ތުރުކީގެ އިދިކޮޅު ލީޑަރު އެކްރެމް އިމަމޮގްލޫ ހައްޔަރުކުރުމުން މުޒާހަރާކުރާއިރު ފުުލުހުން މުޒާހަރާ ކޮންޓްރޯލްކުރަން މަސައްކަތްކުރަނީ: މި ހަމަނުޖެހުންތަކާ އެކު އެކްސްގެ އެތައް އެކައުންޓެއް ތުރުކީގައި ވަނީ ސަސްޕެންޑްކޮށްފައި. -- ފޮޓޯ: އޭއެފްޕީ
24 މާޗް 2025 - 04:56
ތުރުކީ ސަރުކާރުން އެކްސްގެ 700 އަށް ވުރެ ގިނަ އެކައުންޓް ބްލޮކްކޮށްދޭން އެދިފައިވާ ކަމަށް އެ ޕްލެޓްފޯމުން ބުނެފި އެވެ.
އެކްސް އިން މިހެން ބުނެފައި މި ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދޭން ކަމަށް ބުނެ އީލޮން މަސްކް މިލްކުކޮށްފައިވާ އެކްސް އިން ތުރުކީ ސަރުކާރާ ދެކޮޅު އެތައް ބައެއްގެ އެކައުންޓްތައް ސަސްޕެންޑްކުރުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
"ތުރުކީގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީސް އޮތޯރިޓީން ތުރުކީގެ ނޫސް ޖަމިއްޔާތަކާއި ނޫސްވެރިންނާއި ސިޔާސީ ފަރާތްތަކާއި ދަރިވަރުންނާއި އެހެނިހެން ފަރާތްތަކުގެ 700 އަށް ވުރެ ގިނަ އެކައުންޓު އެ ގައުމަށް ބްލޮކް ކުރުމަށް ގިނަ ކޯޓު އަމުރުތަކެއް ނެރެފައި ވާއިރު އެ އަމުރުތައް ތަންފީޒުކުރުމަށް ވާނީ އިއުތިރާޒުކޮށްފައި،" އެކްސްގެ ކޮމިއުނިކޭޝަން ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެކްސް އިން ބުނީ ތުރުކީ ސަރުކާރުގެ މި އަމުރުތައް ގާނޫނާ ހިލާފް ކަމަށް ގަބޫލުކުރާ ކަމަށާއި އަދި މިއީ ހިޔާލު ފާޅުކުުރުމުގެ މިނިވަންކަމަށް ހުރަސްއަޅައި ސިޔާސީ ފިކުރާއި މައުލޫމާތަށް ހުރަސްއެޅުމުގެ އަމަލެއް ކަމަށެވެ.
އެކްސް އިން މިހެން ބުނެފައި ވާއިރު ބައެއް އެކައުންޓްތައް ސަސްޕެންޑް ކުރުމަށް ފަހު ވަނީ އެއީ ސައްހަ ނޫން މައުލޫމާތު ފެތުރުން ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތައް ކަމަށް ބުނެފަ އެވެ.
އެކައުންޓްތައް ސަސްޕެންޑްކޮށްފައި ވަނީ ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާންގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ އިސްތަންބޫލްގެ މޭޔަރު އެކްރެމް އިމަމޮގްލޫ މި ހަފުތާގެ ކުރީކޮޅު ހައްޔަރުކުރުމާ އެކި މުޅި ގައުމުގައި މުޒާހަރާތައް ފަށާފައި ވަނިކޮށެވެ. ޓެރަރިޒަމްގެ ތުހުމަތުކޮށް އޭނާ ހައްޔަރުކުރީ އިދިކޮޅު މައި ޕާޓީ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ)ގެ ރިޔާސީ ކެންޑިޑޭޓަކަށް އޭނާ ނޮމިނޭޓް ކުރުމުގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާދުރުމި
24 March 2025
ތުރުކީ ސަރުކާރާއި ދެކޮޅަށް ހިންގާ މިހަކާތަށް ހުޅަނގުގެ ފުރިހަމަ ތާއީދު ލިބޭނެ. އެއީ މި ހަރަކާތުގެ އަޑީގައި ހުރީ ކީރިތި ޤްރުއާން ބަދަލު ކުރަން މަސައްކަތް ކުރާ ސެކިއުލަރ ވިސްނުމުގެ ހުޅަނގުގެ ޕަޕެޓެއް
ހަވސޗ
24 March 2025
ޓުރުކީ ސަރުކާރު ފުރޮޅާލުމަކީ އެމެރިކާ އަދި އިޒުރޭލުގެ އެދުމެއް. ވަރަށް ދުވަސަވެއްޖެ އެކަންނުވެގެން އުޅޭތާ. މިގައުމުގައި ތިބި ކަހަލަ އައުދިވެހިރާއްޖެ ނަމުގައި ހުޅަނގުގެ ފައިދަށުވެގެން އުޅޭކަހަލަ ބަޔަކު އެތާނގައިވެސް އެސަކަރާތް ޖަހާ ޖެއްސުން ބޮޑުވެގެން ...ބުލޮކު ނުކުރިއްޔާދެރަ. މިހާލަތުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކިޔާނެ. ފަލަސްތީނުގެ ވާހަކަތައް އެހުރީ މީޑިޔާގައި ހިފަހައްޓާފައި . އެއީ ޑެމޮކިރަސީ