ރޯދަމަހުގައި ނިދުމަށް ހާއްސަ ވަކި ޝެޑިއުލެއް ގެންގުޅުން މުހިންމު.
18 މާޗް 2025 - 08:05
ބަރަކާތްތެރި ރަމަޟާން މަހަކީ ކިޔަމަންގަތުމާއި އަޅުކަމަށް އިތުރު ހިތްވަރެއްލައި އެކަމަށް އިތުރަށް ވަގުތު ބޭނުންވާ މަހެކެވެ. މީގެ ސަބަބުން ނިދުމުގެ އިންތިޒާމަށް ބަދަލުތަކެއް އާދެ އެވެ. ނަމަވެސް އިސްލާމް ދީނަކީ ކޮންމެ ކަމެއްގައި ވެސް ޝާމިލުކަމާއި ވަޒަންހަމަކަން ދަމަހައްޓާ ދީނަކަށް ވުމުން އަޅުކަންތައް ކުރުމަށްޓަކައި ނިދި އެކީ ގުރުބާން ކުރާކަށް ޖާގައެއް ނުދެ އެވެ. ވީމާ ރަމަޟާން މަހުގެ ތެރޭގައި ނިދުމަށް މި އަންނަ ބަދަލުތަކަށް ވެސް އިސްލާމީ ހައްލުތަކެއް އެބަހުއްޓެވެ.
ރަމަޟާންމަހު ނިދުމަށް އަންނަ އެންމެ ބޮޑު ބަދަލަކީ، ނިދުމާއި ހޭލުމުގެ ގަޑިތަކަށް އަންނަ ބަދަލެވެ. ހާރުކާން ތެދުވާން ޖެހުމާއި ރޭއަޅުކަމުގެ ތެރެއިން ތަރާވީހު ނަމާދު ކުރުމަށް ވަގުތު ދޭން ޖެހުމާއި ދަމު ނަމާދު ކުރަން ބޭނުންވާ ނަމަ އަލުން ތެދުވަން ޖެހުން ފަދަ ބަދަލުތަކެވެ. ރޯދައިގެ ރޫހާނީ ތަރުބިޔަތަށްޓަކައި މިދެންނެވި ކަންކަން ކުރަން ޖެހެ އެވެ. ކީރިތި ނަބިއްޔާ ﷺ މިކަންކަމަށް ބާރު އަޅުއްވަ އެވެ. ހަމައެއާ އެކު، އަނެއްކޮޅުން އެކަލޭގެފާނު އިރުޝާދު ދެއްވާފައި ވަނީ "ތިބާގެ ހަށިގަނޑަށް ވެސް އަދާކޮށްދޭން ޖެހޭ ހައްގެއް ވާނެ" ކަމަށެވެ (ބުޚާރީ އާއި މުސްލިމް).
ދެވަނަ ބަދަލަކީ، ނަބަވީ އިރުޝާދާ އެއްގޮތަށް ކެއިންބުއިމުގެ ކަންކަން އިންތިޒާމު ނުކުރެވޭތީ އަންނަ ބަދަލެވެ. މިގޮތުން އިންސާނަކަށް އޭނާގެ މައިބަދަ ކޮޅަށް ބަހައްޓާލަ ދޭނެ މިންވަރަށް ކެއުމުން ފުދޭނެ ކަމަށާއި ނަމަވެސް އިތުރަށް ކާން ބޭނުން ނަމަ ކެއުމާއި ބުއިމަށް ކޮންމެ ކަމަކަށް ތިންބައިކުޅަ އެއްބައި ނަގާފައި ބާކީ އަދި ތިންބައިކުޅަ އެއްބައި ބާއްވަން އެކަލޭގެފާނު އިރުޝާދު ދެއްވާފައި ވެއެވެ (އައްތިރުމިޛީ). ނަމަވެސް އަހަރެމެންނަށް ގިނަ ފަހަރަށް ކަން ކުރެވެނީ މިގޮތަކަށް ނޫނެވެ. ނަތީޖާ އަކީ ގިނައިން ކެއުމުން ހަޖަމު ކުރުމުގެ ނިޒާމަށް ބުރަބޮޑުވެ ހަމަ ނިދި ނުލިބޭ ގޮތް ވުމެވެ.
ތިންވަނަ ބަދަލަކީ، ނިދުމަށް އޮންނަ ވަގުތު އެކަމަށް ހުސް ނުކުރެވުމެވެ. އިސްލާމީ ނަޒަރުން ބަލާއިރު އަދި އިންސާނީ ފިތުރަތަށް ބަލާއިރު ވެސް ނިދުމުގެ ވަގުތަކީ ރޭގަނޑެވެ. ﷲ ގެ ވަހީ ބަސްފުޅުގެ މާނައިގައި ވަނީ "އެކަލާނގެއީ، ރޭގަނޑު ނިވަލެއް ކަމުގައި، އަދި ނިދުމަކީ އަރާމެއް ކަމުގައި ލައްވައި، އަދި ދުވާލަކީ، ދިރިއުޅުން ހޯދުމަށް އުޅޭ ވަގުތެއް ކަމުގައި ލެއްވި ރަސްކަލާނގެ އެވެ" (އަލްފުރުޤާން 47). މިކަންކަން އައްނަބައު ސޫރަތުގައި ވެސް ބަޔާން ކުރައްވާފައި ވެ އެވެ. ނަމަވެސް މިކަމުގައި ވެސް އަހަރެމެންނަށް ކަން ކުރެވެނީ އެންމެ ރަނގަޅަކަށް ނޫނެވެ. ރޭގަނޑު ނުނިދައި ތިބެވެނީ އެވެ. އެހެންވެ ނިދި ހަމައަށް ލިބޭ ގޮތް ނުވަނީ އެވެ.
މާލޭގެ އިސްލާމީ މަރުކަޒުގައި އަސުރު ނަމާދަށް ފަހު ބޭއްވި ދަރުސެއް އަޑުއަހަން ބަޔަކު އިށީނދެގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ތިންވަނަ ބަދަލަކީ، ކުރިން ބަޔާން ކުރި ކަންކަމާ އެކުގައި ވިއަސް އަދި އެ ނޫނަސް ދުވާލު، ހާއްސަކޮށް މެންދުރު ގަޑީގައި، ނިދިއައިސް ތާއްޔާ ޖެހޭ ގޮތް ވާއިރު މިކަމަށް ވެސް ކީރިތި ނަބިއްޔާ ﷺ ދެއްވާފައިވާ އިރުޝާދުގެ ބޭނުން ހިފޭގޮތް ނުވުމެވެ. އެކަލޭގެފާނަކީ މެންދުރު ގަޑީގައި ޤައިލޫލާ އެއް (ނެޕެއް) ނަންގަވާ ބޭފުޅެކެވެ. އެބަހީ ވަރަށް ކުޑަ ވަގުތު ކޮޅަކަށް ނިދާލުމެވެ. އައްޠަބަރާނީ ރިވާ ކުރައްވާފައިވާ ހަދީސެއްގައި އެކަލޭގެފާނު މިކަމަށް އިރުޝާދު ދެއްވާފައި ވެ އެވެ. ޤައިލޫލާ އަށް ބޭނުންވާނީ ގިނަވެގެން ތިރީހަކަށް މިނެޓެވެ. ނަމަވެސް މިކަން ނުކުރެވޭތީ ނިދި އިންތިޒާމު ކުރަން އޮތް އިތުރު އެހީއެއް ގެއްލިގެން ދަނީ އެވެ.
އިސްލާމީ ނަޒަރުން ބަލާއިރު ރަމަޟާންމަހު ނިދި އިންތިޒާމު ކުރުމަށްޓަކައި ކުރަންޖެހޭ އެއް ކަމަކީ، ނަބަވީ ސުންނަތާ އެއްގޮތަށް ނިދުން އަވަސް ކުރުމެވެ. އާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވާ ގޮތުގައި ނަބިއްޔާ ﷺ ރޭގަނޑުގެ ފުރަތަމަ ބައިގައި އަވަހާރަފުޅު ލައްޕަވަ އެވެ. އަދި ރޭގަނޑުގެ ފަހު ބައިގައި ތެދުވެ ވަޑައިގަންނަވައެވެ (ބުޚާރީ). ވީމާ ރަމަޟާން މަހު ތަރާވީހު ނަމާދަށް ފަހު، ގިނައިރު ނުކޮށް އަވަހަށް ނިދުން މުހިންމެވެ. އެ އަށް ފަހު، ހާރުކާން ނުވަތަ ދަމު ނަމާދު ކުރަން ބޭނުން ނަމަ އެކަމަށް އިތުރު ވަގުތުކޮޅެއް ލާފައި ތެދުވެވިދާނެ އެވެ. މިސާލަކަށް 10 ޖަހާއިރު ނިދާފައި 3 ނުވަތަ 4 ޖަހާއިރު ހޭލެވިދާނެ އެވެ. އޭރުން އެ ވަނީ 5 ނުވަތަ 6 ގަޑިއިރު ނިދިފަ އެވެ. ދެން އިރު އެރުމަށް ފަހު، މަސައްކަތަށް ނުވަތަ ކިޔަވަން ދިއުމުގެ ކުރިން އިތުރު ދޮޅު ގަޑި އިރު ނިދާ ލެވިދާނެ އެވެ. އޭރުން އެ އޮތީ ގާތްގަނޑަކަށް ނިދަން ވަގުތު ހަމަކުރެވިފަ އެވެ.
ނިދި އިންތިޒާމު ކުރުމަށްޓަކައި ބޭނުންވާ ދެވަނަ ކަމަކީ، ނިދުމުގެ ފެންވަރު (ކޮލިޓީ) ރަނގަޅު ކުރުމެވެ. މިކަމަށްޓަކައި ކުރިން އިޝާރާތް ކުރި ފަދައިން ކެއުމުގެ އިންތިޒާމު ނަބަވީ ސުންނަތާ އެއްގޮތް ކުރުން މުހިންމެވެ. އަދި އަރާމުކޮށް ނިދޭނެ ފަދަ މަޑުމައިތިރި އަލިމަޑު ތަނެއްގައި ނިދުން ބޭނުމެވެ. މީގެ އިތުރުން ނިދުމުގެ ކުރިން ކީރިތި ރަސޫލާ ﷺ ދުއާ ކުރައްވާ ފަދައިން اللَّهُمَّ بِاسْمِكَ أَمُوتُ وَأَحْيَا މިފަދައިން ދުއާ ކުރުމާއި އެކަލޭގެފާނުގެ އިރުޝާދާ އެއްގޮތަށް ކަނާތް ފަރާތަށް އޮވެ ނިދުމަށް ސަމާލުކަން ދިނުން އެދެވިގެން ވެއެވެ.
ނިދި އިންތިޒާމު ކުރުމަށްޓަކައި ބޭނުންވާ ތިންވަނަ ކަމަކީ ނަބަވީ ސުންނަތާ އެއްގޮތަށް މެންދުރު ގަޑީގައި ނަމާދުގެ ކުރިން ނުވަތަ ފަހުން 20 މިނިޓާއި 30 މިނިޓާ ދެމެދުގެ ވަގުތުކޮޅަކަށް ކުރު ނިދާލުމެއް ނިދާލުމެވެ.
ނިދުމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށްޓަކައި އަދިވެސް ނަބަވީ އިރުޝާދާ އެއްގޮތަށް އިތުރު ޒިކުރުތައް ކޮށް ނިދި އަރާމު ކުރެވޭތޯ ބެލުން މުހިންމެވެ. މިގޮތުން ނަފުސާނީ ރާހަތަށާއި ނިދުމުގައި ރައްކާތެރިކަން ހޯދުމަށްޓަކައި ހާއްސަކޮށް ޝައިތާނާގެ އުނދަގުލުން ސަލާމަތް ވުމަށްޓަކައި އާޔަތުލް ކުރުސި އާއި އިޚްލާޞް ފަލަޤް ނާސް މި ތިން ސޫރަތް މާތް ނަބިއްޔާ ﷺ ވިދާޅުވެއެވެ. އަހަރެމެން މިކަން ކޮޕީ ނުކުރަންވީ ކީއްވެ ހެއްޔެވެ؟
ނިދުން ވަރުގަދަ ކުރުމަށްޓަކައި އަދި ވެސް ކުރެވިދާނެ އަނެއް ކަމަކީ ނިދުމާ މާ ގާތްނުކޮށް ރޭގަނޑު ގަޑީގައި ގާތްގަނޑަކަށް ބައިގަޑި އިރެއް ހާއިރު ދުވުން ނުވަތަ ކަސްރަތުގެ ހަރަކާތެއް ކުރިއަށް ގެންދިއުމެވެ. މިސާލަކަށް ތަރާވީހު ނަމާދަށް ފަހު މިކަމަށް ވަގުތުކޮޅެއް ނެގިދާނެ އެވެ. މީގެ ސަބަބުން ހަށިގަނޑަށް ވަރުބަލިކަން ލިބުމުން ނިދި ގަދަވާން އެހީވެދޭނެ އެވެ.
ނިދި އިންތިޒާމު ކުރުމަށްޓަކައި ބޭނުންވާ ތިންވަނަ ކަމަކީ، ކުރިން ވެސް އިޝާރާތް ކުރި ފަދައިން ނަބަވީ ސުންނަތާ އެއްގޮތަށް މެންދުރު ގަޑީގައި ނަމާދުގެ ކުރިން ނުވަތަ ފަހުން 20 މިނިޓާއި 30 މިނިޓާ ދެމެދުގެ ވަގުތުކޮޅަކަށް ކުރު ނިދާލުމެއް ނިދާލުމެވެ.
ވީމާ، ރަމަޟާން މަސް ކަމަށް ވިޔަސް އިސްލާމް ދީނުގެ ޝާމިލުކަމާއި ވަޒަން ހަމަކަމުގެ އަސާސްތަކުގެ މަތީގައި އަހަރެމެންނަށް ނިދި ރަނގަޅަށް އިންތިޒާމު ކުރެވޭނެ އެވެ. ހާއްސަކޮށް ނިދި ރަނގަޅަށް އިންތިޒާމު ނުކުރެވުމުގެ ބޮޑުބައި ގުޅެނީ އެ މަހުގެ އަޅުކަންތަކަށް ވުރެ އަހަރެމެންގެ ނުރަނގަޅު ސުލޫކާ ކަމަށް ވާއިރު މިކަމުގައި ރަމަޟާން މަހަށް އުޒުރު ދައްކަން ޖާގައެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
07 ވަނަ ޕެރެގްރާފްގައި އޮޅުމެއް
18 March 2025
ރަސޫލާ صلى الله عليه وسلم އިރުޝާދު ދެއްވާފައި ވަނީ ކަނާތްފަރާތަށް އޮވެ ނިދުމަށެވެ. ނަމަވެސް ދީނީ ޢިލްމުވެރިން އިއްތިފާޤް ގޮތުގައި ނިދާފައި އޮތް މީހަކު ނިދީގައި ކޮންމެ ކޮޅަކަށް އެނބުރެ ވުނަސް މައްސަލައެއް ނެތެވެ. ސަބަބަކީ ނިދީގައި ކުރެވޭ ކަންކަމުގެ ޢަމަލުތައް ނުލިޔުއްވޭނެތީ އެވެ. ނިދާފައި އޮންނަމީހާގެ މައްޗަށް ޤަލަމް ވަނީ އުފުއްލަވާފަ އެވެ.
ހހމ
18 March 2025
ހީވަނީ އޮޅިފަ ވާ ތަންކޮޅެއް ލިއުމުގަ އިންހެން. ކުރިން މުޅިންވެސް އަޑުއަހަނީ އިސްލާމްދީނުގަ ކަނާތްފަރާތަށް އޮވެ ނިދުމަށް އިރުޝާދު ދީފައިވާ ވާހަކަ!
މަބުނީ
18 March 2025
އޭގެ ކުރިން އިން ދުޢާ ވެސް ހީވަނީ އިސްފަސް ވެފައި އިންހެން.. ރަނގަޅު ގޮތް ބުނެދެއްވުން އެދެން.
މަބުނީ އަށް
18 March 2025
އެ ދުޢާ ރަނގަޅެވެ. اللهم باسمك اموت واحيا އަދި باسمك اللهم اموت واحيا މި ދެގޮތް ވެސް ރަނގަޅު ކަމަށް މުފްތީ މެންކް ފަދަ މަޝްހޫރު ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ. މާނަ އަކީ ހަމަ އެއް މާނައެވެ. ( އަޅަމެން މަރުވާނީ ވެސް އަދި ދިރިހުންނާނީ ވެސް الله ގެ އިސްމުފުޅާއި އެކުގައެވެ.)
މާލަސްކޮށްލީ ތި
18 March 2025
އަޅެ މީތި ޖަހަން ޖެހޭނީ މަސް ފެށޭއިރު ދޯ. ދެން ކިހިނެއް ހަދާނީ. ލިއުން ވ ރަނަގަޅު
ދެން ހަދަންވީ ގޮތަކީ.......
18 March 2025
މިރެއިން ފެށިގެން އެގޮތަށް ނިދުން ބައްޓަން ކުރަން ފަށަންވީ އެވެ. އަދި ފަހު 10 އެބައޮތެއް ނޫންހެއްޔެވެ!
މާލު
18 March 2025
ވަރަށް ރަނގަޅު ލިޔުމެއް