ފޮއްތެޔޮ ފަޅު: ފަޅު ކުއްޔަށް ދިނުން ހުއްޓުވަން ކުރި ދައުވާ ކުރިއަށް ނުގެންދިޔަ
13 އެޕްރީލް 2025 - 12:00
ރާއްޖޭގެ އޮތް އެންމެ ބޮޑު ފަޅު ކަމަށްވާ ވ. ފޮއްތެޔޮ ފަޅު ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޭން ސަރުކާރުން ނިންމި ނިންމުން ބާތިލްކުރަން ވ. އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމައިފި އެވެ.
އާންމު ނަމުން ނަމަ ފޮއްތެޔޮ ފަޅު އަދި ރަސްމީ ނަމުން ނަމަ، ދިއްގަރު ފަޅު ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޭން އުޅޭ ކަމުގެ އަޑުތައް ފެތުރުނީ އެމްޑީޕީގެ ވެރިކަމުގައި 2023 ވަނަ އަހަރު އެވެ. އަދި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލހު ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވ. އަތޮޅުގައި ޓޫރިޒަމްގެ މެގަ ޕްރޮޖެކްޓެއް ކުރިއަށް ގެންދާނެ ކަން އިއުލާން ކުރެއްވި އެވެ.
އެހެންވެ، ފޮއްތެޔޮ ފަޅު ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޭން ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވަނީ ލާމަރުކަޒީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ވ. އަތޮޅު ކައުންސިލުން ކޯޓަށް ހުށަހެޅި އެވެ. އެ ކައުންސިލުން ދައުވާކުރީ އެ ފަޅު ކުއްޔަށް ދެވޭނީ ކައުންސިލްގެ ނިންމުމާ އެއްގޮތަށް ކަމަށް ބުނެ އެވެ.
ނަމަވެސް، އެ މައްސަލައަކީ ސިވިލް ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ބުނެ، ދައުލަތުން އިޖްރާއީ އިއުތިރާޒު ހުށަހެޅި އެވެ. އެއީ އެ މައްސަލަ ކައުންސިލުން ކޯޓަށް ހުށަހެޅީ އިހްތިލާފު އޮންނަ ބާވަތުގެ މައްސަލައެއްގެ ގޮތުގައި ކަމަށްވާތީ އެވެ. ނަމަވެސް ދައުލަތުން ބުނެފައިވާ ގޮތުގައި އެ މައްސަލާގެ ދައުވާގައިވާ ގޮތުން ކޯޓުން ވަޒަން ކުރަން ޖެހޭ އެންމެ އަސާސީ ކަންކަމަށް ބަލާއިރު އެ މައްސަލައަކީ ޖުޑީޝަލް ރިވިއުގެ ދައުވާއެކެވެ.
އެ މައްސަލާގައި ސިވިލް ކޯޓުގެ ގާޒީ ސިނާން އަލީ މިދިޔަ ހަފުތާގައި ކުރެއްވި ހުކުމްގައި ބުނީ އެ ދައުވާއާ ގުޅިގެން އެންމެ ފުރަތަމަ ކޯޓުން ބަލަން ޖެހޭ ކަމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ވަކި ގޮތަކަށް އަމަލުކުރަން ކަނޑައަޅާފައިވާ ކަމަކާ ދައުވާލިބޭ ފަރާތުން ހިލާފުވޭތޯ ކަމަށެވެ. އެއީ ކަންކުރި ގޮތުގެ އިޖުރާއަތު ރަނގަޅުތޯ ނުވަތަ ނޫންތޯ ބެލުމެވެ.
އެހެންކަމުން އަތޮޅު ކައުންސިލްގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަސާސަކީ ޖުޑީޝަލް ރިވިއުގެ ދައުވާއެެއްގެ އަސާސްކަން އެނގެން އޮންނަ ކަމަށް ހުކުމްގައިވެ އެވެ. އަދި އެފަދަ މައްސަލަތައް ހުށަހަޅަން މަދަނީ އިޖުރާއަތުގެ ގާނޫނުގައި ވަކި އިޖުރާއަތެއް ކަނޑައަޅާފައި ވަނިކޮށް އެއާ ހިލާފަށް ހުށަހަޅާފައިވާ ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ގާޒީ ނިންމެވި އެވެ.
އެހެންވެ، ކައުންސިލްގެ ދައުވާ މިހާރު އޮތް ގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާވުމި
13 April 2025
ލާމަރުކަޒީނިޒާމުގަ އަތޮޅުތަކަށްދީފައޮތް ބާރު މ ސަރުކާރުން ކަނޑުވާލާނެކަމުގެ ހެކި މިތަނުން ތަރައްގީކޮށްގެންވެސް ދައުލަތަށްލިބޭ ލާރިވީ މާލެ ސަރަހައްދަށް ހަރަދުކުރަން. އަތޮޅަށް ފައިދާނުވާނެ ގޮތަކަށް ތިޔަތަން މ ސަރުކާރަށްދޫކުރާނެކަމެއްނެތް.
ވޯލް
13 April 2025
ތިކޯޓަކީ ތިހާފުރިހަމައަށް މަދަނީ އިޖުރާއަތުގެ މަޤްސަދާ، އޭގައި ބުނާ މުއްދަތުތަކަށް ތަބާ ވެގެން ޝަރީއަޔްޔަށް ހިންގާ ތަނެއް ނޫން. ދައުވާ ފޯމް ނުބައިވީމައޭ ކިޔާފަ ދައުވާ ނުބަލާ ބޭރުކޮށްލުމުގެ ބަދަލުގައި ދައުވާ ފޯމް އިސްލާހްކޮށް ހުށައެޅުމަށް ފުރުސަތު ދިނުމުގެ އިހްތިޔާރު ކޯޓާ ގާޒީއަށް ލިބިގެންވާނެ، ސަބަބަކީ މަދަނި އިޖުރާއަތުގެ އެންމެ އަސާސީ މަޤްސަދަކީ އަވަސް މިނުިގައި ޝަރީޔަތް އަދުލުވެރިކަމާއި އެކު ހިންގުން، ފޯމް އިސްލާހް ކުރުމުން ވަގިތު ސަލާމަތްވާނެ.