އައިޖީއެމްއެޗްގެ އިންޓާންޝިޕް ބައްދަލުވުމެއްގައި ޑޮކްޓަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: އައިޖީއެމްއެޗް
24 މާޗް 2025 - 15:55
މެޑިކަލް އިންޓާންޝިޕް ހެދުމުގެ ޖާގައަށް ހައްލު ހޯދައިދިނުމަށް ބޭރުގެ ފަސް ހޮސްޕިޓަލަކުން ދިވެހި ޑޮކްޓަރުންނަށް ފުރުސަތުތައް ފަހިކޮށްދީފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގައި ވެސް އިންޓާންޝިޕް ފުރުސަތު އިތުރަށް ފުޅާކުރަން މަސައްކަތް ކުރާ ކަމަށެވެ. އޭގެ ތެރެއިން، ސަރުކާރުގެ އިތުރު ހޮސްޕިޓަލްތަކުގައި އިންޓާންޝިޕް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.
ރާއްޖެއިން އިންޓާންޝިޕް ހަދަން ފުރުސަތު ނުލިބޭތީ އެމްބީބީއެސް ހެދުމަށް ފަހު، ގިނަ ޑޮކްޓަރުން ދަނީ ބަންގްލަދޭޝް އަށެވެ. ނަމަވެސް، މީގެ ކުރިން ހަމައެކަނި އެ ފުރުސަތު ލިބެނީ ޗިޓަގޮންގް މެޑިކަލް ކޮލެޖު ހޮސްޕިޓަލުން އަދި ޝޭރް-އޭ-ބަންގްލާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުންނެވެ.
ހެލްތު މިނިސްޓްރީން ބުނީ ފޮރިން މިނިސްޓްރީއާ އެކު ކުރި މަސައްކަތުން ދިވެހިންނަށް އިތުރު ފަސް ކޮލެޖެއްގައި މެޑިކަލް އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށެވެ. އެއީ؛
- ސިލެޓު އެމްއޭޖީ އޮސްމާނީ މެޑިކަލް ކޮލެޖު
- މައިމެންސިންހު މެޑިކަލް ކޮލެޖު
- ރަޖްޝާނީ މެޑިކަލް ކޮލެޖު
- ޝަހީދު ޒިއައުރު ރަހުމާން މެޑިކަލް ކޮލެޖު، ބޮގުރާ
- ކޮކްސަސް ބާޒާރު މެޑިކަލް ކޮލެޖު
އެ ފަސް ކޮލެޖަކީ ވެސް ދެ ގައުމުގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ ތަންތަނެވެ. މިނިސްޓްރީން ވަނީ އިންޓާންޝިޕް ޖާގަ ހޯދަން ބޭނުންވާނަމަ [email protected] އަށް އީމެއިލް އިން ރިކުއެސްޓް ފޮނުވަން އެދިފަ އެވެ.
ސަރުކާރުގެ ހޮސްޕިޓަލެއްގައި އިންޓާންޝިޕް ހަދަމުން އަންނަނީ އައިޖީއެމްއެޗުގައި އެކަންޏެވެ. ނަމަވެސް، އެ ހޮސްޕިޓަލުން ވަނީ ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިސްކަންދޭ ގޮތަށް އިންޓާންޝިޕްގެ ޖާގަ ދޭން ނިންމައިފަ އެވެ. އޭގެ ފަހުން، ހެލްތު މިނިސްޓްރީން އެދިގެން އޭޑީކޭއިން ވަނީ އިންޓާންޝިޕް ފަށައިފަ އެވެ. ނަމަވެސް، އެ ހޮސްޕިޓަލުގައި އެއް އަހަރުގެ އިންޓާންޝިޕް ނިންމަން ޑޮކްޓަރުން އަމިއްލައަށް މަހަކު 14،500ރ. ދައްކަންޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަމްކަލީޖް
24 March 2025
ކާކު ތަ ބުނީ އެންމެން ޑޮކަކަށް ވާށޭ.
ފިރާޢު
24 March 2025
އައި.ޖީ.އެމް އެޗް އިން އިންޓާންޝިޕްގެ ޖާގަ ދިނުމަށް އިސްކަން ދެނީވެސް އަދި އައި.ޖީ.އެމް.އެޗް އިން އިޢުލާންކުރާ ޑޮކްޓަރުންގެ ވަޒީފާ ދިނުމުގައި އިސްކަންދެނީވެސް ރާއްޖެއިން ޑޮކްޓަރުކަން ކިޔަވާ ކުދިންނަށް ކަމަށްވެއެވެ. މިލިއަނަކަށްވުރެ ގިނަރުފިޔާގެ ސްޓޫޑެންޓް ލޯނުގެ ދަރަނި ބޮލުގައި އަޅައިގެން ރާއްޖެއިން ބޭރުން ޑޮކްޓަރުކަން ކިޔަވައިގެން އައިސް ތިބި ދިވެހި ދަރިންނަށް އެއްވެސް ބެލުމެއް ނެތް. މިކަމުގައި މިއަށްވުރެ އިންޞާފުވެރިކަމެއް ބޭނުން ވެއެވެ.
ބުރަތޭރީ
24 March 2025
ހެލްތް މިނިސްޓްރީއިން ދީފައި މިވަނީ ސައްޙަ މައުލޫމާތެއްނޫން. މީގެ 10 އަހަރު ކުރިން ފެށިގެންވެސް ބަނގްލަދޭޝްގެ ސަރުކާރުގެ ގިނަ ހޮސްޕިޓަލްތަކުން ދިވެހި ކުދިން އަންނަނީ އިންޓާންޝިޕް ހަދަމުން..
ޑރ ޖަމީލާދީދީ
24 March 2025
އަދިވެސް ގެޓުނުވޭދޯ.. އިންޓާންޝިޕް ނުހެދޭ ފޭކް ތަންތަނަށް ޗައިނާއަށް ރަސިޔާ އަށް ޔޫކުރޭނަށް މެލޭސިޔާގެ ފޭކް ޕުރައިވެޓް ކޮލެޖް ތަކަށް ކިޔަވަން ދިޔުން ހުއްޓާކަށް ނުވޭދޯ އަދިވެސް.
ޑރ ހޭބޯ
25 March 2025
ގޮތެއްފޮތެއް ނެތި ހިތައްއެރި ގޮތަކަށްއުޅެ ކަންތައްކުރަން، ޗައިނާ ރަޝިއާ މެލޭޝިއާ އެއީ ދިވެހިރާއްޖެ ވިއްޔާ ދޯ!؟
އިންޓާން
24 March 2025
އިންޓާންޝިޕް ނުދޭ މެޑިކަލް ކޮލެޖް ތަކުން ކިޔެވުން ހުއްޓާލާ. އިންޓާންޝިޕަކީ އެހެން މީހެއްގެ ޒިންމާއެއް ނޫން. ހުރިހާ ކަމެއްގައި ސަރުކާރަށް ދައުލަތަށް ބަލަދު އަރަނީ
ޑޮކްޓަރު
24 March 2025
އެކުދިން އެދަނީ ލާރިގަނޑެއް ނަގައިގެނެއް ނޫނޭ އިންޓާންޝިޕް ހަދަން. އޭޑީކޭ އިން ލާރިކެޔަސް، ބަންގުލަދޭޝުން ހިލޭ އެހެދޭތީ. ކޮންމެ ތާކު ހުއްޓަކަސް ސަރުކާރު ދައުލަތަށް ބަލަދު އަރާނެ ދިވެއްސަކަށް ވަންޏާ. ކޮއްކޮ ވާނުވާ ނޭގޭ އިރުވެސް ކޮމެންޓު ކުރާތި.
މައްކުބޭ
25 March 2025
ތި މިނިސްޓަރު ބުނިހެން ތި ބުނީ، ދާށޭ މިނިސްޓަރގެ ދަރި ދިޔަ ޤައުމަށް. އިންޓަރންޝިޕް ހެދޭ ޤައުމުތަކުގެ ކޯހުގެ ފީ ކިހާވަރެއްތަ؟ އަހަރަކު އެތައް ހާސް ޑޮލަރު ނަގާ ޤައުމުތަކުގެ ވާހަކަ ތި ދައްކަނީ. ރާއްޖޭގެ ޓެކްސްޕޭޔަރގެ މުސާރަ ނަގައިގެން އުޅޭ އެކިވަރުގެ މިނިސްޓަރުންނާ އެމްބެސްޑަރުންނާ ތިބުމުގެ ބޭނުމަކީ ކޮބާ؟ މިވަރުކަމެއްވެސް ހަމަޖައްސައެއްނުލެވޭ، ޔަޤީން މެލޭޝިޔާ އިންވެސް ސަރުކާރުން އެދިއްޖެނަމަ އެޤައުމުގަ ކިޔަވާ ދިވެހިންނަށް ފުރުސަތު ދީފާނެކަން.
އިންޓާން
24 March 2025
އޭ.ޑީ.ކޭ ހޮސްޕިޓަލުން އިންޓާންހަދާ ކޮންމެ ކުއްޖެއްގެ އަތުން މަހަކަށް 14،500 ރުފިޔާ ނެގުމަކީ އެއްގޮތަށްވެސް ކޮށްގެންވާނެ ކަމެއްނޫން. އޭ.ޑީ.ކޭގެ އެމަލަކީ ދިވެހި ޑޮކްޓަރުކަން ކިޔަވާ ކުދިންނައް އެދާއިރާއިން ކުރިއަށްދިއުމުގެ ފުރުޞަތު ހަނިކުރުމަށް ހިންގާ ބޭއިންސާފު ޢަމަލެއް. އޭ.ޑީ.ކޭ އަށް ދީފައިވާ އާސައިންދައިގެ ޚިދުމައް ކަންޑާލަން އަޅުގަނޑު ދިވެހި ސަރުކާރަށް ގޮވާލަން
ދިވެއްސެއް 2
24 March 2025
ރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައިވެސް މެޑިސިން އެ ކިޔަވަނީ ދިވެހި ކުދިން. ވީއިރު މި ޤައުމުގައި އިންޓާންޝިޕް ދިނުމުގައި ވަކި ބަޔަކަށް އިސްކަން ދިނުން ބަލައެއް ނުގަނެވޭ. އެމް.އެން.ޔޫ އިން އެބުނާ ކޮލިޓީ ހިފެހެއްޓެންޏާ އެކުދިންނަށް ވެސް ބޭރުގަ ހަމަ އިންޓާންޝިޕް ހެދޭނެ ދޯ. ތިއީ ހަމަ އެއްވެސް ތާކުންތާކުން ނުޖެހޭ ނާއިންސާފީ ނިންމުމެއް.
ލަބީދު އެންޑް ކަބީރު
24 March 2025
މިގައުމަށް 2028ގާ ބޭނުމީ އޭޑީކޭ ސައިޒުކުރެވޭނެ މީހަކު.
ޫހޖހގ
24 March 2025
ސްޕެޝަލައިޒްވާންވެސް ފުރުސަތު ލިބޭނެގޮތް ހަދާބަލަ. ބެލަރުސް ގަ އުޅޭ ދިވެހި ކުދިން އުޅޭ ހާލު ނިކަން ހެލްތު މިނިސްޓްރީން ބަލާލަބަ. މުސްލިމުންވީމަ އިންތިހާއަށް ތަފާތުކުރޭ. ޥަރަށް ނިކަމެތި ހާލެއްގަ ދިވެހި ކުދިން އުޅެނީ.
2
24 March 2025
އޭޑީކޭ ނާއްޓެވެސް ދޯ؟