އިންޑިއާގައި މީގެ ކުރިން ހިނގި ދީނީ ހަމަނުޖެހުންތަކެއް ކޮންޓްރޯލްކުރަން ފުލުހުން މަސައްކަތްކުރަނީ. -- ފައިލް ފޮޓޯ/އޭއެފްޕީ
13 އެޕްރީލް 2025 - 11:20
އިންޑިއާގައި މުސްލިމުންގެ ވަގުފް ބިންތަކުގެ މައްޗަށް ސަރުކާރުގެ ކޮންޓްރޯލް ބޮޑުވާ ގޮތަށް ފާސްކުރި ބިލްގެ މައްސަލައިގައި ވެސްޓް ބެންގާލް ސްޓޭޓްގައި ކުރަމުންދާ މުޒާހަރާތައް ކޮންޓްރޯލްކުރުމަށް ސަލާމަތީ ބާރުތަކުން މަސައްކަތް ފެށުމާ އެކު އިއްޔެ ހިނގި ކުރިމަތިލުންތަކުގައި ތިން މީހަކު މަރުވެއްޖެ އެވެ.
ހުކުރު ދުވަހު އެ ސްޓޭޓްގެ މުރުޝިދާބާދު ޑިސްޓްރިކްޓުގައި އެތައް ހާސް ބަޔަކު މުޒާހަރާއަށް ނުކުތުމާ އެކު ފުލުހުން ވަނީ ކަރުނަ ގޭސް ޖަހައިފަ އެވެ. އޭގެ ފަހުން ހިނގި ހާދިސާގައި ކުޑަކުއްޖަކާ އެކު ތިން މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ހޮނިހިރު ދުވަހު އޭއެފްޕީއަށް ބުންޏެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 118 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ސްޓޭޓްގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ޖާވިދު ޝަމީމް ވިދާޅުވި އެވެ.
އެ ސްޓޭޓްގެ ހައި ކޯޓުން ވަނީ ފެޑެރަލް ސިފައިން ނެރެގެން މުޒާހަރާ ކޮންޓްރޯލްކުރަން އަންގައިފަ އެވެ.
ވަގުފް ބިންތައް ބެލެހެއްޓުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މި މަހުގެ ކުރީކޮޅު ހޫނު ބަހުސްތަކަކަށް ފަހު ވަނީ ފާސްކޮށްފަ އެވެ.
ވެރިކަން ކުރާ ހިންދޫ ވަތަނީ ސަރުކާރުން ބުނާ ގޮތުގައި ގާނޫނަށް ގެނައި އިސްލާހުތަކާ އެކު މުސްލިމުންގެ ވަގުފް މުދާތައް ކޮންޓްރޯލް ކުރާ ބާރުގަދަ ވަގުފް ބޯޑުތައް ޖަވާބުދާރީ ކުރުވައި، އެ ކަންކަމުގައި ހާމަކަން ބޮޑުވެގެން ދާނެ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މިއީ އިންޑިއާގެ މުސްލިމުންނާ މެދު ގެންގުޅޭ ތަފާތުކުރުން ހާމަވާ އިންސާފުން އެއްކިބާވެފައިވާ ބަދަލުތަކެއް ކަމަށެވެ. އަދި މިއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ހަރުކަށި ފިކުރަށް ތާއީދު އިތުރުކުރުމުގެ ނިންމުމެއް ކަމަށް ވެސް ދަނީ ބުނަމުންނެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވީ މި ބިލަކީ މިއަދު މުސްލިމުންނަށް އަމާޒުކޮށްގެން ހުށަހަޅާފައިވާ ބިލެއް ނަމަވެސް މުސްތަގުބަލުގައި އެހެން މުޖުތަމައުތަކަށް އަމާޒުކޮށް މިފަދަ ކަންކަން ކުރާނެ ކަމަށެވެ.
ބޮޑުވަޒީރުކަމުގެ މަގާމުގައި މޯދީ ހޭދަކުރެއްވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އެގައުމުގެ ހިންދޫންގެ މެދުގައި އޭނާ ވަނީ އެ މީހުންގެ ހަރުކަށި ފިކުރުތަކާ އެއްގޮތަށް ސިޔާސަތުތައް ބަދަލުކޮށް ހިންދޫންގެ ތާއީދު އިތުރުކޮށްފަ އެވެ.
އިންޑިއާގެ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކަޝްމީރަށް ގާނޫނުއަސާސީން ދީފައި އޮތް އޮޓޮނޮމީ އުވާލުމާއި އަޔޯދިޔާގައި އެތައް ސަތޭކަ އަހަރެއް ވެފައިވާ މިސްކިތެއް 1992 ވަނަ އަހަރު ހިންދޫން ނުކުމެ ތަޅާލާފައި ވާއިރު އެތަނުގައި ބޮޑު ފައްޅިއެއް އަޅަން ހުއްދަ ދިނުން ފަދަ ކަންކަން މޯދީ ވަނީ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏާއްކޮ
13 April 2025
އަދިވެސް އިއްޒުއްދީން އާއި ޣިޔާސުއްދީން އާއި އެ ނޫން ވެސް ލަގަބުތައް މޯދީއަށް އަރުވާ. މުސްލިމުންނަށް ހެޔޮކަމުން. ބީޖޭޕީ އާރު އެސް އެސް އުފެދުނީ ކިހިނެއްކަން ވެސް ނުދަންނަ ބަޔަކު މިކަހަލަ މޮޔަ ކަންތައްތައް ކުރާނެ ތާ
ރަތްތަރި
13 April 2025
މިހާ ނުބައި ނުލަފާ މޯދީއާ ގުޅުންބަދަހި ކުރަން މި ދިވެހި ރާއްޖޭގެ ބައެއްމީހުންވެސް ބޭނުންވަނީ.