ތެލެސީމިއާ ދުވަސް ހަނދާންކޮށްދީ، ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސް ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމުގެ އިތުރުން ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށް ވެސް މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުންދީ ބަދަހި ގައުމެއް ބިނާކުރުމަށް ކަމަށެވެ. 

"ތެލެސީމިއާ ތަހައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީ އަޅުގަނޑުމެންގެ ދަރީން. އަޅުގަނޑުމެންގެ އާއިލީ މެންބަރުން. އެ އާއިލާތަކަށް ބޭނުންވާނެ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާ އަދި މަސްއޫލިއްޔަތު،" ރައީސް ވިދާޅުވި އެވެ. 

މި ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށާއި މީހުންނަށް މަހަކު 2،000ރ. ގެ އެލަވަންސެއް ދޭން ފަށައިފަ އެވެ. އަދި މާލޭގައި ހުރި ތެލެސީމިއާ ސެންޓަރުގެ އިމާރާތް ބާވެ، ޖާގަ ކުޑަވުމުން ހިދުމަތް ދިނުމަށް ދަތިވުމުގެ ސަބަބުން އެކަން ހައްލުކުރުމަށް ހުޅުމާލެ އޮރެޖެންޖު ހިޔާއަށް އެ ސެންޓަރު މިދިޔަ އަހަރު ވަނީ ބަދަލުކޮށްފަ އެވެ. 

ދުނިޔޭގެ ތެލެސީމިއާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 8 ވަނަ ދުވަހު އެވެ.

ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުންނާއި އާއިލާތަކަށް ފަރުވާއަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ މި ސަރުކާރުން ހާއްސަ އަހުމިއްޔަތެއް ދޭ މަސައްކަތެއް ކަމަށް ރައީސް ކުރިން ވެސް ވިދާޅުވެފައިވެ އެވެ.