ބޭސް ތަކެއް: އާސަންދައިން ބޭހަށް ބޮޑު ހަރަދެއް ކުރޭ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
25 ޖޫން 2025 - 15:34
އެސްޓީއޯއިން ރަޖިސްޓްރީކޮށްގެން މީގެ ކުރިން ގެންނަ ބޭހުގެ އަދަދު 300 އަށްވުރެ މަދު ކަމަށާއި މިހާރު އެ އަދަދު 1،000 އަށްވުރެ އިތުރުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިދިޔަ ހޯމަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން އެސްޓީއޯއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ އެންމެ މުހިއްމު އެއް ކަމަކީ، ނާޒިމް ފާހަގަކުރެއްވި ގޮތުގައި، އެސްޓީއޯއިން ރާއްޖެ އެތެރެކުރާ ބޭހުގެ އަދަދު އިތުރުކުރުމެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނިން ބޭސް ގެނައި ނަމަވެސް، އަދި ވެސް ބޭހުގެ ކޮންޓްރޯލް އޮންނަނީ އަމިއްލަ ފަރާތްތަކުގެ އަތްމަތީގަ އެވެ.
މި ފަހުން ވެސް ބޭސް ނުލިބޭ މައްސަލަ އިތުރަށް ގޯސްވީ، ބޭސްތަކަށް އާސަންދައިން ކަނޑައަޅާފައި އޮންނަ އަގު ކުޑަކުރުމުންނެވެ. އެހެން ހެދުމުން ބައެއް ބޭސްތައް ރާއްޖެ ގެނައުން ހުއްޓާލުމާއި ލިބެން ހުރި ބޭސްތައް ވެސް އެކި ސަބަބުތައް ދައްކައި އާސަންދަ އިން ދޫކުރުން އަމިއްލަ ބޭސް ފިހާރަތަކުން ހުއްޓާލި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ކަންބޮޑުވުންތައް ދިމާވިއިރު އެސްޓީއޯއިން ރަޖިސްޓްރީކޮށްގެން ގެންނަނީ 300 އަށްވުރެ މަދު ބޭހެކެވެ. އެހެންވެ، ބޭސް ސަޕްލައިކޮށްދޭ އިތުރު ފަރާތްތައް އެސްޓީއޯއިން ހޯދައި އެ ފަރާތްތަކާއެކު އެގްރިމެންޓު ހަދަމުން އަންނަކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ މި އަހަރު ފަހުކޮޅަށް ދާއިރު އެސްޓީއޯގެ ސަޕްލައި އެންމެ މަދުވެގެން 600 އައިޓަމްސް އެސްޓީއޯގެ ތެރެއިން ގެނެވޭނެކަން ކަށަވަރުކުރަން. ހަމައެއާ އެކު، އެ ޕްރޮސެސް ކުރިއަށް ގެންދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު ނާޒިމް، މިދިޔަ ހޯމަ ދުވަހު "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ވިދާޅުވީ އަސާސީ ބޭސް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް އެސްޓީއޯއިން ގެނެވޭނެކަން މިހާރު ކަށަވަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 99 ޕަސެންޓު ވަނީ ހާސިލްކޮށްފަ އެވެ.
"ދިހަ ވަރަކަށް ބޭހެއް އެބައުޅޭ ރާއްޖޭގައި އެއްގޮތަކަށް ވެސް ބޭނުން ނުޖެހިދާނެ ކަހަލަ ބޭސްތަކެއް. އޭގެ އިތުރުން އެހެން ހުރިހާ ބޭހެއް އަޅުގަނޑުމެންނަށް، މި ދެންނެވި އެސެންޝަލް މެޑިސިން ލިސްޓުގައި ހުރި ހުރިހާ ބޭހެއް އެސްޓީއޯ މެދުވެރިކޮށް މިހާރު އެތެރެކުރެވޭނެ ގޮތް ވަނީ ހަމަޖެހިފައި،" ނާޒިމް ވިދާޅުވި އެވެ.
އެޕްރޫވް ޑްރަގްސް ލިސްޓުގައި ހިމެނޭ ބޭސްތަކުން ވެސް އެސްޓީއޯ މެދުވެރިކޮށް މަދުވެގެން އެއް ޖެނެރިކުން އެއް ބްރޭންޑު ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.
އެސްޓީއޯއިން ޓާގެޓުކޮށްފައިވަނީ ހުއްދަ ދީފައިވާ ބޭސްތަކުގެ ތެރެއިން މަދުވެގެން 1،400 ބޭސް ގެނައުމަށެވެ. ނަމަވެސް، އެއަށްވުރެ ގިނައިން ސްޓޮކްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ހާހެއްހާ މެޑިސިން އެ ބޭފުޅުންގެ ސްޓޮކަށް ގެނެވިއްޖެ، މި ދެންނެވީ އެކި ބްރޭންޑުތަކުގެ،" ނާޒިމް ވިދާޅުވި އެވެ.
"މިއީ ކުރެވެމުންދާ އެއް މަސައްކަތް. މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން ވެގެންދާނީ މި މައްސަލައަށް ދާއިމީ ހައްލު ލިބޭނެ ކަމަކަށް. މީގެ 2-3 މަހެއްހާ ދުވަސް ކުރިން ހުރި ބޭހުގެ ޝަކުވާތަކަށް ލުއި ލިބި، ޝަކުވާތައް މަދުވެ، އެހެން ނަމަވެސް އަޅުގަނޑުމެން އަދި ވެސް ކުރަން ހުރި މަސައްކަތްތައް ހުރިކަން އަޅުގަނޑުމެން ފާހަގަކުރަން."
އަސާސީ ބޭހުގެ ލިސްޓުގައި މިހާރު ހިމެނެނީ 400 ބޭހެކެވެ. ރާއްޖެ އެތެރެކުރަން ހުއްދަ ދީފައިވާ ބޭސް ލިސްޓުގައި 4،000 އަށްވުރެ ގިނަ ބޭސް ހިމެނެ އެވެ.
ބޭހުގެ މައްސަލަ ހައްލުކުރަން ކެބިނެޓުން ވަނީ އާ ކުންފުންޏެއް އުފައްދަން ނިންމައިފަ އެވެ. އޭރުން އެސްޓީއޯ މެޑިކަލްސް އިން ކުރަމުން ދިޔަ ބޭހުގެ މަސައްކަތްތައް އާ ކުންފުންޏަށް ބަދަލުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުޅުމާލެގާޑިޔާ
27 June 2025
މިނިސްޓަރޫ ސަޅިބބައިސާ ކަނޑައި މުޅި ދުނިޔެ ވަށާ ބުރުޖަހަިގެން ވާނެ ކަމެއް ވެފަ މިހާރު އޮންނަންވާނީ...... ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދާ މީހަކު އިތުރއށް ބަލިވެ ހަވާލުގައޮ ދާ މީހާއަށް ފަރުވާކުރަން ޖެހޭވަރު ވަންދެން ކިޔު ތިބެންޖެހޭ... ޑިއުޓީއަކު އޯޕީޑީ އިންނަނީ އެންމެ ރޫމަކުން ބަލަން... ދެން ލިޔާ ބޭހެއް ލިބެނީއަކީ ނޫން... ބޭސް ހުރިއްޔާ ބޭސް ސިޓީގެ ކޮންމެސް އުންސުރެއް ހަމަނުވޭ... ބޭހަށް ސަލާނ1ޖަހަން މިވަރަށް އުޅެން އަދި ނުޖެހޭ
ކުދުބެއްޔާ
26 June 2025
"އަޅުގަނޑުމެންގެ ޓާގެޓަކީ މި އަހަރު ފަހުކޮޅަށް ދާއިރު އެސްޓީއޯގެ ސަޕްލައި އެންމެ މަދުވެގެން 600 އައިޓަމްސް އެސްޓީއޯގެ ތެރެއިން ގެނެވޭނެކަން ކަށަވަރުކުރަން"........1000 މީ ކޮން އަދަދެއްބ!!!!!!!
އިލަ
26 June 2025
ތިޔައީ އަރަތެއްނު އެހެންވިއްޔާ.. ބޭސް ސިޓީގައި 5 ބޭސް އިނިއްޔާ ލިބެނީ އެންމެ ބޭހެއް.. މުޅިންވެސް ދޮގޭ އުތަ..!!
ޖަމީލުބެ
25 June 2025
ބަސް މަދު ކުރާށެވެ! ޢަމަލު ގިނަކުރާށެވެ!
ފަޅުމަސް
25 June 2025
ރަނގަޅުކަމެއް.. މިހާރު ބޭސް އެހާ އަގު ބޮޑު.. އައިނު އެހާ އަގު ބޮޑު.. އާސަންދަ ހިންގޭނީ ސަރުކާރުން ސިއްޙީ ދާއިރާގެ ކޮންޓްރޯލު އޮވެގެން.. ނޫނީ ހުރިހާ މަންފާއެއް އަމިއްލަ މީހުން ނަގައި އާސަންދައިގެ ބަޖެޓު ހުސްކޮށްލަނީ..
ސަސި.
25 June 2025
އެހެންވީމަ މިރާއްޖޭގަ އުޅޭ ޑޮކްޓަރުން ގިނައިން މި ލިޔެދެނީ ތިޔަ ބުނާ 1000 ބޭހުގެ ތެރޭގައި ނުހިމެނޭ ބޭސް ދޯ.
މަދީި
25 June 2025
ބޭސް ގެނެވިދާނެ ކިތަންމެ ވަރަކަށްވެސް އެސްޓީއޯއަށް އެކަމަކު ޑަކުޓަރު އެލިޔާ ވަކި ބްރޭންޑެއް އެސްޓީއޯއަށް ހޯދަން އުދަގޫވާނެ ސަބަބަކީ ބަޔަކު ސޯލް ޑިސްޓްރިބުއުޝަން ނަގާފަ އޮއްވަ އެސްޓީއޯއަށް ވިއްކަން މެނުފެކްޗަރައަށް ވެސް އުދަގޫވާނެތީ. ތިކަން ކުރަން އުޅޭގޮތަކުން ކޮޅެއްގަ ޖެހޭނެކަމަކަށް ނުފެނޭ. އެއްގޮތަކީ ޑަކުޓަރުން ހަންމަތަކޮށް އާސަންދައިން ކަވަރު ކުރާނީ ޖެނެރިކް ކަން ނިންމުން. އެއެސްޓީއޯއިން އަބަދުވެސް ލިބޭގޮތަށް. ނޫނީ ކުރީގެގޮތަށް ކުރިއަށް ދިއުން
ޑޮކް79
25 June 2025
ތިކަން ކޮށްފި ގާތްގަނޑަކަށް 3 ހަފްތާ ކުރިން. މިހާރު ބްރޭންޑެއް ލިޔުނަސް ސިޓީގަ އޮންނަނީ ޖެނެރިކް ނަން. (އެކަމަކު ތިބޭފުޅާ އަށް ރަގަޅު ބްރޭންޑެއް ޑޮކްޓަރު ލަފާ ދޭން ބޭނުމިއްޔާ ބުނަންށޯ ޖެހެނީ - ދެން ބޭސް ގަންނަ މީހާގެ ފާމަސީގަ ބުނަންޖެހެނީ!)
ާޖަމީން
25 June 2025
ތިބޭސްތައް އެސްޓީއޯ ފާމަސީގައި ނުވިއްކަނީބާ..ބޭސްސިޓީގައި 5ބޭސް އިނިއްޔާ އެއްމެ ބޭހެއް ލިބޭނީ.ހަކުރު ޓެސްޓްކުރާ ސްޓްރިޕްއެއް ވެސް ލިބެނީކީނޫން.. .