އޭސީޕީ ޕްރަދިއުމަންގެ ރޯލު ކުޅޭ ޝިވާޖީ ސަތަމް އާއި އާ އޭސީޕީގެ ރޯލަށް ހަަމަޖެއްސި ޕާތު ސަމްތާން.
07 އެޕްރީލް 2025 - 10:13
އިންޑިއާގެ ސޮނީ ޓީވީން ގެނެސްދޭ މަގުބޫލު ޓީވީ ޝޯ "ސީއައިޑީ"ގެ އާ އޭސީޕީގެ ރޯލަށް ޓީވީ އެކްޓަރު ޕާތު ސަމްތާން ހަމަޖައްސައިފި އެވެ.
އިންޑިއާގެ ޓީވީ ޝޯތަކުގެ ޚަބަރުތައް ގެނެސްދޭ "ސާސް ބަހޫ އޯރް ބޭޓިއާ" ޕްރޮގްރާމް އަށް އިއްޔެ ދިން އިންޓަވިއުއެއްގައި ޕާތު ވަނީ ސީއައިޑީގައި އޭސީޕީގެ ރޯލު ކުޅެން އޭނާ އަށް ފުރުސަަތު ލިބިފައިވާ ކަން ހާމަކޮށްފަ އެވެ.
"ސީއައިޑީ"ގެ އެންމެ މުހިންމު އެއް ކެރެކްޓާ ކަމަށްވާ އޭސީޕީ ޕްރަދިއުމަން އެ ޝޯގައި މިހާރު ވަނީ މަރުވެފަ އެވެ. އެ ޝޯގައި އޭސީޕީ ޕްރަދިއުމަންގެ ރޯލު ކުޅުނީ ޝިވާޖީ ސަތަމް އެވެ.
ޕާތު ބުނީ މި ފުރުސަތު ލިބުމުން އޭނާ ހުރީ ދެ ހިޔާލެއްގައި ކަމަށެވެ. ސީއައިޑީގެ އެންމެ މުހިންމު ކެރެކްޓާގެ ޒިންމާ އޭނާ އަށް އަދާކުރެވޭނެ ކަމާ މެދުގައި އަމިއްލަ ނަފުސަށް ސުވާލުކުރެވުނު ކަމަށް ވެސް އޭނާ ބުންޏެވެ.
"މިއީ ސޮނީން ގެނެސްދޭ ވަރަށް ހާއްސަ ޝޯއެއް. އަހަންނަށް މި ފުރުސަތު ލިބުމުން އާއިލާއާ ހިއްސާކުރީމަ، އެމީހުން ހީކުރީ އަހަރެން މަޖަލަކަށް ދެއްކި ވާހަކައެއް ކަމަށް. އެކަމަކު، އަސްލު ލިބުނު ފުރުސަތެއް ކަން އެނގުމުން އެންމެ ވެސް ވަރަށް އުފާވި. އޭސީޕީ ޕްރަދިއުމަން ކުޅުނު ކަހަލަ ރޯލެއް ކުޅެން ލިބުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ދެކެން،" ޕާތު ބުންޏެވެ.
ޕާތު ބުނީ އޭނާ ކުޅޭ ކެރެކްޓާގެ ނަމަކީ އޭސީޕީ އަޔުޝްމަން ކަމަށެވެ.
މި ފުރުސަތު ލިބުމުން ވަރަށް އުފާކުރާ ކަމަށާއި ބެލުންތެރިން އުއްމީދުކުރާ ފެންވަރަށް މި ރޯލު ކުޅެވޭތޯ މަސައްކަތްކުރާނެ ކަމަށް ވެސް ޕާތު ބުންޏެވެ.
ސޮނީން ވަނީ އެ ޝޯގައި އޭސީޕީ ޕްރަދިއުމަން މަރުވާކަން ޔަގީންކޮށްދީ، ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ. ނަމަވެސް، އޭނާ މަރުވާ އެޕިސޯޑު އަދި ނުދައްކަ އެވެ. އެ ޝޯގައި ހިނގާ ހާދިސާއެއްގައި އޭސީޕީ ޕްރަދިއުމަންގެ ކެރެކްޓާ މަރާލަނީ ޝިވާޖީ އެ ޝޯއިން ވަކިވާން ނިންމާފައި ވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަރުކޭސް
10 April 2025
ރީތި ހުސްކުރި ޕާތު! ޥާ ސަރީ!
2025
09 April 2025
ތިބަޔަށް ރަގަޅުވާނީ އެކަލަ ދުވަސްވީ މީހެއް.....ބޮއިހަލަކި