އެކަޑަމީ އިއުލާންކުރަން އަލީ ރަމީޒު (ވ) ބޭއްވި ބައްދަލުވުމުގައި ދަގަނޑޭ (ވ-2) އާއި ސާޖިދު (ކ-2)، އަދި ނިސްތާރުއާ އެކު.
08 އެޕްރީލް 2025 - 11:30
އަލީ ރަމީޒުގެ މަންފާ ޖަމިއްޔާ އިން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާ ގުޅިގެން ކުޅިވަރު އެކަޑަމީއެއްގެ ފެށުމުގެ މަސައްކަތް ފަށައިފި އެވެ.
މަންފާ އެކަޑަމީގެ ނަމުގައި ކުރިއަށް ގެންދާ މި އެކަޑަމީ އިއުލާންކުރީ އަލީ ރަމީޒު ފޭސްބުޕް ޕޭޖުގައި ކުރި ޕޯސްޓެއްގަ އެވެ.
"އަލްހަމްދުﷲ، މަންފާ ގެ ސްޕޯޓްސް އެކަޑަމީއެއް ވުޖޫދަށް އަންނަނީ، އިންޝާﷲ،" އަލީ ރަމީޒުގެ ޕޯސްޓުގައިވެ އެވެ.
މި އެކަޑަމީ ހިންގުމާ މިވަގުތު ހަވާލުވެ ހުރި މަޝްހޫރު ވޮލީބޯޅަ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ، މި އެކަޑަމީން ހުރިހާ ކުޅިވަރަކަށް އަމާޒުކޮށްގެން މުޅި ރާއްޖޭގައި ހަރަކާތްތައް ހިންގާނެ ކަމަށެވެ.
"އެކަމަކު ފަށަނީ ފުޓްބޯޅަ، އާއި ވޮލީބޯޅަ، އަދި ފުޓްސަލް އިން. އެއީ މިވަގުތު ރާއްޖޭގެ އެންމެ ގިނަ ބަޔަކު ކުޅޭ ތިން ކުޅިވަރު ކަމުން. އެކަމަކު ކުރިއަށް އޮތްތަނުގައި ހުރިހާ ކުޅިވަރަކަށް ވެސް ކުރިއަށް ގެންދާނަން،" ސާޖިދު ބުންޏެވެ.
އޭނާ ބުނީ އެކަޑަމީގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ކޭމްޕް ސްޓައިލަށް ކަމަށާއި، އަމާޒަކީ ދީނީ މިންގަނޑުގެ ތެރެއިން ރާއްޖޭގައި ކުޅިވަރު އާލާކޮށް ކުރިއަށް ގެންދިއުން ކަމަށެވެ.
އެކަޑަމީގެ މަސައްކަތުގައި އަލީ ރަމީޒާ އެކު، ދަގަނޑޭ އާއި ސާޖިދުގެ އިތުރުން އަރަމުން އަންނަ ފުޓްބޯޅަ ކޯޗު އަލީ ނިސްތާރު މުހައްމަދު ބައިވެރިވެ އެވެ. ނިސްތާރަކީ ދާދި ފަހުން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި ކާމިޔާބު މުބާރާތް ގޯލްޑް ކަޕުގެ އެއް ފައުންޑަރެވެ. ސާޖިދު ބުނީ ކުރިއަށް އޮތްތަނުގައި ކުޅިވަރުގެ މަޝްހޫރު އެހެން ކޯޗުން ވެސް މި ހަރަކާތުގައި ބައިވެރިވާނެ ކަމަށެވެ.
މަންފާ ޖަމިއްޔާ އަކީ، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު އިސްކޮށް ހުރެ ދާދި ފަހުން ރަޖިސްޓަރީކުރި ޖަމިއްޔާ އެކެވެ. މި ޖަމިއްޔާގެ މަގުސަދަނީ ދީނީ ކަންކަމުގައި އާއްމުން ހޭލުންތެރިކުރުވުމާއި، ދީނީ މިންގަނޑުގެ ތެރެއިން އިޖުތިމާއީ ހަރަކާތްތައް ހިންގުމެވެ. އަލީ ރަމީޒް ކުރިން ހަރަކާތްތެރިވީ ސަލަފް ޖަމިއްޔާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
10 April 2025
ސަލަފުއްސާލިހުން ކުޅުނީ ފައިގަ ތަޅާ، ފުޓުބޯޅަ ކުޅެ އުނުކަން އެނގޭކަށް ނެތް..
ނަމުން
10 April 2025
ފައިގަތަޅާއޭ ؟؟ އަހަރެން އަޑުއެހިތާ …… ނަމަނަމަ ސަލަފުއްސާލިހުންނާ ބެހޭގޮތުން ދޮގެއް ނަހަދާތި
ޙަޤީގަތ
09 April 2025
އަލީ ރަމީޒު އެންމެ މަޝްހޫރުވެ މީހުންގެ މެދުގައި ރޯލް މޮޑެލް އަކަށް ވީ ހިސާބުން އަލީއަށް ތެދުމަގު ދައްކަަވައި މައިދާނަށް.. އަލީ އަޝްފާޤުވެސް އެގޮތަށް ދައުވަތުގެ މައިދާނަށް.. ކިހާ އުފާވެރި .. ގައުމުގެ ޒުވާނުން މިސާލު ނަންގަވާ..
ސަލިމްބައި
09 April 2025
މި އުޅެނީ އަނެއްކާ ފުޓުބޮޅަ ހަލާކު ކުރަން...
ލޮލޯ
09 April 2025
ތީ ވަރަށް ހެޔޮކަމެއް.
ހަސަންބޭ..
09 April 2025
ކޮމެންޓްތަކުން އިނގޭ ކަމަކީ ކުރާ ޢަމަލަކަށް ބެލުމެއް ނެތި, މީހާ އަށް ބަލާކަން.. ދީނީ ވިޔަސް ކުޅިވަރު ކުޅެވޭނެ.. އަހަރުމެންގެ ދަރިންނަށް ދީނުގެ ހަމަތަކުގެ މަތީގައި ތިބެ ކުޅިވަރު ދަސްވެގެން ދިއުމަކީ ނުހަނު އުފާ ކުރާކަމެއް.. ކޮންމެ މީހެއް ކުރިޔަސް
ޝަޖޫ
08 April 2025
ވަރަށް ދުރަށް ވަރަށް މޮޅަށް ވިސްނައިގެން ހިންގާ ޕްރޮގްރާމެއް!
ރެގޭ ހާބީ
08 April 2025
ސަލަފުއްސާލީހުން އުޅުއްވިގޮތަށް އިނގޭ ތިގެންދަނީ
މަމނެން
08 April 2025
ތިކަމުގައިވެސް ކާމިޔާބަށް އެދެން
ސާދަ
08 April 2025
ސްޕޮންސާރޝިޕަށް ލިބޭ އެތިކޮޅު ރަނގަޅު ގޮތުގައި ބޭނުން ހިފާނެކަމަށް އުންމީދު ކުރަން.
ދޯޯދޯ
08 April 2025
ކުޅިވަރު އެކަޑަމީތަކަކީ ޅަކުދިން ރެކްރޫޓް ކުރަން ރަނގަޅު ތަންތަންކަން އަދިކިރިޔާ ދޯ އަލީ ރަމީޒަށް ވިސްނުނީ… ސައޫދީ އެމްބަސީން ކިހާވަރެއް ދޭ ބާ؟