މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މެމްބަރު ޣަފޫރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް
10 އެޕްރީލް 2025 - 22:22
ކޮވިޑްގެ ދުވަސްވަރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބުނ މައްސަލައިގައި އެ ކުންފުނިން ދިވެހި ސަރުކާރަށް ދައްކަން އާބިޓްރޭޝަނުން އެންގި 32 މިލިއަން ރުފިޔާ ދައްކާފައި ނުވާތީ އެ ކުންފުންޏާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފުލުހުންނަށް ހުށަހަޅައިފި އެވެ.
މިދިޔަ މަހުގެ 11 ވަނަ ދުވަހު މާލިއްޔަތު ކޮމިޓީން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ފޮނުވި، ސިޓީގައި ބުނެފައިވަނީ މިއީ ރާއްޖެއިން ބޭރުގެ ކުންފުންޏަކާ ދެކޮޅަށް ހިންގޭ ޖިނާއީ ތަހުގީގަކަށްވާނެތީ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނާއި އެހެން އިޖުރާއަތްތައް ފުރިހަމަ ކޮށްގެން ތަހުގީގުކުރަން މާލިއްޔަތު ކޮމިޓީން އެދޭ ކަމަށެވެ.
މާލިއްޔަތު ކޮމިޓީން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ މައްސަލައަކީ މުދަލުގެ އަގު ލިބިގަތުމަށްފަހު މުދާ ހަވާލުކޮށްފައިނުވާތީ، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފަހު މުދާ ފޯރުކޮށްނުދިން މައްސަލައެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ.
މާލިއްޔަތު ކޮމިޓީން މި މައްސަލަ ފުލުހުންނަށް ހުށަހެޅި އިރު ބަންޑާރަ ނައިބު އަހްމަދު އުޝާމް މިދިޔަ އަހަރުގެ މާޗް 6 ވަނަ ދުވަހު ވިދާޅުވެފައިވަނީ އެގްޒެކިއުޓާސް އިން ދޭންޖެހޭ ފައިސާ ހޯދަން ދުބާއީގެ ކޯޓުތަކަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އާބިޓްރޭޝަން ކުރިއަށް ދިޔައިރު، ވެސް އެއީ ވީ ތަން ނޭނގޭ ކުންފުންޏެއް ކަމަށާއި އެއްވެސް ބަޔާނެއް ވެސް ހުށަހަޅާފައިނުވާ ކަމަށް އޭރު އޭނާ ވިދާޅުވި އެވެ.
"މިހާތަނަށް މި މައްސަލައިގައި ކަން ހިނގާފައި އޮތް ގޮތަށް ބަލާއިރު ވަރަށް އަންލައިކްލީ [މި ފައިސާ ލިބުމުގެ]، އެހެން ނަމަވެސް މި ފައިސާ ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަން،" އުޝާމް ވިދާޅުވި އެވެ.
އެކަމަކު މި މައްސަލައިގައި ފަހުން ވީގޮތެއް ނޭނގެ އެވެ.
ކޮވިޑުގެ ދުވަސްވަރު، 2020 ވަނަ އަހަރު ހެލްތު މިނިސްޓްރީން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެންނަން މަސައްކަތް ކުރި ނަމަވެސް، އޭގެ ތެރެއިން ގިނަ އެއްޗެހި ލިބިފައެއް ނުވެ އެވެ. އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުން އެކުންފުނިން ދިވެހި ދައުލަތަށް 1.8 މިލިއަން ޑޮލަރު (28 މިލިއަން ރުފިޔާ) އާއި ލިކުއިޑޭޓް ޑެމޭޖުގެ ގޮތުގައި 223،750 ޑޮލަރު (3.4 މިލިއަން ރުފިޔާ) ދޭން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ކޮވިޑުގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވިއިރު 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް 34 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރިއިރު، ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރިތޯ ވެސް ނުބަލަ އެވެ. ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެ އެވެ. އެކަމަކު، އެއްބަސްވި ގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތަކެއް ވެސް ނުފޮނުވަ އެވެ. ވެންޓިލޭޓަރުތަކުގެ ފުރަތަމަ ޝިޕްމަންޓްގެ ބައެއް އެގްޒެކިއުޓާސް އިން ރާއްޖެ އަށް ފޮނުވި ނަމަވެސް އެ ބޭނުމެއް ނުކުރެވުނެވެ. ބާކީ ވެންޓިލޭޓަރުތައް ހަވާލުނުކުރުމުން ހެލްތު މިނިސްޓްރީން ވަނީ 31 މިލިއަން ރުފިޔާ އަނބުރާ ރައްދުކޮށްދިނުމަށް އެދިފަ އެވެ. އެކަމަކު އެ ފައިސާ ވެސް ނުދިނެވެ.
ކުރީ ސަރުކާރުގައި ފެންމަތިވި މި މައްސަލައާ ގުޅިގެން، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ބައެއް މުވައްޒަފުންގެ މައްޗަށް މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީފަށް ފޮނުވި އެވެ. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކޮށްދޭން އޭސީސީން އެދުނު ނަމަވެސް ނިންމީ ޖިނާއީ ކުށެއް ސާބިތުވާ ފަދަ ހެކި ނެތް ކަމަށް ބަލައި ދައުވާ ނުކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީމްމ
12 April 2025
ދަޢުވާ ކުރަންވީ ތިޔަ ކުންފުންޏަކާ ނޫނެވެ. ދަޢުވާ ކުރަންވީ ދައުލަތުގެ ޒިންމާދާރު މަޤާމް ތަކުގައި ތިބެގެން ތިޔަ ފައިސާ ތިޔަ ކުންފުންޏަށް ޙަވާލު ކުރި ބަަޔަކާ ދެކޮޅަށެވެ.
ނުނން
12 April 2025
ކޮބާތޯ ގޭސް ވަގުންނާއި ފުލެޓް ވަގުންތަ....
އައްބެ
12 April 2025
32 މިލިޔަން ރުފިޔާ ހޯދަން ދައުލަތުން އަނެއްކާ 32 މިލިޔަން ޚަރަދުކޮށްގެން އެލިބުންތޯ ރަގަޅީ.
ވާނާ ޖުބޭސާ
11 April 2025
މިއީ މިސަރުކާރުން ވަރަށް ރަނގަޅަށްކުރާ ކަމެއްކަން ފާހަގަކުރަން. ކުރި ވައްކަމެއް ފަޅާއަރާއިރަށް މާކުރީގެ ކޮންމެވެސް ވާހަކަތަކެއް ހިލުވާލަނީ. މިހާރު ބަޔަކު ނުދައްކާ ހައުސިން މިނިސްޓްރީގައި ރޯވި ވާހަކައެއްވެސް. ބަރާބަރު. ތިގޮތަށް ކުރިއަށްގެންދޭ.
ނަޖިދު
11 April 2025
ޕޮލިހަށް ފޮނުވިދާނެ، އެކަމަކު ބެލޭ ތަނެއް އެބަ އާދޭ ބާވައެވެ. ރެޑްވޭވް އަށް 2ވަނަ ފޭސް އިން ދިން ބިން އޮތް ސަރަހައްދުގައި އަމިއްލައަށް ގޯއްޗެއް ކަނޑައިގެން ކަން މުޑިޖަހައިގެން ފޭކް ރަޖިސްޓަރީއެއް ހަދައިގެން މީހަކު އެބައުޅޭ. ފުލުހުންނަށް ހުށަހެޅީމާ މިކަން ބަލައި ގޯތި އަތުލެވުނެ ހެއްޔެވެ.
ރުގިއްޔާ އާދަމް
11 April 2025
ވަކި ސަރުކާރެއްނޫނެވެ. ވެންޓިލޭޓަރު ވައްކަށްކޮށްގެން އަލަށް ގެނައި ސަރުކާރުންވެސް ކުރަނީ ހަމަ ތިކަމެވެ. ދެދުވަހުން އެއްދުވަހު އެތައް މިލިއަން ޑޮލަރެއްގެ ޕްރޮޖެކްޓް މި ހަވާލުކުރަނީ ދުބާއީގެ ޕޭޕަރު ކުންފުނިތަކާއެވެ. ކުރަނީ ހަމަ އެއްކަމެކެވެ. ކުރިއަށްވުރެ ބާރު ސްޕީޑުގައެވެ.
އުދުހޭ
11 April 2025
މީ ޖިނާއީ މައްސަލައެއްނޫން. މާލީ މައްސަލައެއް
އަސްލުކޮބާ
11 April 2025
ތިއީ ސިންގަޕޫރު އާބިޓްރޭޝަނުން ދިވެހި ދައުލަތާއި އެއްކޮޅަށް ނިންމައި އެކުންފުނިން އެފައިސާ ދެއްކުމަށް އަމުރުކޮށްފައިވާ މައްސަލައެއް. އެފައިސާ ހޯދުމުގެ މަސައްކަތް ކުރީމަ އެނިމުނީ. ޢެހެން ވާހަކަތަައް ހިލޭ ކޮންމެ ފަހަރެއްގައި ސުރުހީ ހަދަން ތިވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް.
ބަނަފްސާ
11 April 2025
އެބަ ރަނގަޅުވޭ. ކޮންމެސް ބަޔަކު އުލުބައިންދާން ޖެހޭ ވަރުގެ ކަމެއް އެއީވެސް. މައްސަލައަކީ އުލުބައިންދަން ނުކެރޭތީ.
ގުނބޯ++
11 April 2025
އަވަހަށް އެންމެ ބޯފަން މައްސަލަ ހަނދާން ނައްތާލާ