ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް ރާއްޖޭގައި މިރޭ ބާއްވާ ފުރަތަމަ ހަފުލާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
26 މާޗް 2025 - 23:39
ކޮންމެ ރޯދަ މަހެއްގެ 27 ވިލޭރޭ، ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާ ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ހާފިޒުންގެ ދަސްވެނިވުމަށް މިރޭ ބޭއްވި ޖަލްސާއަކީ ރާއްޖޭގައި ހާފިޒުންނަށް ހާއްސަކޮށް ބޭއްވި ފުރަތަމަ ޖަލްސާ އެވެ.
އެ ޖަލްސާއަކީ ރާއްޖޭގެ އިސްލާމީ ފަހުރުވެރި ތާރީހަށް އިތުރުވެގެންދާ ޝަރަފުވެރި ކަމެއްކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ އެއީ އިސްލާމީ ހަޟާރަތުގެ މުޅިން އައު ސޮފުހާއެއް ކަމަށެވެ.
ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް ރާއްޖޭގައި މިރޭ ބާއްވާ ފުރަތަމަ ހަފުލާގައި ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްލާމީ މަރުކަޒަށް ވަދައިގަތުމުން މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ސަލާމް ކުރައްވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މީގެ ކުރިން ވެސް ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ސަނަދު ދިން ނަމަވެސް، މިއީ ހާފިޒުންނަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވައި، ޝަހީމް ވިދާޅުވީ ކުރިން އެކަން ކުރެވެމުން ދިޔައީ ގުރުއާން މުބާރާތުގެ ގައުމީ ނަތީޖާ ފާޅުކުރާ ޖަލްސާގައި ތެރެއިން ކަމަށެވެ.
"އޭގެ ސަބަބުން އެ ޖަލްސާއަށް ދޭންޖެހޭ ހައްގު ގަދަރު ނުދެވުމާއެކު، ހާފިޒުންނަށް ވެސް ހާއްސަ ސަމާލުކަމެއް ނުދެވޭ،" ޝަހީމް ވިދާޅުވި އެވެ.
"މިއީ މުޅިން ދެކަމެއް. އެއީ އިނާމު ދިނުމުގެ ޖަލްސާއެއް. މިއީ މުޅިން ވަކި ޖަލްސާއެއް. އޭރު އެކަން އެހެން ކުރެވެމުން ދިޔައީ ހާފިޒުން މަދުވީމަ. ބައެއް ޖަލްސާތަކުގައި އެންމެ މީހަކަށް ނުވަތަ ދެ މީހަކަށް ސަނަދު ދޭ. ނަމަވެސް މީގެ ފަހު އަހަރުތަކުގައި މި ކަންތައްތައް މިވަނީ ބަދަލުވެފައި. އެހެންވީމަ އަޅުގަނޑުމެން ވިސްނީ ރައީސް މުއިއްޒުގެ އިރުޝާދާއި އެކުގައި މިކަމަށް ސަރުކާރުގެ ފަރާތުން ވަކި ހާއްސަ ހަފްލާއެއް ބޭއްވުމަށް."
ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް ރާއްޖޭގައި މިރޭ ބާއްވާ ފުރަތަމަ ހަފުލާގައި ދަސްވެނިވި ދަރިވަރުން.--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދުނިޔޭގެ އިސްލާމީ އެހެން ގައުމުތަކުގައި މިރޭގައި މިފަދަ ޖަލްސާތައް ބާއްވާކަން ފާހަގަ ކުރައްވައި، ޝަހީމް ވިދާޅުވީ މި އަހަރުން ފެށިގެން ކޮންމެ ރޯދަ މަހެއްގެ 27 ވިލޭރޭ ހާފިޒުންގެ ޖަލްސާ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ގުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލް ކުރެއްވި 24 ހާފިޒަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ ގައުން އާއި ހަނދާނީ ލިޔުން ދެއްވައިފަ އެވެ.
ޝަހީމް ވިދާޅުވީ މިހާތަނަށް 250 ކުދިންނަށް ހާފިޒުކަމުގެ ސަނަދު މިނިސްޓްރީން ދީފައިވާ ކަމަށާއި އަދި އިތުރު 630 ދަރިވަރުން މިހާރު ވެސް ކިޔަވަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭ 1،000 ކުދިން ހާފިޒުންނަށް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިއްލާ
27 March 2025
ކަންދެއްކުން ނޫން ކޮން ކަމެއް ދެން ތީ، 27 ވިލޭރޭ ބަޔަކު ލައްވާ މަސައްކަތް ކުރުވަން. އެކަމަކު ފަހު 10 ބަންދު ކުރީ އަޅުކަން ކުރަން ފުރުސަތު ދޭންށޯ. މެޑެލި ޖެހޭތޯ ބަލާ އެޓެންޝަން ހޯދައިގެން
ކިމް
27 March 2025
ބައެއް މީހުން ހަމަ އެކަނި ޖަލްސާއަށް ވަދެލިޔަސް ތިކަމުގައި ވަރަށް އިދާރީ މަސައްކަތްވެސް އޮންނާނެކަން ޔަގީން ބައެއް މުވައްޒަފުން ކުރަން. ފަހު 10 ބަންދުކޮށްދީފަ ދެން ތިހެން ނުހަދާ
ސަސި
27 March 2025
އަސްލަކީ ތިޔަ ޖަލްސާގައި އެކި ކަންކަމުގައި ޝާމިލުވާގިނަބަޔަކަށް 27 ވިލޭރޭގެ އަޅުކަމަށް ބުރޫއަރާނެ، ރޯދަމަހުގެ ކުރީކޮޅު ތިކަން ބޭއްވިޔަސް ހާފިޒުންނަށް ސަރަފު ލިބޭނެ
ހަބިއްތަ
27 March 2025
ފަހު ދިހައަކަށް ޖަލްސާތައް ނުރާވަބަލަ. ހެޔޮ ނުވާނެ
ސހސހސހ
27 March 2025
އަޅުކަން ކުރަންވީރޭ ކުރަން އެންމެ ރަނގަޅު ކަމެއް ނޫން. އެހެން ކޮންމެ ދުވަހެއް ވެސް ހަމަ ރަނގަޅުވާނެ.
ނޫނޭ އަދި ރަނގަޅެއް ނޫން
27 March 2025
ތި ނިންމުން ރަނގަޅެއް ނޫން. އޮނަހިރި ރޭ ތަކަކީ އަޅުކަމަށް އިތުރު އިސްކަމެއް ދޭންވާ ރޭތަކަށްވާއިރު އެރޭ ބޭއްވީމަ ޖަލްސާ ތައްޔާރު ކުރާ މީހުންނާ ދާ މީހުންނަށް އަޅުކަން ކުރަން ލިބޭ ވަގުތު ތި ގެއްލެނީ. ކުޑަކޮށް ކުރުކޮށް ނިމޭނީކީ ނޫން ޖަލްސާއެއް ވީމަ. 27 ވިލޭރޭ ސްކޫލުތަކުގައާއި އެހެން މުވައްސަސާތަކުން ކަންކަން ނުރާވަނީ އެހެންވެ. އިސްލާމިކް މިނިސްޓަރަށް އެކަން ނުވިސްނުނީމަ ވ ދެރަ.