ދުނިޔެ / އެމެރިކާ

ޔަހޫދީންނާ މެދު ނަފުރަތު އުފައްދާ ކަމަށް ބުނެ ހާވާޑް ޔުނިވަސިޓީގެ 2.2 ބިލިއަން ޑޮލަރުގެ ބަޖެޓް ހިފަހައްޓައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: އިޒްރޭލުގެ އަނިޔާވެރިކަމަށް ބެލުމެއް ނެތި އެމެރިކާ ސަރުކާރުން ބޮޑެތި އެހީތައް ދެމުން ގެންދާއިރު ޔަހޫދީންނާ ދެކޮޅު ފިކުރު ނައްތާލުމުގެ ނަމުގައި ބޭރުގެ ދަރިވަރުންނަށް ހުރަސްއެޅޭ ފިޔަވަޅުތައް ވެސް އެމެރިކާގައި ދަނީ އަޅަމުން. -- ފޮޓޯ: އޭއެފްޕީ

15 އެޕްރީލް 2025 - 06:09

2 comments

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެ ގައުމުގައި ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުމުގެ ހަރަކާތްތައް ހުއްޓުވުމުގެ ނަމުގައި ފަށާފައިވާ މަސައްކަތަށް އެއްބާރުލުން ނުދިން ކަމަށް ބުނެ ހާވާޑް ޔުނިވަސިޓީގެ 2.2 ބިލިއަން ޑޮލަރުގެ ބަޖެޓް ހިފަހައްޓައިފި އެވެ.

މުޅި ދުނިޔެއަށް ވެސް މަޝްހޫރު އަދި ޝަރަފުވެރި ޔުނިވަސިޓީއެއް ކަމަށްވާ ހާވާޑަށް ފެޑެރަލް ސަރުކާރުން ދޭ ފަންޑު ހިފެހެއްޓީ ޔުނިވަސިޓީ ހިންގުމާއި އެތަނަށް ދަރިވަރުން ވެއްދުމުގައި އަމަލުކުރާ އުސޫލުތައް ބަދަލުކުރުމަށް ޓްރަމްޕުގެ ސަރުކާރުން އެންގި އެންގުންތަކަށް އަމަލު ނުކުރެވޭނެ ކަމަށް ޔުނިވަސިޓީން ބުނުމުންނެވެ. ޔުނިވަސިޓީން ވަނީ އެކަމާ ގުޅޭ ގޮތުން ދަރިވަރުންނަށް ފޮނުވި ސިޓީ އާންމު ވެސް ކޮށްފަ އެވެ.

"ހާވާޑްގެ ބަޔާނުން އިތުރަށް އެނގުނީ މި ގައުމުގެ އެންމެ ޝަރަފްވެރި ޔުނިވަސިޓީތަކާއި ކޮލެޖްތަކުގެ ފިކުރުގައި އާންމުވެފައިވާ ފިކުރު - [އެއީ] ފެޑެރަލް އިންވެސްޓްމަންޓުތައް ލިބެނީ މަދަނީ ހައްގުތަކުގެ ގާނޫނު ނެގެހެއްޓުމުގެ ޒިންމާއާ އެކީގައި ނޫން ކަމަށް،" ޔަހޫދީންނާ މެދު ނަފްރަތު އުފެދޭ ކަންކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ޓްރަމްޕު އުފައްދާފައިވާ ޖޮއިންޓް ޓާސްކްފޯސް ޓު ކޮމްބެޓް އެންޓި-ސެމިޓިޒަމް އިން ނެރުނު ބަޔާނުގައި ބުންޏެވެ.

ސަރުކާރުގެ ޑިމާންޑްތަކާ ދެކޮޅުހަދައި ޔުނިވަސިޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކި ދީންތަކާއި ނަސްލުތަކާއި ފިކުރުތަކާއި މުޖުތަމައުތަކުގެ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ގެންގުޅޭ ސިޔާސަތު ބަދަލު ނުކުރާނެ ކަމަށެވެ.

"އެއްވެސް ސަރުކާރަކުން - ކޮންމެ ޕާޓީއެއްގެ ސަރުކާރެއް ވެރިކަމުގައި އޮތަސް - ކިޔަވައިދެވޭނެ އެއްޗިއްސާއި ފުރުސަތު ދެވޭނެ ދަރިވަރުންނާއި ވަޒީފާ ދެވޭނެ މީހުންނާއި އަދި ދަރިވަރުންނަށް ކިޔެވޭނެ ދާއިރާތައް އަމިއްލަ ޔުނިވަސިޓީތަކަކަށް ނޭންގޭނެ،" ހާވާޑްގެ ރައީސް އެލަން ގާބާ އެތަނުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

މި މަހުގެ 11 ވަނަ ދުވަހު ސަރުކާރުން ހާވާޑަށް ފޮނުވި ސިޓީގައި ޑިމާންޑްކޮށްފައިވާ ކަންކަމުގެ ތެރޭގައި ޖިންސީ އަދި ފިކުރީ ވިސްނުންތަކަށް ބެލުމެއް ނެތި ދަރިވަރުންނަށް ފުރުސަތު ދިނުން ހުއްޓާލުމާއި ބޭރުގެ ދަރިވަރުންގެ ތެރެއިން "ޓެރަރިޒަމާއި ޔަހޫދީންނާ މެދު ނަފްރަތު އުފެދޭ ފިކުރަށް ތާއީދުކުރާ ދަރިވަރުން" ޔުނިވަސިޓީއަށް ނުވެއްދުމާއި މުވައްޒަފުން ނެގުމުގައި ވެސް މިފަދަ އުސޫލުތައް ގެންގުޅުން ހިމެނެ އެވެ.

"ސަރުކާރުން އެދުނު ކަންކަމުގެ ތެރޭގައި ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުމުގެ އަމަލުތައް ހުއްޓުވުމުގެ ފިޔަވަޅުތަކެއް ހުރި ނަމަވެސް އޭގެ ތެރޭގައި ގިނައީ ހާވާޑްގައި 'އިލްމީ ކަންކަން ވަޒަންކުރުމުގައި ބަލާ މިންގަނޑުތައް' ސަރުކާރުން ކަނޑައެޅުމާ ގުޅޭ ކަންކަން،" ސަރުކާރުގެ ޑިމާންޑްތަކާ ބެހޭ ގޮތުން ހާވާޑްގެ ރައީސް ވިދާޅުވެފައިވެ އެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ހެރިސަން ފީލްޑްސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައީސް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވަނީ ހަރުކަށި ފިކުރު ނައްތާލައި، ފެޑެރަލް ޓެކްސްގެ ފައިސާއިން "ހާވާޑްގެ ނުރައްކާތެރި ނަސްލީ ތަފާތުކުރުންތަކަށް ނުވަތަ ނަސްލީ ގޮތުން މަގުފަހިވާ ހަމަނުޖެހުންތަކަށް" ތާއީދުކުރުމަށް ފަންޑު ނުކުރާކަން ކަށަވަރުކޮށް، މަތީ ތައުލީމު އަލުން ރަނގަޅުކުރުމަށް ކަމަށެވެ.

މިދިޔަ މަހު އެމެރިކާ ސަރުކާރުން ވަނީ ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާތައް ކުރި ޔުނިވަސިޓީތަކާއި ކޮލެޖްތަކަށް ދެމުން ގެންދާ އިންޒާރުތަކަށް ފަހު ކޮލަމްބިއާ ޔުނިވަސިޓީގެ 400 މިލިއަން ޑޮލަރުގެ އެހީ ވެސް ކަނޑާލައިފަ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ޔަހޫދީ ދަރިވަރުންނަށް ފުރައްސާރަކުރުމުގެ އަމަލުތައް ނުހުއްޓި ކުރިއަށް ދިއުމެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 11%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަންނަމާރި

15 April 2025

އެމެރިކާ ވެސް މިހާރު މިރާއްޖޭގެ ފެންވަރަށް ކަންކަން ގެންދާތަން މިފެންނަނީ މީއީ ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށް ހުރަސްއެޅޭ ދަށުދަރަޖައިގެ ކަންކަން އިންސާނީ ބުއްދީގެ މިނިވަންކަމުގަ ކަސްދޮޅުއެޅުވުމަކީ އެތަނެއްގެ ހާލަތު ގޯހުންގޯހަށް ދާނެކަންކަން ސަރުކާރަކަށް ނޫން އިންސާނަކު އުޅޭނެ ދީނެއް އެމީހަކު ކިޔަވާނެ މާއްދާއެއް އެމީހަކު ސަޕޯޓުކުރާނެ ގައުމެއް އެނގޭނީއެއް

The name is already taken The name is available. Register?

ޖަލީލީ

15 April 2025

މިހިރީ އަހަރެމެންނަށް ޑިމޮކުރަސީ އާއި އިންސާނީ ހައްގުތަކާއި ފްރީސުޕީޗް ކިޔަވައިދޭ އެމެރިކާގެ ފެންވަރު. ފަލަސްތީނުގެ ނަސްލުނައްތާލުމާއި ދެކޮޅު ހަދާ ބަސްބުނާ ކޮންމެ މީހަކީ ޔަހޫދީންނާއި ދެކޮޅު އެންޓިސެމެޓިކް ފިކުރުގެ މީހުން ކަމުގަ ލޭބަލްކޮށް އެގައުމުގެ ރައްޔިތުކަމުންވެސް މަހުރޫމް ކުރަނީ. އެހެން ގައުމެއްގެ ސަރުކާރަކުން މިފަދަ މިނިވަންކަމެއް ހިފަހައްޓައިފި ނަމަ އެމެރިކާ މީހުން ނުނިދާ ބަޔާން ނެރެ ބުލީކޮށް ބިރުދައްކާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454