މާދަމާ އިން ފެށިގެން ތެލެސީމިއާ ކުދިންނަށާއި މީހުންނަށް މަހަކު 2،000ރ. ލިބޭ އެލަވަންސެއް ތައާރަފް ކުރަން ސަރުކާރުން ނިންމައިފި އެވެ.
މިކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މާދަމާއިން ފެށިގެން ކުރަން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އިބްރާހިމް ނާޒިމް ވިދާޅުވީ މާދަމާ އަކީ ރާއްޖެއަށް ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ.
އެއީ މާދަމާ އަކީ ދިވެހި ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށް އަޅައި އިތުރު ހަރުފަތަކަށް ގެންދާނެ ދުވަހަކަށް ވާތީ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ތެލަސީމިއާ ކުދިންނަށް އެލަވަންސެއް ދެއްވާނެ ކަމަށް ރައިސް ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީން އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ ފައިސާ ދޫކުރާނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ތެރެއިން ކަމަށް ވެސް ރައީސް އެރޭ ވިދާޅުވި އެވެ