ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
10 އެޕްރީލް 2025 - 20:19
ބޭސް ނުލިބުމުގެ ކަންބޮޑުވުންތައް އެބައޮތް ކަމަށާއި އެކަމަށް އަޅަމުން އަންނަ ފިޔަވަޅުތަކުން ހައްލު ލިބެމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އާއްމުންނަށް ބޭހުގެ ދަތިކަން ކުރިމަތިވާކަން އެނގުމާ އެކު އެކަން ހައްލުކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އޭގެ ނަތީޖާތައް ރަނގަޅަށް ފެންނަން ފަށާފައިވާ ކަމަށް ވެސް، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާއްމުންގެ ޝަކުވާތައް ހުންނަވަރާއި ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ބަލާ ކަމަށެވެ.
"މި ބަލާ ބެލުމުން ވަރަށް ރަނގަޅު ކުރިއެރުންތަކެއް ހޯދެމުންދާކަން ފާހަގަކުރެވޭ. އިރާދަކުރެއްވިއްޔާ މި އެޑްމިނިސްޓްރޭޝަންގެ މި މަސައްކަތުން ބޭހުގެ މި ކަންބޮޑުވުމަށް ބޮޑު ލުއެއް ހޯދައިދޭނަން އެއީ މިކަންތައްތައް ތަރުތީބުކުރެވިފައިވާ ގޮތުން ކުރިއަށްދާއިރު އެ މަންޒަރު އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފެންނާތީވެ." ނާޒިމް ވިދާޅުވި އެވެ.
ބޭހަށް އާސަންދައިން ދޭ އަގު ކުޑަކުރުމުން ގިނަ ފާމަސީތަކުން ބޭސް ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. އެކަމުގެ ޝަކުވާތައް ބޮޑުވުމުން ސަރުކާރުން ވަނީ ރާއްޖެއަށް ބޭނުންވާ ބޭސްތައް އެސްޓީއޯއިން އެކަނި ގެންނަން ނިންމައިފަ އެވެ. އޭގެ އިތުރުން ވެސް އެ މައްސަލަ ހައްލުކުރަން ގިނަ ފިޔަވަޅުތަކެއް އަޅަ އެވެ.
މިކަން މިގޮތަށް ކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ކުރިން ހުރި ގޮންޖެހުންތަކަށް ހައްލުތަކެއް ލިބި މިއަދު އަޅުގަނޑުމެން ދެކެނީ ކުރިއެރުންތަކެއް ލިބިފައިވާކަމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާ ގިނަ ދުވަސްތަކެއް ނުވެ މި ކަންބޮޑުވުން ދާއިމީ، ހިތްހަމަޖެހޭ ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް: ހެލްތު މިިނިސްޓަރު
ނާޒިމް ވިދާޅުވީ އެސްޓީއޯގެ ބޭހުގެ ސަޕްލައި އިތުރުކުރުމަށް އެ ނިޒާމު ވަރުގަދަކުރުމާއި ބޭހުގެ ކަންކަން ރަނގަޅުކުރުމަށް ގަވަނެންސް ހަރުދަނާކުރަން އަދި އެ ދާއިރާގައި ބޭހުގެ މަސައްކަތް ބަލަހައްޓާ މުވައްޒަފުން އިތުރުކޮށް އެ މުވައްޒަފުން ޒިންމާދާރުކުރުމަށް އެސްއޯޕީތައް އެކުލަވާލުމަކީ، ބޭހުގެ މައްސަލަ ހައްލުކުރަން ސަރުކާރުން ކުރަމުން އަންނަ ކަމެކެވެ.
އޭގެ އިތުރުން ބޭސް ސިޓީ ދޫކުރުމުގެ ކަންކަމުގައި އާސަންދަ ޕޯޓަލްއަށް އިސްލާހުތައް ގެނައުމާއި ފަރުވާގެ ގައިޑްލައިންތައް އިތުރަށް ހެދުމާއި އެމްއެފްޑީއޭގެ ނިޒާމު ހަރުދަނާކުރުން އަދި އެސްޓީއޯ ފާމަސިސްޓުން އިތުރަށް ޒިންމާދާރުކުރުމާއި ތަމްރީނުކުރުމުގެ މަސައްކަތް ކުރެ އެވެ.
"މިކަން މިގޮތަށް ކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ކުރިން ހުރި ގޮންޖެހުންތަކަށް ހައްލުތަކެއް ލިބި މިއަދު އަޅުގަނޑުމެން ދެކެނީ ކުރިއެރުންތަކެއް ލިބިފައިވާކަމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާ ގިނަ ދުވަސްތަކެއް ނުވެ މި ކަންބޮޑުވުން ދާއިމީ، ހިތްހަމަޖެހޭ ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް." އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ބޭސް ގެނެސް، އެ ކުންފުނީގެ ރޭޓަށް އަގުތައް ތިރިކުރުމުގެ ކުރިން، ބޭސް ވިއްކަމުން ދިޔައީ 1،000-2،000 ޕަސެންޓުގެ ފައިދާގައި ކަމަށެވެ.
އެކަމަކު، އެސްޓީއޯގެ އަގުތަކަށް ބޭސް ވިއްކަންޖެހޭ ގޮތަށް ހެދުމުން، އެ ފަރާތްތަކުން ބޭސް ތާށިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. "އެސްޓީއޯގެ ރޭޓަށް ތިރިކުރީމާ، ބޭސް ގެންނަ ފަރާތްތަކުން ދަތިކުރަން ފެށީ. ދަތިކުރަން ފެށީމާ ބޭސް މަދުވީ. މިއީ ދިމާވި މައްސަލައަކީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސަރި
12 April 2025
ބޭސް މާފިޔާ ކިޔާއިރު ދައުލަތުގެ މާފިޔާ ކޮބައިތޯ ؟ ދައުލަތުގެ މުއައްސަސާތަކުން ހިންގާ ބޮޑެތި ކަރެޕްޝަންތަކުގެ ވާހަކަ ދައްކާތީ އެކަން އޮށްބާލުމަށްޓަކައި ޖަހާ މަޅިތަކެވެ. މި ވެރިކަމުގައި ވެސް އެތަށް އެތަށް ބިލިއަށް ރުފިޔާއެއްވަނީ ސިޔާސީ މީހުންގެ ޖީބަށް ކަނޓުވާލާ ފައެވެ. ބެލޭނެ މުއައްސަސާއެއް ނެތެވެ. ފެނަކާ، އެޗް އީޑީސީ، ގޭސް ކުންފުނި ފަދަ ކުންފުނިތަކަށް ވާގޮތް ރައްޔިތުންނަ އެގޭތޯ ؟
ބުހުތާނު
12 April 2025
މި އެންމެންނަށް ދޮގު ހަދަން ދަސްކޮށްދީފައޭ ހުންނަނީ
މަކަރި
11 April 2025
ސަރުކާރުން އެސްޓީއޯ އޭ ކިޔައިގެން އޮޅުވާލަނީއެވެ. އެސްޓީއޯއަށް ބޭސް ގެންނަށް ކިޔާތާ ކިތަށް މަސް ދުވަސް ވެއްޖެތޯ ؟ ސަރުކާރުން ބޭނުންވަނީ ރައްޔިތުން ލައްވާ ބޭސް ގަންނާށެވެ.އެކަން އެކަން އެދަނީ ކުރަމުންނެވެ. އަދި އޭރުން އާސަންދައިން ކުރާ ހޭދަ މަދުވެ އެފައިސާ ސިޔާސީ މީހުންގެ އަމިއްލަ އެކައުންޓަށް ލެވޭނެ ނޫންތޯ ؟
ފިކުރީ
11 April 2025
100 ތެދެއް ތިޔާ
ޑރ ވާންޗޯ
11 April 2025
އަޅުގަނޑު އެއްގޮތަކަށްވެސް ނުދަންނަވަން އިގޭތޯ މިނިސްޓަރއަށް ބޭސްނުލިބެއެކޭ.!!!!.
ޟމމމމމ
11 April 2025
ނުވޭ. އަދި ހައްތަހާ ވަނީ ބޮޑު.
ތުނޑުހަސަނު
11 April 2025
މެޑިކަލް މާފިޔާއޭ އަހަރެމެން ކިޔާނަން. ރޭގައި ވެސް ބޭހެއްނަގަން އޭޑީކޭ ސޯސަން މަގު ފާމަސީއަށް ދިޔައިމަ ބުނީ އާސަންދައަކުން ނުދެވޭނެއޭ. އެކަމަކު ބޭސް ސިޓީގައި މިއޮތީ ލިޔެފައި "އާސަންދަ ކަވަރޑް" އޭ. އެވާހަކަ ބުނީމަ ވަރަށް ލަދުންތިބެފަ ބުނަނީ މިފާމަސީއިން އާސަންދަ ކަވަރު ނުކުރެއޭ. އެކަމަކު ފާމަސީ ބޭރަށް ފެންނަ ގޮތަށް ބޮޑު އިސްޓިކާއެއް ޖަހާފައި ހުރޭ އާސަންދައިގެެ. އެސްޓީއޯއިން ހުރިހާ ބޭހެއް ލިބޭގޮތް ހަދައި ފިހާރަ ގިނަކޮށްގެން މިމީހުން ސައިޒްކުރެވޭނީ.
ހަމަދު ސަލީމް
11 April 2025
ފެހިސިގްނަލް ލިބުނީތޯ؟
ކަނބިލި
11 April 2025
މެޑިކަލް މާފިޔާއޭ ކިޔައިގެން އަމިއްލަ ވިޔަފާރިތައް ފުޑާލުމުގެ ސިޔާސަތުން ހާލުގައިޖެހި ބިކަވާނީ ރައްޔިތުން. ކަންކަން ދަނީ ދައްކާ ފޮނިވާހަކަތަކާ ދިމާއިދިކޮޅަށް. ހުވަފެން ދައްކައިގެން ރައްޔިތުންގެ ރުހުމެއް ނުލިބޭނެ
ގުނައިދު ޝަރީފް
11 April 2025
މަޑުން ތިބެބަލަ، ޔޫރަޕުން ބޭސް އެބަގެންނަމޭ. ޑުބާއީ އަށާ ބެންކޮކުން ފަރުވާކުރަން އާސަންދަވެސް ހަމަޖެހެނީ.
މުލޭ
11 April 2025
އަހަރު ދެބައި ނުވަނީސް އާސަންދަ ބަޖެޓް ހުސްވަނީ މެޑިކަލް މާފިޔާއިން އެތައް ގުނައެއް އަގުބޮޑުކޮށް ވިއްްކާ ބޭހުގެ ސަބަބުން. އެމީހުން ސައިޒްކޮށްގެން ނޫނީ ދައުލަތަށް ވެސް ރައްޔިތުންނަށް ވެސް ވާނީ ގެއްލުން. ވިޔަފާރިއަކަސް އަގުތައް ހުންނަންޖެހޭނީ އެކަށީގެންވާ މިންވަރެއްގައިދޯ. %2000 ޕަސެންޓާ ހަމައަށް ފައިދާ ނަގާ ބަޔަކު މިނޫނީ ނެތް ދުނިޔޭގައި ވެސް.
ސޯސޯ
11 April 2025
އެސްޓީއޯ ފާމަސީތަކުން ބޭނުންވާ ބޭސް ނުލިބޭ އެއްވެސް އިތުރު ކުރިއެރުމެއް ނުލިބޭ. އެކަން ރަނގަޅަށް އެނގިތިބެ ޒިންމާދާރު މަގާމުތަކުގައި ތިބޭ ބޭފުޅުން އޮޅުވާލަން ދޮގު ހެދުމަކީ ވަރަށް ވިޔާނުދާކަމެއް.
ޙައްލުނުވޭ
11 April 2025
ކަނޑައެޅިގެން ދޮގެއް. ޙައްލު ނުވޭ. ދެތިން ދުވަސް ކުރިންވެސް ބޭސް ސިޓިއެެއް ހިފައިގެން ހުޅުމާލޭގައި ހުރިއްޔާ ހުރި ތަނަކަށް ދުއްވަް ޖެހުނު.