ރާއްޖެ އަށް ބޭސް އެތެރެކުރާ މައި ކުންފުނި އެސްޓީއޯ އިން އެތެރެކުރާ ބޭހުގެ ބާވަތްތައް އިތުރު ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ބޭސްފިހާރަތަކުން ބޭސް ނުލިބޭ މައްސަލަ ބޮޑުވެފައިވާތީ އެކަމާ ގުޅޭ ގޮތުން، މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ސުވާލު ދެންނެވުމުން މިނިސްޓަރު ވިދާޅުވީ، އެ މައްސަލަ ހައްލު ކުރުމަށް ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ލުއިތަކާއި ކުރިއެރުން ލިބެމުން އަންނަކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ ބޭހުގެ މައްސަލަ ހައްލު ވާއިރު، ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓު ވެސް އިތުރުކޮށް، ބޭނުންވާ ޒަރޫރީ ބޭހުގެ ލިސްޓު ވެސް ފުޅާވާނެ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ސާބިތުކަމާ އެކު ދައްނަވަން ކެރޭނެ، ވަރަށް ބޮޑުތަނުން މައްސަލަ އަށް ހައްލު ލިބިފައިވާކަން. އެހެން ނަމަަވެސް އަޅުގަނޑުމެން ބޭނުންވަނީ އެއްވެސް މީހަކު ޝަކުވާނުކޮށް އުޅެވޭނެ މިންވަރަށް 100 ޕަސެންޓަށް އެކަން ހައްލު ކުރަން. އެ ދިމާލަށް ދިއުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ،" ނާޒިމް ވިދާޅުވި އެވެ.

"ހިދުމަތްތައް ފުޅާވަމުންދާ ވަރަކަށް އެޕްރޫވް ޑްރަގް ލިސްޓު ވެސް ފުޅާވެގެން ދާނެ. އޭގެ ސަބަބުން އެސެސްޝަލް މެޑިސިން ލިސްޓު ވެސް ފުޅާވެގެން ދާނެ. އިތުރު ސަޕްލަޔަރުންނަށް ވެސް ބަރޯސާ ވާން ޖެހޭނެ."

ބޭހުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، އެކި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަމަށާއި ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް ވެސް ވަރަށް ގާތުން ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ކުރިން ބޭސް އެތެރެކުރި މިންވަރާ އަޅާ ބަލާއިރު މިހާރު ވަރަށް ބޮޑުތަނުން އިތުރު ކޮށްފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"މައި ސަޕްލަޔަރު، އެސްޓީއޯގެ އެތައް އެތަައް ޕަސެންޓޭޖެއް އިތުރު ކުރެވިއްޖެ، ރާއްޖެ އަށް އެތެރެ ކުރާ ބޭހުގެ. ކުރިން އެތެރެކުރަމުންދިޔަ ނިސްބަތާ އަޅާ ބަލައިފައި، ކުރިން ގާތްގަނޑަކަށް 200 އެއްހާ ބޭސް އެތެރެ ކުރަމުންދާ ނަމަ މިހާރު 800 އާއި 900 އާ ދެމެދުގެ ބޭސް އެސްޓީއޯ އިން އެކަނި އެބަ އެތެރެކުރެވޭ،" ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން އުސޫލުތައް ހަރުދަނާކޮށް ޓްރީޓްމަންޓުގެ ގައިޑްލައިންތައް ހަރުދަނާ ކޮށްފައިވާ ކަމަށާއި މިދިޔަ އަހަރު މުޅިން އަލަށް 40 ޓްރީޓްމަންޓުގެ ގައިޑްލައިން އެކުލަވާލާފާއިވާކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ސަބަބުން ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި އަދި ފަރުވާ ހޯދާ މީހުން ބޭނުންކުރާނެ ބޭސްތައް އެންމެ އެކަށޭނެ ގޮތެއްގައި ކަނޑައެޅޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އަށް ބޭސް އެތެރެކުރުމަށް ސަރުކާރުން ވަނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި މިދިޔަ އަހަރު ސެޕްޓެމްބަރު 9 ގައި ހާއްސަ ކުންފުންޏެއް އުފައްދައިފަ އެވެ.

ބޭސް ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޝަކުވާ ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު، ސަރުކާރުން ބުނަމުން އަންނަނީ އެކި ނިޒާމުތައް ތައާރަފު ކޮށްގެން ވެސް މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާ ކަމަށެވެ. ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފެއްދީ ވެސް އޭގެ ތެރެއިންނެވެ.