ހެލްތު މިނިސްޓަރު ނާޒިމް "މިހާރު"އަށް މިއަދު އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
23 ޖޫން 2025 - 12:18
ރާއްޖެ އަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ހާއްސަ ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމައިފި އެވެ.
އެކަން ހާމަކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް "މިހާރު" އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި އޭނާ ވިދާޅުވީ، ބޭހާ ގުޅުން ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ހާއްސަ ކުންފުންޏެއް އުފައްދަން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. ލަސްތަކެއް ނުވެ، އެ ކުންފުނި ވުޖޫދަށް ގެންނާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން މިހާރު ރާއްޖެ އަށް ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް ގިނަ ބޭސްތަކުގެ ކޮންޓްރޯލް އޮންނަނީ އަމިއްލަ ފަރާތްތަކުގެ އަތްމަތީގަ އެވެ. އެހެންވެ، ބައެއް ފަހަރު ބޭސް ލިބުމުގައި ދަތިތައް ދިމާވެ އެވެ.
މި ފަހުން ވެސް އެ މައްސަލަ އިތުރަށް ގޯސްވީ، ބޭސްތަކަށް އާސަންދައިން ކަނޑައަޅާފައި އޮންނަ އަގު ކުޑަކުރުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބައެއް ބޭސްތައް ރާއްޖެ ގެނައުން ހުއްޓާލުމާއި ލިބެން ހުރި ބޭސްތައް ވެސް އެކި ސަބަބުތައް މެދުވެރިވެގެން އާސަންދަ އިން ދޫކުރުން ހުއްޓާލުން ހިމެނެ އެވެ.
އެ ޝަކުވާތަކާ އެކު ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން އެސްޓީއޯއިން ފެށި އެވެ.
ބޭސް އެތެރެކުރުމާއި ތަންތަނަށް އެ ފޮނުވުމަށް ވަކި ކުންފުންޏެއް އުފެއްދުމުން، ބޭހާ ގުޅޭގޮތުން އެސްޓީއޯ އިން ކުރާ ހުރިހާ މަސައްކަތެއް ދެން ބަދަލުވާނީ އާ ކުންފުންޏަށް ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.
"ވަރަށް ކައިރި މުސްތަގުބަލެއްގައި އެކަން ތަންފީޒުވެ، ތި ދެންނެވި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" ނާޒިމް ވިދާޅުވި އެވެ.
ބައެއް ބޭސްތައް ހޯދަން ރާއްޖެ އަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި، އިންޑިއާގެ ސަރުކާރުގެ ދަށުން ހިންގާ ކުންފުންޏަކާ އެކު ވެސް އެސްޓީއޯ އިން މިދިޔަ މޭ މަހު އެއްބަސްވުމެއްގައި ސޮއިކުރި އެވެ.
އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމުގެ ދަށުން ރާއްޖެ އަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް އެ އެއްބަސްވުމުގެ ދަށުން ފަހިވާނެ ކަމަށް އެސްޓީއޯ އިން އޭރު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމްސިއްޔާ
23 June 2025
އާކުންފުންޏެއް ނެތުމެއްނޫންދޯ މައްސަލައަކީ. އާކުންފުންޏެއްހެދީމަ މައްސަލަ ހައްލުވޭތަ؟؟ އެސްޓީއޯއަށް އެކަންވާނެ. މިހާރުވެސް ރަނގަަޅަށް އެސްޓަރބްލިޝް ވެފައި އޮތް ކުންފުންޏެއް. ރަނގަޅު ނިޒާމަކުން ހިނގާކަމެއް. ދެން ކޮންސަކަރާތެއް ޖަހާކަށް. ތިޔަގޮތަށް އަލަށް އުފެއްދިން ބެންކެއްވެސް. ކޮބާ މިހާރު؟؟
ޢަލީ ކުރުސީ
23 June 2025
ކޮންމެސް ރިޓަޔަރޑް ބުރިގާރޑިޔާ އަކަށް ވަޒީފާ ހަމަޖެހެނީ އަނެއްކާވެސް!
ބަކުރުބޭ
23 June 2025
ވައްކަން ކުރުމުގައި ވެސް ހައްދެއް އޮންނަންވާނެ. އެސްޓީއޯއަށް ދިވެހިން އިތުބާރުކުރޭ. ދެން ކޮންކަމެއް ނުވެގެން ތި އުޅެނީ
ފާންތަ
23 June 2025
މި ކުންފުނީގެ މުވައްޒަފުންތަކެއްތޯ ކޮޗިން އެއަރޕޯޓުން ހިފާއްޓައިގެން އެ އުޅެނީ
އަހްމދުު
23 June 2025
3 ބޭސް ލިޔެފަ އޮންނަ ސިޓީ އަކަށް ބޭސް ހަމަވަނީ 6 އެއްކަ ފާމަސީން. މީގެ ދެ ތިން ހަފްތާކުރިން ގެވިސްކޯން ފުޅިއެއް ނުލިބުނު މާލޭގެ އެއްވެސް ފާމަސީ އަކުން. އެއްމެފަހުން ރައްޓެއްސަކު ރާއްޖެއިން ބޭރުން އައި އިރު ގެނުވީ... ސިޔާސީ ކުރާކަށް ބުނާ ވާހަކައެއްނޫން - މިއިން ޒަމާނަކުވެސް ބޭސް ހޯދަން މިހާ އުނދަގޫ ދުވަސްވަރެއް ނާދޭ
ހާމަ333
23 June 2025
ރަނގަޅު ނިންމުމެއް...ރާއްޖޭގަ ހުރިހާވެސް މައްސަލައަކީ އާންމު ރައްޔިތުން ފެލަން އުޅުން އެއީ ސަރުކާރުވިއަސް އަމިއްލަ ވިޔަފާރިވެރިންވިއަސް އެކަން އޮތްގޮތް... ރާއްޖެއިން ބޭރުން ހާދަ އަގުހޮޔެކޮށް ހުންނަ ބޭސްތައްވެސް އެބަވިއްކާ އެތައް ގުނައެއް ބޮޑުކޮށް މިސާލަކަށް ހަކުރުބަލީގަ ބޭނުން ކުރާ ބޭސްގުޅައެއް އެބަލިބޭ 2ރ އެކަމަކު ވިއްކަނީ 15ރ ގުޅައެއް...ތަންފުކެއް ބޮޑުވަރުތާ...ދެން ކާޑުން ކޭސްތަކުން އެންމެ ބޭހެއް ވިއްކޭއިރު މީތި ނުވޭތަ ޕޮންޒީ ސްކީމަށް? ހަމަ އޭޑީކޭ ނާޝިދު އާއި އައިސީއެމް މުއްސަދިވަނީ...
ޞަލި
23 June 2025
ޢެސްޓީއޯގެ ބޭސް ފިހާރަތަށްވެސް އާކުންފުންގަށް ބަދަލުވާނެތޯ
ބަލިމީހާ
23 June 2025
މީގެ ކުރިން ރާއްޖެއިން ބޭރުން ގެނެސް ބޭނުންކުރާ ބޭސްލިބުމުގައި ދަތިތަކެއްނެތި އެސްޓީއޯއިން އެކަން ކޮށްދޭ، އިތުރުތަނަކަށް ބަލިމީހާ ނުގޮސް. އެންސްޕާރގެ ޑެސްކެއްވެސް އައިޖީއެމްއެޗްގައި ހުރި. ފަސޭހަ ވާންވީމަ މި ފެންނަނީ އުނދަގޫވެގެންދާތަން.
ކުންފުންޏެއް
23 June 2025
ސަރުކާރުގެ މަތިފަޑީގަ ތިބި މީހުންނަށް މިއުޅެނީ ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެންތަ؟ ބޭސް ބަލަން ކުންފުންޏެއް. ބޭހުގެ ކޯޓޭޝަން ހޯދަން ކުންފުންޏެއް. ބޭސް ގަންނަން ކުންފުންޏެއް. އެތެރެ ކުރަން ކުންފުންޏެއް. ކްލިއަރ ކުރަން ކުންފުންނެއް. ނުވިތާކަށް ގުދަން ކުރަންވެސް ކުންފުންޏެއް. ނޫނޭ މި މީހުން ހޮވަން ވޯޓުދިން ބަޔަކަށްވެސް ސާބަސް.
ބަލިމީހާ
23 June 2025
މިހާރު ރާއްޖެއިންބޭރުން އިންޖިކްޝަން ނުވަތަ ބޭސް ގެނެސް ބޭނުންކުރާ ބަލިމީހާ އަކަށްނޭނގޭ ހަދަންވީގޮތެއް. އެސްޓީއޯއިން ބުނަނީ އެންސްޕާއަށް ގޮސް އެމީހުންގެ ހުއްދައަށްއެދޭށޭ. ހުއްދަލިބިގެންނޭ ދެން ގެނެވޭނީ. ކުރީގަ އެސްޓީއޯއިންނޯ އެކަމަށް އެދެނީ. މިހާރު ބަލީމީހާޔޯ ހުއްދައަށް އެދެންޖެހެނީ. އެންސްޕާރއަށް ދިޔައިމަ ބުނަނީ ތިމަންނަމެންނަކަށް ނޭގެޔޭ އެސްޓީއޯއިން އެންސްޕަރއަށް ފޮނުވަނީ ކީއްވެކަމެއް. ތީ ތިމަންނެންނާ ބެހޭކަމެއްނޫނޭ. ދެންދާންވީތަނަކީ ކޮބައިބާ؟