ބޮލޯނިއާގެ އެންޑޯއި (ވ) ހުއްޓުވަން ނަޕޯލީގެ އަންގުއިސާ މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
08 އެޕްރީލް 2025 - 09:25
ރޭ ބޮލޯނިއާއާ 1-1 އިން އެއްވަރުވެ ނަޕޯލީން، އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާނާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.
ހަފުތާ ބަންދުގައި އިންޓަ ވަނީ ޕާމާއާ 2-2 އިން އެއްވަރުވެފަ އެވެ. އެހެންވެ ރޭ ނަޕޯލީ މޮޅުވި ނަމަ އެ ޓީމަށް އިންޓައާ އެއް ޕޮއިންޓަށް ކައިރި ކުރެވޭނެ އެވެ. މިހާރު ފަރަގަކީ ތިން ޕޮއިންޓެވެ. އިންޓަ އަށް 68 ޕޮއިންޓް ލިބިފައިވާއިރު ނަޕޯލީ އަތުގައި އޮތީ 65 ޕޮއިންޓެވެ.
ބޮލޯނިއާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ނަޕޯލީން ވަނީ 18 ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. މި ގޯލް ޖެހީ އެ ޓީމުގެ މިޑްފީލްޑަރު އަންދްރޭ-ފްރޭންކް ޒަމްބޯ އަންގުއިސާ އެވެ. ބޮލޯނިއާ އިން އެއްވަރުކުރީ 64 ވަނަ މިނެޓުގައި ޑޭން އެންޑޯއި ޖެހި ގޯލުންނެވެ.
ލީގުގައި ކޮންމެ ޓީމަކަށް ބާކީ ހަތް މެޗު އޮތްއިރު މިހާރު އޮތް ގޮތުން ފޭވަރިޓުންނަކީ އިންޓަ އެވެ. އެކަމަކު އެ ޓީމަށް ޗެމްޕިއަންސް ލީގާއި އިޓާލިއަން ކަޕުގެ މެޗުތައް ވެސް އޮތުމުން ޝެޑިއުލް ވަރަށް ބުރަ އެވެ. ނަޕޯލީ އަށް އޮތީ ލީގު މެޗުތައް އެކަނި ކަމުން އެ ޓީމު ކުޅޭނީ ހަފުތާއަކު އެންމެ މެޗެކެވެ. ނަޕޯލީގެ އުއްމީދަކީ އޭގެ ފައިދާ ނެގުމެވެ.
އަނެއްކޮޅުން ނަޕޯލީ އަށް ބާކީ ހަތް މެޗުގެ ތެރޭގައި ބޮޑު ޓީމަކާ ކުރިމަތިލުމެއް ނެތެވެ. އެކަމަކު އިންޓަ އަށް ރޯމާ އާއި، ބޮލޯނިއާ، އަދި ލާޒިއޯއާ ކުޅެން އެބަ އޮތެވެ.
ރޭގެ މެޗަށް ބަލާއިރު މި މެޗުން މޮޅުވި ނަމަ ބޮލޯނިއާ އަށް ވެސް ތާވަލުގެ ތިން ވަނަ އަށް އެރުނީހެވެ. އެ ޓީމު މިހާރު އޮތީ 57 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ތިން ވަނައިގައި އޮތީ 58 ޕޮއިންޓާ އެކު އެޓަލާންޓާ އެވެ.
މިދިޔަ ސީޒަނުގައި ވެސް ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ހޯދި ބޮލޯނިއާ ބެލެވިފައި އޮތީ މި ސީޒަނުގައި ދާނީ ދަށްކޮށް ކަމަށެވެ. އެއީ ކޯޗު ތިއާގޯ މޮޓާ އާއި މުހިއްމު ބައެއް ކުޅުންތެރިން ކްލަބް ދޫކޮށްލުމުންނެވެ. އެކަމަކު ވިންޗެންޒޯ އިޓާލިއާނޯއާ އެކު ބޮލޯނިއާ އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy