އެސްޓީއޯގެ ހެޑް އޮފީސް: މޯލްޑިވް ގޭހުގެ ޕްރޮކިއުމަންޓާ ގުޅޭ ހުރިހާ ކަމެއް އެސްޓީއޯގެ ދަށަށް ވަގުތީ ގޮތުން މިއަދު ވަނީ ބަދަލުކޮށްފައި.
13 އެޕްރީލް 2025 - 21:09
މޯލްޑިވް ގޭހަށް ގޭސް ގެނައުމުގެ ޕްރޮކިއުމަންޓާ ގުޅޭ ހުރިހާ ކަމެއް ވަގުތީ ގޮތުން އެސްޓީއޯ އިން ކުރިއަށް ގެންދާ ގޮތަށް އެ ކުންފުނީގެ ބޯޑުން މިއަދު ފާސްކޮށްފި އެވެ.
މޯލްޑިވް ގޭސްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.
އެސްޓީއޯގެ ބޯޑުން އެ ގޮތަށް ފާސްކުރީ ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ގޭސް ގަންނަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެޑްވާންސް ފައިސާގެ ގޮތުގައި މޯލްޑިވް ގޭހުން ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) "ގެއްލުނު" މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު "މިހާރު" އަށް މިރޭ ވިދާޅުވީ، މޯލްޑިވް ގޭސް އަށް ގޭސް ގެނައުމާ ގުޅޭ ހުރިހާ ކަމެއް ވަގުތީ ގޮތުން އެސްޓީއޯ އިން ކުރިއަށް ގެންދަން މިއަދު ފާސްކުރުމުން އެ ކަންކަން މީގެ ފަހުން ކުރާނީ ދައުލަތުގެ އެންމެ ބޮޑު އެއް ކުންފުނި އެސްޓީއޯ އިން ކަމަށެވެ.
ގޭސް ގަތުމުގެ ހުރިހާ ޒިންމާތަކާއި ބާރެއް މޯލްޑިވް ގޭހުގެ އަތުން ނަގައި، އެ ކަން ކުރުމުގެ މަސައްކަތް އެސްޓީއޯ އިން ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިދިޔަ ހަފުތާގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވި އެވެ. އެކަމަކު، އޭނާ އެހެން ވިދާޅުވި ނަމަވެސް މިއަދާ ހަމައަށް އެ ކުންފުނީގެ ބޯޑުން އެ ގޮތަކަށް ނުނިންމަ އެވެ.
ދުބާއީގެ ޖަކްޝާ އެނާޖީ މެދުވެރިކޮށް ގޭސް ގަންނަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެޑްވާންސް ފައިސާގެ ގޮތުގައި މޯލްޑިވް ގޭހުން ދެއްކި 3.7 މިލިއަން ރުފިޔާ "ގެއްލުނު" މައްސަލަ އެންމެންގެ ސަމާލުކަމަށް އައީ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، މި ސަރުކާރު ހިންގާ ޕީއެންސީގެ އިސް މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ނާޒިމް ދެއްކެވި ވާހަކަތަކަކާ އެކު އެވެ.
ނަމަވެސް އެ މައްސަލަ އޭސީސީގެ ސަމާލުކަމަށް އައިސްފައި ވާތީ އައީ ބަލަމުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ނާޒިމް ވިދާޅުވީ، އާންމުކޮށް މޯލްޑިވް ގޭހުން ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރީ ވެސް އޮކްޓޫބަރު މަހު ކަމަށެވެ. ދުބާއީގެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދެއްކީ ގޭހުގެ ޝިޕްމެންޓުގެ 30 ޕަސެންޓެވެ.
ނާޒިމް ވިދާޅުވިގޮތުގައި، ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރި ސަބަބު ވެސް މޯލްޑިވް ގޭހަށް ސާފުނުކޮށްދެވުނެވެ. އެ ކަން ހައްލުކުރަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދަށް ފުރުސަތު ދެއްވި ކަމަށާއި ނަމަވެސް އެ ފައިސާ މިހާތަނަށް ރިކަވާ ނުކުރެވޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މޯލްޑިވް ގޭސްގެ އިސް އޮފިޝަލަކު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، ދުބާއީގެ ކުންފުންޏާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯފަނޭ
14 April 2025
ގައުމީ ސަލާމް ކިޔާފަވެސް ވައްކަން.
ބަބްސް
14 April 2025
ވެރިކަމަށް އަރާ ކޮންމެ ބަޔަކު އެމީހުންގެ ތަންދޮރު ނޭނގޭ އައުވާނުން ލައިގެން ވައްކަން ކުރަނީ. ވެންޓިލޭޓަރު 32 މިލިޔަން އާއި މިކަމަކާ ތަފާތެއް ނެތް.
އުދުހޭ
14 April 2025
އަބްދު އިހްލާތެރިކަމެއް ހުރިނަމަ ނޭންގޭ ކަންކަމުގެ ތެރެއަށް ނުބޭނި ހުރީހީ ދުރުގަ.
ބޯފަނި
14 April 2025
އެސްޓީއޯ ބޯޑުން ބަލަން ކެރެނޭތަ ތިތާ ބޯޑުގެ ބައެއް މީހުންނާއި އެކްސްކޯ ބައެއް މީހުން ކުރާ ވއކނ؟
އަންނަބީލާ
14 April 2025
ބޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން
ޗޯރު ކުޑޭ
13 April 2025
މަދަނަ އަތުން އެންމެ 2 ލައްކަ އެއްހާ ޑޮލަރެއް ދޯ ކައްވާލީ! އެހެން މީހުން މިލިޔަނުން ދޯ؟ އެއްކޮޅުން ޤައުމީ ސަލާމު ކިޔާފައި އަނެއް ކޮޅުން ވަށް ގަނޑު ހަފުސް އަރުވާލަނީ؟ ކީކޭ ބުނާނީ ދޯ
ޗޯރު ބޮޑޭ
14 April 2025
ކުޑޭ 2 ލައްކަ ޑޮލަރު ދިވެހި ރުފިޔާ އިން ބަލާކަމަށް ވަނިއްޔާ އެއީ ކިތައް ރުފިޔާ؟ އަދުރޭ ކައިރިން ހިސާބު އިލްމު އުގެނުމަށް ފެނޭ!
ނުނން
13 April 2025
އެހެންވީމާ ހަރުއަޑުން ޤައުމީސަލާމް ކިޔަންވީ........
ސަސި
13 April 2025
އެހެންވީމަ ގޭހުގެ އެމްޑީ ސަލާމަތްވީނު
ގުޅި23
13 April 2025
ގޭސް ގެ އެމްޑީ ފްރީ ! ހާސްކަމެންނެތް.
މުލޭ
13 April 2025
ގޭސްް އެމްޑީ ގޯސް ހަދައި ގޭސް އެނބުރިކަމެއް އަދި ނޭނގޭ. އެކަން އެނގޭނީ ތަހުގީގަށްފަހު.