އިންޑިއާގެ ކޯޗު މާކޭޒް: އޭނާ ބުނީ ބަންގްލަދޭޝް މެޗުގައި އޭނާގެ ޓީމުން ފެނުނީ ދަށް ކުޅުމެއް ކަމަށް
26 މާޗް 2025 - 13:38
ބަންގްލަދޭޝް އަތުން އިއްޔެ އެއްވަރުވި މެޗުގައި އިންޑިއާގެ ޓީމުން ފިޔަވަޅު އެޅީ ފަހަތަށް ކަމަށް ކޯޗު މަނޯލޯ މާކޭޒް ބުނެފި އެވެ.
ލެސްޓާ ސިޓީގެ ލޯނު އެއްބަސްވުމުގެދަށުން އިނގިރޭސި ޗެމްޕިއަންޝިޕްގައި ޝެފީލްޑް ޔުނައިޓެޑަށް ކުޅެމުން އަންނަ ޑިފެންޑަރު ހަމްޒާ ޗައުދަރީ ބަންގްލަދޭޝްގެ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ އިންޑިއާ ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓައިފަ އެވެ.
ލީޑް ނަގާނެ ފުރުސަތު ވެސް މެޗުގެ ކުރީކޮޅު ބަންގްލަދޭޝްއިން ތަނަވަސް ކުރި އެވެ. މިއީ 26 އަހަރުތެރޭ ބަންގްލަދޭޝް އާއި އިންޑިއާގެ ކުރިމަތިލުމުގައި ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ މެޗެވެ.
އިންޑިއާގެ ކޯޗު މާކޭޒް ބުނީ މެޗުތަކުގައި އިންޑިއާގެ ޓީމުން ހޯދަމުން ދިޔަ ކުރި އެރުން އިއްޔެގެ މެޗުގައި ނުފެނުނު ކަމަށެވެ. އޭގެ ބަދަލުގައި އެ ޓީމުން ފިޔަވަޅު އެޅީ ފަހަތަށް ކަމަށް މިދިޔަ އަހަރު އިންޑިއާގެ ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.
"ސެޕްޓެމްބަރު މަހު މޮރިޝަސްއާ ދެކޮޅަށް ހައިދަރްއާބާދުގައި އެންމެ ޕްރެކްޓިހަކަށް ފަހު ކުޅުނު މެޗުން ފެށިގެން ދެން ކުޅުނު ކޮންމެ މެޗެއްގައި ވެސް އަހަރެމެންގެ ޓީމުން ކުރިއެރުން ފެނުނު. އެކަމަކު މިއަދު [އިއްޔެ] އަހަރެމެން ދެ ފިޔަވަޅު ނޫނީ ތިން ފިޔަވަޅު މި އެޅީ ފަހަތަށް،" އިންޑިއާގެ ސުޕަ ލީގުގެ ކްލަބް ގޯއާ އެފްސީގެ ކޯޗުގެ މަގާމު ވެސް އަދާކުރަމުން އަންނަ ކޯޗު ބުންޏެވެ.
ސައުދީ އަރަބިއާގައި 2027 ގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވާނީ ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމެވެ.
އިންޑިއާ ހިމެނޭ ގުރޫޕްގައި ސިންގަޕޫރާއި ހޮންކޮން ކުޅުނު މެޗު ވެސް ލަނޑެއް ނުޖެހި އެއްވަރު ވީ އެވެ. މާކޭޒް ބުނީ ހިތްހަމަޖެހުމަކީ ގުރޫޕްގެ ހަތަރު ޓީމަށް ވެސް ހަމަހަމަ އަށް ޕޮއިންޓް ލިބުން ކަމަށެވެ.
"އަހަރެމެންނަށް ރަނގަޅަށް ޑިފެންސް ވެސް ނުކުރެވުނު. އަހަރެމެން މިހުރީ ވަރަށް ރުޅި އައިސްފައި އަދި މާޔޫސްވެފަ. އެކަމަކު ރަނގަޅު ކަމަކީ އަހަރެމެން ހުރީހާ ޓީމަކަށް ވެސް ހަހަމަހަމަ އަށް ޕޮއިންޓް ލިބުން. އެހެންވީމާ އަހަރެމެން ވެސް ފަށަން ޖެހޭނީ ސުމަކުން،" މާކޭޒް ބުންޏެވެ.
އިންޑިއާގެ ދެން އޮތް މެޗުގައި ޖޫން މަހު ކުޅޭނީ ހޮންކޮންއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްޕަޓޭ
27 March 2025
މިސަރަހައްދުގަ އަމަލުން ކުރިއަރާ ބައެއް ނޫޅޭ. ފޮނިކެނޑުމުގެ ވޯލްޑް ކަޕެއް ބާއްވައިފިނަމަ ރާއްޖެއާ އިންޑިއާ ފައިނަލަށްދާނެ.