އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި. -- ފޮޓޯ: އޭއެފްޕީ
09 އެޕްރީލް 2025 - 05:46
ފަލަސްތީނުގެ ހަމާސް އިން ޣައްޒާގައި ރަހީނުކޮށްފައި ތިބި އިޒްރޭލު މީހުން މިނިވަންކުރުމަށް އާ އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބައްދަލުވުމަކަށް ފަހު ބުނެފި އެވެ.
"އާ އެއްބަސްވުމެއްގެ މަސައްކަތް އެބަ ކުރިއަށްދޭ. މިކަން ކާމިޔާބުވާނެ ކަމުގެ އުންމީދު އެބަ އޮތް. މަސައްކަތް މި ކުރަނީ ހުރިހާ ރަހީނުން މިނިވަންކުރުމަށް،" ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކޮށް ނަތަންޔާހޫ ބުންޏެވެ.
ޓްރަމްޕް ވަނީ ރަހީނުން ސަލާމަތްކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހަމަލާތައް މެދުކަނޑާލުމަށް އަނެއްކާވެސް އާ އެއްބަސްވުމެއް ހަދާނެ ކަމަށް ބުނެފަ އެވެ.
"ދެން ފެންނާނެ ނަތީޖާއެއް ބަލަމާ ހިނގާ،" ޓްރަމްޕް ބުންޏެވެ.
ނަތަންޔާހޫ އެމެރިކާއަށް ދިޔައީ އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ދެމުން ދިޔަ ހަމަލާތައް މެދުކަނޑާލުމަށް ފަހު އަލުން ހަމަލާތައް ފެށި ފަހުންނެވެ. ހަމަލާތައް މެދުކަނޑާލަން ކުރިން ވީ އެއްބަސްވުމުގެ ދަށުން 33 ރަހީނަކު މިނިވަންކުރި އެވެ. އަދި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ 1،800 މީހަކު މިނިވަންކުރި އެވެ.
ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގައި 251 މީހަކު ރަހީނުކުރި އެވެ. އޭގެ ތެރެއިން އަދިވެސް 58 މީހަކު ޣައްޒާގައި ބަންދުކޮށްފައި އެބަތިބި ކަމަށް އިޒްރޭލުން ބުނެ އެވެ. އަދި 34 ރަހީނަކު މަރުވި ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލި
09 April 2025
ނުބައިވެގެންވާ ތިޔަ ދެމީހުންގެ ނިމުން ހިތިކުރައްވާ އަވަސްކުރައްވާށި. އާމީން.
ވިއްސާރަދުވަހެއް
09 April 2025
އާމީން
ބޮލުރޮދި
09 April 2025
ތިދިޔައީ ބޮޑުބައި