ރައީސް މުއިއްޒު ވަނީ މިއަދު ހެނދުނު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން ތެލެސީމިއާ ސެންޓަރުގެ ހާލަތު ބައްލަވާފައި.
ތެލަސީމިއާ ސެންޓަރުް ހިދުމަތް ހޯދަން މިއަދު ހެނދުނު ގޮސް ތިބި ބައެއްގެ ވާހަކަތައް ރައީސް މުއިއްޒު އަޑުއައްސަވަނީ.---ފޮޓޯ: ރައީސް އޮފީސް
23 މާޗް 2025 - 14:06
ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތަކާ މެދު ތެލަސީމިއާ މީހުންނާއި އާއިލާތަކުން ރޭ ކުރި މުޒާހަރާއި ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ފަށައިފި އެވެ.
އެކަން ރައީސް އޮފީހުން ބުނީ، ރޭގެ މުޒާހަރާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތެލަސީމިއާ ސެންޓަރަށް ވަޑައިގެން އެ ތަނުގެ ހާލަތު ބެއްލެވުމަށް ފަހު އެވެ.
"އާއިލާތަކުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް، މިހާރުން ފެށިގެން ހައްލު ކުރެވެން ހުރި ހުރިހާ ކަމެއް ހައްލު ކުރުމަށް ކަމާ ގުޅޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިގެން ފިޔަވަޅު އަޅަން މިހާރު ވަނީ ފައްޓަވާފައި،" ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ތެލެސީމިއާ ފަރުވާ ހޯދާ މީހަކާ ރައީސް މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ތެލަސީމިއާ އަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީ މުޒާހަރާ ކުރީ ރޭ އެ ތަނުގެ ވެރިންނާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު، އެއްވެސް މައްސަލައަކަށް ހައްލު ނުލިބޭ ކަމަށް ބުނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން ކުއްޖަކާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ ރައީސް ތެލަސީމިއާ ސެންޓަރަށް ވަޑައިގެން އެ ތަނުގެ ހުރިހާ ޑިޕާޓްމެންޓެއްގެ ހާލަތު ބައްލަވާލެއްވި ކަމަށެވެ.
ރައީސް މުއިއްޒު، ތެލެސީމިއާ ސެންޓަރުގެ ބައެއް މުވައްޒަފުންގެ ވާހަކަ އަޑުއައްސަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެވަގުތު އެ ތަނުގައި ލޭ އަޅަން ގޮސް ތިބި ކުދިންގެ އާއިލާތަކާ ރައީސް ވާހަކަފުޅު ދައްކަވައި، އެ އާއިލާތަކުގެ ކަންބޮޑުވުންތަކަށް މިވަގުތުން ފެށިގެން ހައްލު ކުރުމަށާއި އެ ކުދިންނަށް ދިމާވާ ހުރިހާ މައްސަލަތައް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެ ތަނުގެ ވެރިންނާއެކު ބެއްވި ބައްދަލުވުމުގައި-- ފޮޓޯ: ރައީސް އޮފީސް
އޭގެ އިތުރުން ޒަމާނުއްސުރެ ތެލަސީމިއާ ސެންޓަރުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅިފައި ނެތުމުން އެ ހުރިހާ މައްސަލައަކަށް ހައްލު ލިބޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް މުއިއްޒު ދެއްވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން ހާލަތު ބައްލަވަާލައްވަނީ-- ފޮޓޯ: ރައީސް އޮފީސް
ރައީސް އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ތެލަސީމިއާ ސެންޓަރަށް ވަޑައިގަތެވެ.
ރޭގެ މުޒާހަރާގައި އެ މީހުން ފާހަގަ ކުރި ބައެއް މައްސަލަތަކުގެ ތެރޭގައި ލޭ އެޅުމުގައި ބޭނުންކުރާ ފިލްޓަރު ގޯސްވުމުގެ ސަބަބުން އަވަސް އަވަހަށް ފިލްޓަރު ބަދަލުކުރަން ޖެހި އިސްރާފުވާ މައްސަލަ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު.....
23 March 2025
ވަޒީރު ބޭފުޅެއްލައްވާފަ އެބޭފުޅާ އަށް ކަންތަށް ކުރުމުގައި ދަތިތަށް ކުރިމަތިކުރުވާފަ ގޯސްވެ ކެތްނުވެގެން ރައްޔަތުން ނިކުތީމަ މިގޮތަށް ހައްދަވާތަން މުޅިން ފެންނަނީ... ދެން ވަޑައިގެން ނޫނީ ރައްޔަތުންނާ ބައްދަލުކުރައްވާފަ ވިދާޅުވަނީ ތިކަން ނުވެސް އެއޭ ރަގަަޅުކޮށް ދެއްވާނަމޭ ހެއް ހެއް ހެއް
ލޮލް123
23 March 2025
8 މަސް ތެރޭ ރަސްމާލެ ހިއްކުމުގެ ޔަޤީންކަން ފަދައިންތޯ؟ އައްޑޫ ބްރިޖު ނިންމާނެ ކަމުގެ ޔަޤީންކަން ފަދައިންތޯ؟ 700އަށް ވުރެ ގިނައިން ސިޔާސީ މަގާމުތަށް ނުއުފައްދާނެ ކަމުގެ ޔަޤީންކަން ފަދައިންތޯ؟ ކެންސަރު ހޮސްޕިޓަލް ހަދާނެ ކަމުގެ ޔަޤީންފަދައިންތޯ؟ ތިބޭފުޅާ ބުނާ ބަހާ އަމަލު ދިމައެއްނުވޭ. ބާކީ 3 އަހަރާ 6 މަސް ދުވަސް.
ލަބީދު
23 March 2025
ރިޓަޔާޑް ޕާޕާ އާއި ގަވާލު ކުރާށެވެ.
ފާޒިލް
23 March 2025
ސެލެސީމިއާ ކުދިންގެ މައްސަލަ ދާއިމީ ހައްލެ ނުލިބި އޮންނަތަާ މީ ކޮންޒަމާނެ.. ހުޅުމާލޭގެ އަޅާ ތެލެސީމިއާ ކުދިންގެ ހޮސްޕިޓަލާ އެއްކޮށް މިކަމަށްވެސް ދާއިމީ ހައްލެއް ލިބިގެންދިޔައީ.
މަރުޒޫގް
23 March 2025
މީ ވެރިންނަކީ.. ރައްޔިތުންގެ ކަންބޮޑުވުމެއް ދިމާވީމަ ގޭގަ ފިލާ އޮތުމުގެ ބަދަލުގަ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ އެކަންކަމަށް ދާއިމީ ހައްލެއް ގެނެސްދޭންވާނެ.
ސުފްޔާން
23 March 2025
މި ދައުރު ރައީސް މުއިއްޒު ނިންމަވާލާނީ ތެލެސީމިއާ ކުދިންގެ މިހާރު މިދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެ ހޯއްދަވާދެއްވާފަ. ސަބަބަކީ ހުޅުމާލޭގަ ތެލެސީމިއާ ކުދިންނަށް ހާއްސަކޮށްގެން ބޮޑު ހޮސްޕިޓެލެއް އަޅަން ތައްޔާރު ވެފަ އެހުރީ
އަނީލް
23 March 2025
ތިހެން ހައްލު ކުރާނެ ކމަުގެ ޔަގީންކަން ނުދެއްވާ އެއް ކަމެއްވެސް ނެތް. ޔަގީންކަން ދީފައޮތް ލިސްޓު ކިޔަންޏާ ކޮޅާ ކޮޅު ނުފެންނާނެ. އެކަމަކު ވީކަމެއް އެބައޮތްތޯ؟ ކޮންކަމެއްތޯ ބަދަލު ވީ؟ ވިއްޔާ ވީ ކުރިއަށްވުރެ ގޯސް.
ސަސޖ.
23 March 2025
ރައީސް ގްރައުންޑްށް ނުފައިބާ އެއްވެސް ކާމެއް ވާކަމަށްނުވޭދޯ، ދެން ކިއްކުރާހާ ވެރިންތަކެއްގަ ހުރިހާ އިދާރާތަކެއްގެ މިތެނީ
އަދަބުސަދަބު ކޮބާ؟
23 March 2025
އެފޮޓޯ ފެނިފަ ވަރަށް ލަދުގަނެއްޖެ! އަދިވެސް ވަރަށްގިނަ ދިވެހީންގެ ކިބައިގައި އަދަބު އިޚްތިރާމް ކުރުމުގެ ސިފަ އެއްގޮތަކަަށް ވެސް ނެތީމައެވެ. ނުވަތަ ނޭނގޭތީ އެވެ. އެނދުމަތިވެފައި ނެތްނަމަ ރައީސުލްޖުމްހޫރިއްޔާ އާއި މުޚާޠަބް ކުރާއިރު އިޙްތިރާމާއިއެކު ކޮޅަށް ތެދުވެހުރުން އެއީ އަދަބުވެރި ގޮތެވެ. މަށަކީ ވެސް ރ. މުޢިއްޒުގެ ގިނަ ކަންކަމަށް ނުރުހޭ މީހެކެވެ. އެއާއިއެކު ވެސް މުޚާޠަބު ކުރާނީ އިޚްތިރާމާއި އެކުގަ އެވެ.
ޓަކާން
23 March 2025
މިވަރުކަމެއްގާ ބޮޑު ފޯހެއް ހުރިގޮތަށް ވައްޓާލަންޖެހޭތަ؟