ބްރޯޑްކޮމްގެ މެމްބަރުންގެ ބައްދަލުވުމެއް.-- ފޮޓޯ: ބްރޯޑްކޮމް
06 އެޕްރީލް 2025 - 12:58
މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ބޯޑުން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ ބްރޯޑްކޮމްގެ މެމްބަރަކު އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރުމަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގުރާރާއި ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އެކަމަށް ކުރިމަތިލުމަށް ދީފައިވާ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ބުންޏެވެ.
ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ނައިބު ރައީސް އަދި މެމްބަރު މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމުންނެވެ. ފަޒީން އިސްތިއުފާ ދެއްވީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ހެދި އޭނާގެ މައްސަަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަމުން ދަނިކޮށެވެ.
ކޮމިޝަންގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ މައްސަލާގައި ފަޒީން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ވެސް ހާޒިރުކޮށްފަ އެވެ. ފަޒީން އިސްތިއުފާ ދެއްވީ އެ މައްސަލާގައި އޭނާ ވަކިކުރުމާ މެދު ކޮމިޓީން ވަކި ގޮތެއް ނިންމަން ފާސްކޮށްފައި އޮއްވަ އެވެ.
ޖިންސީ ފުރައްސާރަ އަމާޒުވި ކަމަށް ބުނާ މުވައްޒަފު މީގެ ކުރިން "މިހާރު" އަށް ކިޔައިދިން ގޮތުގައި ތަކުރާރުކޮށް އެކި ފަހަރު މަތިން އޮފީސް ތެރެއިން އޭނާ އަށް ވަނީ ފަޒީންގެ ފަރާތުން ފުރައްސާރައާ ކުރިމަތިވެފަ އެވެ. އެކަމާ ގުޅިގެން ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށް، އޭނާ އޮފީހަކަށް ވެސް ނުނިކުމެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
07 April 2025
ތިޔަތަނުގަ ތިޔަތިބީވެސް ފުދޭވަރަކަށް ބްރޯޑްމީހުންތާ، އެހެންވީމަ ދެންވަންނަމީހަކުވެސް ބްރޯޑްވެގެން ބްރޯޑްކޮމް އަށް ފިޓްވާނީ.
ސަނޑި
07 April 2025
ކިޔަވައިގެން ތިބި ކުދީންނޭ، ވަގުތު ބޭކާރުކުރަން ކުރިމަތިލާނެ ކަމެއް ނެތް! ޖޭއެސްސީން ބުނާނެ ފުރަތަމަ ދުވަހު ސިޓީލިޔަސް މައްސަލަ ސާފުނުވިއްޔޭ، ކޮންޕިޔުޓަރު ހަލާކުވިއްޔޭ ކިޔައިގެން ކުރިމަތިނުލެވޭގޮތް ހަދާނެ. އެކަމަކު އެމީހުން ބޭނުންވާ މީހާގެ މައްސަލަ ނިންމާނެ. އެކަމުގައި ކޮންޕިޔުޓަރުވެސް އޯކޭ ވާނެ.