މިހާރު ބޭނުންކުރަމުން އަންނަ ޕްރިންޓް ކާޑުގެ ބަދަލުގައި ތެލެސީމިއާ ޑިޖިޓަލް ކާޑު ތައާރަފުކޮށްފި އެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ތެލެސީމިއާ ޑިޖިޓަލް ކާޑު ތައާރަފުކުރީ ލޭގެ ބަލިތަކަށް ހާއްސަ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމްކުރުމަށްޓަކައި މަރުހަލާތަކަކަށް ބަހައިލައިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

އެ ބަދަލާ އެކު، މީގެ ކުރިން ދޫކުރަމުން އައި ޕްރިންޓު ކާޑުގެ ބަދަލުގައި ތެލެސީމިއާ ކެރިއަރެއްކަން ނުވަތަ ނޫން ކަން އަންގައިދޭ ކާޑުގެ ހަތް ބާވަތެއްގެ ސިފަ ހިމެނޭ ޑިޖިޓަލް ކާޑު ލިބޭނެ ކަމަށް އެމްބީއެސްއިން ބުންޏެވެ.

ކާޑުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ކިއުއާރު ކޯޑެއް ވެސް ހިމެނިފައިވާނެ ކަމަށާއި އެ ކޯޑު މެދުވެރިކޮށް ތެލެސީމިއާ ކެރިއަރުންނަށް އާއިލާ ރޭވުމުގައި ބޭނުންވާނެ މުހިންމު އިރުޝާދުތަކާއި މައުލޫމާތުތައް ވެސް ފަސޭހަމާއެކު ލިބޭނެ ކަމަށް އެމްބީއެސްއިން ބުންޏެވެ.

އެ އިދާރާއިން ބުނި ގޮތުގައި، މި ވަގުތު ޑިޖިޓަލް ކާޑު ލިބޭނީ ވަޓްސްއެޕާއި އީމެއިލް މެދުވެރިކޮށެވެ.

ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ތެލެސީމިއާ ހުރިކަން ދެނެގަތުމަށް ގާއިމް ކޮށްފައިވާ ސްކްރީނިން ނިޒާމު ހަރުދަނާ ކުރުމަށް ތެލެސީމިއާގެ އެކި ޓެސްޓުތައް ހަދާ ޑީއެންއޭ ލެބޯޓަރީއެއް މިދިޔަ ފެބްރުއަރީ މަހު ވަނީ ހުޅުވައިފަ އެވެ.

ރާއްޖޭގައި އަލަށް އެ ހިދުމަތް ދޭން ފެށީ މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ދަށުން ހިންގާ އެމްބީއެސްއިންނެވެ. އެމްބީއެސްއިން ބުނީ އެ ތަނުން ދެމުންދާ ހުރިހާ ހިދުމަތެއް ވެސް ޑިޖިޓަލް ގޮތަށް ބޭނުން ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.