މޯލްޑިވިއަން ބްލަޑް ސާވިސަސްގައި ލޭ ރައްކާކުރާ އައިސް އަލަމާރިއަކަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާކަން ފާހަގަ ވެފައިވާއިރު، އޭގައި ބަހައްޓާފައި ހުރި ލޭ ޕެކެޓުތަކެއް ތިން މީހެއްގެ ގަޔަށް އެޅިފައި ވިޔަސް އެއީ ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައި ހުރި ލޭ ނޫންކަމުގެ ޔަގީންކަން ސިއްހީ ގޮތުން ބަލާއިރު ލިބޭ ކަމަށް އެ އިދާރާ އިން ރޭ ބުނެފި އެވެ.
ކުނިވެފައިވާ ލޭ ބައެއް މީހުންގެ ގަޔަށް އެޅިފައިވާ ކަމަށް ބުނެ ފެތުރިފައިވާ ވާހަކަތަކާ ގުޅިގެން ބްލަޑް ސާވިސަަސް އިން ނެރުނު ބަޔާނުގައި ވަނީ ކަން ހިނގައިދިޔަ ގޮތް ކިޔައި ދީފަ އެވެ.
އެ ބަޔާނުގައިވާ ގޮތުން، ލޭ ރައްކާކުރާ ދެ ނަމްބަރު އައިސް އަލަމާރި އަށް ޓެކްނިކަލް މައްސަލައެއް ދިމާވިކަން އެނގުނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 9:00 ގައި އެ އިދާރާ ބަންދުކުރި ފަހުން، އެ ރޭގެ 10:11 ހާއިރު އެވެ. އެކަން ފާހަގަވީ އެ ފްރީޒަރުގެ ޓެމްޕަރޭޗާ މޮނީޓާ ކުރާ އެލާޓް ސިސްޓަމުން އެލާޓު މެސެޖުތަކެއް ލިބެން ފެށުމުން ކަމަށް ބްލަޑް ސާވިސަސް އިން ބުންޏެވެ.
"އެގޮތުން ކަމާ ގުޅޭ ފަސް މުވައްޒަފަކަށް އެލާޓް ދިއުމުން ތިން މުވައްޒަފަކު ފްރީޒަރު ހުންނަ ކޮޓަރި އަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ހާޒިރުވެ ސްޓޭންޑްބައި ފްރީޒަރަކަށް ޖުމުލަ 12 ލޭ ޕެކެޓް ބަދަލުކޮށްފައި ވެ އެވެ،" ބަޔާނުގައި ވެ އެވެ.
އަދި ޖެހިގެން އައި ހޯމަ ދުވަހުގެ ހެނދުނު ކަމާ ގުޅޭ މުވައްޒަފުން ވަނީ އޮފީހަށް ނުކުމެ، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ބޭނުންކުރާ "މެޑިކަލް ގްރޭންޑް މެޝިން" އާއި އާލާތްތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުން އަމަލުކުރާ އުސޫލާ އެއްގޮތަށް މަސައްކަތް ކޮށްފައި ކަމަށް ބްލަޑް ސާވިސަސް އިން ބުންޏެވެ. އޭގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލްގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުގެ ފަންނީ ޓީމު ހިމެނެ އެވެ.
އެކަމަކު، ބްލަޑް ސާވިސަސް އިން ބުނި ގޮތުގައި އާންމު ގޮތެއްގައި ފްރީޒަރުގެ ޓެމްޕަރޭޗަރު ބަހައްޓަން ޖެހެނީ 2-6 ޑިގްރީއާ ދެމެދުގައި ކަމަށް ވިޔަސް ދެ ނަމްބަރު ފްރީޒަރުގެ ޓެމްޕަރޭޗަރު 11 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާކަން ފާހަގަވި އެވެ.
އެ ހާލަތުގައި، 11 ޑިގްރީ އަށް ވުރެ މަތީގައި ފްރީޒަރުގެ ޓެމްޕަރޭޗަރު ހުރީ ކިހާ އިރެއް ވަންދެން ކަަމެއް ސިސްޓަމްގައި އޮޓޯއިން ލޮގް ކޮށްފައިވާ މައުލޫމާތުތަކުން ސާފުނުވި ކަމަށް ބްލަޑް ސާވިސަސް އިން ބުންޏެވެ.
"ނަމަވެސް ފްރީޒަރަށް މައްސަލައެއް ދިމާވާ ހާލަތެއްގައި 10 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި ނުވާ ގޮތަށް ޖުމުލަ ހަތަރު ގަޑިއިރު ވަންދެން ރައްކާތެރިކަމާ އެކު، ފްރީޒަރުގައި ލޭގެ ޕެކެޓުތައް ބެހެއްޓޭނެކަން ސިއްހީ މިންގަނޑުން އެނގެން އޮވެ އެވެ،" ބަޔާނުގައި ބުންޏެވެ.
"އެހެންކަމުން 19 އޭޕްރީލް 2026 ވަނަ ދުވަހުގެ ރޭގަނޑު މުވައްޒަފުން ފްރީޒަރު ކައިރި އަށް ހާޒިރުވުމަށް ހޭދަވި ވަގުތާއި އަދި ސިސްޓަމްގައި ލޮގް ކުރެވިފައި ހުރި ފިނިހޫނުމިނުގެ ލޮގުތަކުގެ ވަގުތުތަކަށް ބަލާއިރު 2 ނަމްބަރު ފްރީޒަރުގައި ހުރި ލެޔަކީ ކުނިވެފައިވާ ނުވަތަ ތަޣައްޔަރު ވެފައި ހުރި ލޭ ނޫން ކަމުގެ ޔަގީންކަން އެ ހާލަތުގައި ސިއްހީ ގޮތުން ބަލާއިރު އެނގެން އެބައޮތެވެ."
ބްލަޑް ސާވިސް އިން ބުނީ، އައިސް އަލަމާރީގެ ފިނިހޫނުމިނާ މެދު ސުވާލު އުފެދޭ ހާލަތުގައި ރައްކާ ކޮށްފައިވާ ލޭ ނާޅަނީ އެންމެ މަތީ ފެންވަރުގައި ލޭގެ ކޮލިޓީ ހިފަހައްޓަން ކަމަށެވެ.
މައްސަލަ ދިމާވި ފްރީޒަރުގައި ހުރި ލޭ ޕެކްތައް ތިން މީހެއްގެ ގަޔަށް އެޅި!
ބްލަޑް ސާވިސް އިން ބުނި ގޮތުގައި، ޓެކްނިކަލް މައްސަލަ ދިމާވި ދެ ނަމްބަރު ފްރީޒަރުގައި ހުރި ލޭ ޕެކުތަކެއް ތިން މީހެއްގެ ގަޔަށް އަޅާފައިވާކަން ފާހަގަވި ކަމަށެވެ.
އެއީ ފްރީޒަރަށް ޓެކްނިކަލް މައްސަލަ ދިމާވިކަން އެނގުނު ދުވަހުގެ ރޭ [މިދިޔަ އާދިއްތަ ދުވަހުގެ ރޭ] ގެ އަނެއް ދުވަހު [ހޯމަ ދުވަހު] ލޭ އެޅުމަށްޓަކައި ތެލެސީމިއާ ސެންޓަރުގެ ލޭ އަޅާ ވޯޑުގައި މަޑުކޮށްގެން ތިބި ތިން މީހެކެވެ. އެ ތިން މީހުންގެ ގަޔަށް ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ލޭ އަޅާފައިވާކަން ފާހަގަވީ ބްލަޑް ސާވިސް އިން ބުނި ގޮތުގައި އެ ދުވަހުގެ ހެނދުނު 9:30 ހާއިރު އެވެ.
ބްލަޑް ސާވިސް އިން ބުނީ، ޓެކްނިކަލް މައްސަލަ ދިމާވި ފްރީޒަރުގައި ހުރި ލޭ އެޅި ތިން މީހުންގެ ތެރެއިން އެކެއްގެ ގަޔަށް އަޅަންޖެހޭ ދެ ޕެކެޓު ލޭގެ ތެރެއިން އެއް ޕެކެޓު ލޭ ހޯމަ ދުވަހު ނާޅާ ކަމަށެވެ. އަދި އެކަން ހިނގައިގެން އުޅޭ ކަން ވެސް އެ ތިން މީހުންނަށް އެންގި ކަމަށް އެ އިދާރާ އިން ބުންޏެވެ.
"އެހެން ނަމަވެސް ލޭ ޕެކެޓު އެޅުނު ތިން ފަރާތަށް ލޭ އެޅުނުކަން އެންގުން ލަސްވެފައިވާކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ،" ބަޔާނުގައި ވެ އެވެ.
އެއާ އެކު، އެ މީހުންގެ ގަޔަށް ލޭ އެޅިފައިވާކަން ތެލެސީމިއާ ސެންޓަރުގެ ބައެއް މީހުންނަށް އަންގަން އޭރު ފެށި އެވެ. އަދި އެ ހާދިސާ ހިނގާފައިވާކަން ތެލެސީމިއާ ކުދިން ތިބޭ ޓެލެގްރާމް ގުރޫޕުގައި މިދިޔަ ހޯމަ ދުވަހުގެ މެންދުރުފަހު ހިއްސާކޮށް، ބްލަޑް ސާވިސް އިން މާފަށް އެދުނު ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ނަމަވެސް ބްލަޑް ސާވިސް އިން ބުނި ގޮތުގައި، ޓެކްނިކަލް މައްސަލަ ދިމާވި ފްރީޒަރުގައި ރައްކާ ކޮށްފައި ހުރި ލޭ ތިން މީހެއްގެ ގަޔަށް އެޅުނުކަން ޓެލެގްރާމް ގުރޫޕުގައި އޭރު ނުބުނީ ތަހުގީގު ކުރިއަށް ދާތީ އެވެ.
އިހުމާލުވާ ކަމަށް ތުހުމަތު ކުރެވޭ މުވައްޒަފު ސަސްޕެންޑު
ބްލަޑް ސާވިސަސް އިން ބުނީ ތިން މީހުންގެ ގަޔަށް ލޭ އެޅުމުގައި ޝާމިލްވި މީހުން ހޯދައި، ތަހުގީގު ކުރަން ވަގުތުން ފެށި ކަމަށެވެ. އެގޮތުން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ތަހުގީގު ޓީމެއް އެކުލަވާލައި، މިދިޔަ ހޯމަ ދުވަހު ތަހުގީގު ފެށި ކަމަށް ބަޔާނުގައި ވެ އެވެ.
އަދި އެ ތަހުގީގަށް ހޯދުނު މައުލޫމާތުތަކުގެ އަލީގައި އެކަކު ތަހުގީގުގެ ބޭނުމަށް އޮފީހަށް ނުކުތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަނާކުރި ކަމަށް ބްލަޑް ސާވިސް އިން ބުންޏެވެ. އެއީ ލޭ އެޅުމުގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުރި މުވައްޒަފެެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ލޭ އެޅުމުގެ ކުރިން އަންގަންޖެހޭ މައުލޫމާތު އެންގުމުގައި އިހުމާލުވުން ކަމަށް ބްލަޑް ސާވިސްގެ ބަޔާނުގައި ބުންޏެވެ.
ބްލަޑް ސާވިސަސް އިން ބުނީ، މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ އާއި ޓެކްނިކަލް މައްސަލަ ދިމާވި ފްރީޒަރުގައި ހުރި ލޭ ޕެކެޓުތައް އެޅި ތިން މީހުންގެ ތެރެއިން އެކެއްގެ އާއިލާ ހިމެނޭ ގޮތަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް އިން ބައްދަލުކޮށް ކަންބޮޑުވުންތައް އަޑު އެހި ކަމަށެވެ. އެ ވަގުތާ ހަމައަށް ހާމަކުރެވެން ހުރި ސައްހަ އަދި ފުރިހަމަ މައުލޫމާތު ފޮރުވުމެއް ނެތި އެ ފަރާތްތަކަށް ދިން ކަމަށް ބްލަޑް ސާވިސަސް އިން ބުންޏެވެ.