ރާއްޖޭގެ ކޯޗު އަލީ ސުޒޭން: އޭނާ ބުނީ މިއަދު އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ދިވެހިންނަށް ވަރަށް މުހިންމު ކަމަށް --- ފޮޓޯ: އޭއައިއެފްއެފް
19 މާޗް 2025 - 09:59
އިންޑިއާއާ ދެކޮޅަށް ރާއްޖޭން މިއަދު ކުޅޭ އެކުވެރިކަމުގެ މެޗު ދިވެހިންނަށް ވަރަށް މުހިންމު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ ހަފުތާގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް އިންޑިއާގެ ޝިލޯންގައި އެ ގައުމާ ދެކޮޅަށް ރާއްޖޭން މިއަދު ކުޅޭ މެޗާ ގުޅިގެން ސުޒޭން ބުނީ އިންޑިއާ އާއި ރާއްޖެއަކީ އަދިވެސް ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ދެ ޓީމު ކަމަށެވެ.
"އިންޑިއާ އާއި ރާއްޖެއަކީ މިވަގަތު (ވެސް) މިސަރަހައްދުގައި އެންމެ ވަރުގަދަ ދެ ޓީމު. މި މެޗު އަހަރެމެންނަށް އަދި ދިވެހި ރައްޔިތުންނަށް ވެސް ވަރަށް މުހިންމު،" ސުޒޭން ބުނެފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެ އެވެ.
ދިވެހި ޓީމުން ޝިލޯންގަށް ދިޔައީ ޓީމު ދެ ބަޔަކަށް ބަހައިގެން ދެ ފްލައިޓެއްގައި ދެ ދުވަހުގެ ދަތުރަކަށް ފަހު އެވެ.
ސުޒޭން ބުނީ ދިގު ދަތުރަކަށް ފަހު މިހާރު ޓީމަށް ހަމަޖެހިލެވިއްޖެ ކަމަށެވެ.
އިންޑިއާގެ ކޯޗު މަނޯލޯ މާކޭޒާ އެކު ސުޒޭން. --- ފޮޓޯ: އޭއައެފްއެފް
"މައިގަނޑު މައްސަލައަކަށްވީ ދަތުރު. މިތަނަށް އާދެވުނީ ދެ ދުވަހުގެ ދަތުރަކަށް ފަހު އެކަމަކު މިހާރު މިތިބީ ހަމަޖެހިލައިގެން އަދި ހުރިހާ ކަމެއް ވެސް މެނޭޖް ކުރެވޭ،" އޭނާ ބުންޏެވެ.
ޝިލޯންގްގެ ޖަވާހިރުލާލު ނެހެރޫ ސްޓޭޑިއަމްގައި ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިއަދު އިރުއޮއްސި 6:30 ގަ އެވެ. ޔެސް ޓީވީން މެޗު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޕީއެސްއެމުން ވަނީ ބުނެފަ އެވެ.
އިންޑިއާއާ ދެކޮޅަށް ރާއްޖޭން މެޗަކަށް މި ނުކުންނަނީ ތިން އަހަރަށް ފަހު އެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލު ކުރީ އޮކްޓޯބަރު 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގަ އެވެ.
ސުޒޭންގެ ކޯޗުކަމުގެދަށުން ރާއްޖޭން ކުޅުނު އެ މެޗު އިންޑިއާއިން ކާމިޔާބު ކުރީ 3-1 ންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިިދުރީސް
19 March 2025
މީ ރޯދަމަސް. ބޭނުންވަނީ ރައްޔިތުންގެ ދުޢާ.
ގައުމިއްޔަތު
19 March 2025
ތިޔަ ދިވެހިންގެ ތެރޭގައި އަހަރެން ނުހިމަނާ. ކިތަންމެ ފޯރީގަ ފުޓުބޯޅަ ކުރިން ބެލިއަސް މިހާރު ދިވެހި ފުޓުބޯލަ ރަމްޒުކޮށްދެނީ ގޭންގުތަކުގެ ބާރު. މަށަށް ރަނގަޅީ އިންޑިއާ މޮޅުވިއްޔާ. ހާޑުވާ މީހަކު ހާޑުވޭ
ހަމަ ދިވެއްސެއްް
19 March 2025
ހާޑުނުވިޔަކަސް އަޅުގަނޑުމެން އަބަދުވެސް އެދެނީ ދިވެހި ފުޓުބޯޅައަށް ކުރިއެރުމާއި ކާމިޔާބު!