް ފުރަތަމަ ފަހަރަށް ކުރެވުނު ދަތުރުގައި 2 ހަފްތާވަރު މަޑުކުރަން ޖެހުނެވެ. ޤަބުރުސްތާން ކުރިމަތިން އޮންނަ ބޮޑުމަގުގެ މެދުގައިކުދިކުދި ފެންވަޅު ކޮނެފައި ފައްޗަކަށް އޮތްތަންދުށީމެވެ. އެވަޅުތަކުގެ އަނގަމަތިވަށަމިނުގައި 6 އިންޗިވަރު ހުންނާނެއެވެ. ތުޅާއިން ފެންނަގާތަން ބަލަން ވަޅުކައިރިއަށް ދަމެވެ. އެފެން ބުއީމެވެ. އޭގެ ރަހައަކީހަމަ މާލޭގެ ވަޅުފެނުގައިވެސް ލާރަހައެވެ. ބޯލުމުން ބަނޑަށްބަރުވެއެވެ. އެއީ ވަރަށްތަފާތު ތަޖުރިބާއެކެވެ.
ބިން އިބްރާހީމް
18 March 2025
މި ލިޔުން ލިޔުއްވި ބޭފުޅަކަށް ކައްގަލަކީ (ކަށް ގަލަކީ) ކޮން އެއްޗަކަށް ކިޔާ ނަމެއްކަން އެނގޭބާ.
ާއާނު
18 March 2025
ހަމަ ޔަގީން ނޭނގޭކަން. ލިޔުމުގައިވާ ވަޅުުގެ އެ ބަޔަށް ކިޔަނީ އާނު.
ކިއްލާ2222
18 March 2025
ޓީ ވީ ޟޯލްޑިވްސް ގަ ހުންނާނެ ތި ރަށު މީހޫން މަގުން ވަޅޫ ކޮނެގެން ފެން ނަގާ މަންޒަރު! 1984 ގަ ދެއްކި ތި ރަށުގެ ޑޮކިއުމެންޓަރީ އެއްގަ ފެން ނަގާ ތަން ފެނޭ! އަދި 1983 ގެ ލަވަ އެއް ގަވެސް! އޭރު އަހރެމެން ވ ކުޑަ އެކަމަކު ހަދާން ހުރޭ ޓީ ވީ އިން ދެއްކި ކަން!