ތެލެސީމީ ސެންޓަރު ހުޅުވިތާ 31 އަހަރުފަހުން ފުރަތަމަ ފަހަރަށް ހުކުރު ދުވަހު ހިދުމަތް ދޭން ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިސެމްބަރު، 1994 ގައި ތެލަސީމިއާ ސެންޓަރު ހުޅުވިފަހުން މިހާތަނަށް ރަސްމީކޮށް ހުކުރު ދުވަހެއްގައި އެ ސެންޓަރުގެ ހިދުމަތް ދީފައިނުވާ ކަމަށެވެ.
ނަމަވެސް މިދިޔަ ހުކުރު ދުވަހު ހިދުމަތް ދޭން ފަށާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގައި ވެސް ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ހިދުމަތް ލިބެމުންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ވެސް 14 ޓްރާންސްފިއުޝަން ހަދައި އަދި 5 މީހަކު ލޭ ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި ރޯދަ މަސް ނިމުމުން ވެސް ހުކުރު ދުވަހުގެ ވަކި ގަޑިތަކެއްގައި ލޭއެޅުމުގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދުގައި މާލެ އައިސް ލޭ އަޅަން ބޭނުންވާ މީހުންނަށާއި ލޭ ހަދިޔާކުރާ މީހުންނަށް ވެސް ހުކުރު ދުވަހު ލޭ ހަދިޔާކުރަން ފަސޭހަވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރިން މާލޭގައި ތެލަސީމިއާ ސެންޓަރު ހިންގި އިމާރާތް ބަންދުކޮށް މި ސަރުކާރުން ވަނީ ހުޅުމާލެ އޮރެންޖު ހިޔާ އެ ސެންޓަރު ހިންގުމަށް ދީފަ އެވެ. އަދި އެތަނުން ހުރިހާ ހިދުމަތެއް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.