ކުޅުދުއްފުށީގެ މަގެއް.-- ފޮޓޯ: މިހާރު
15 އެޕްރީލް 2025 - 11:19
ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުއްޓާ ދަންޖެހުނު އިތުރު މީހަކަށް ވެސް ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިއީ، އެ ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުއްޓައި ހަފުތާއެއްގެ ތެރޭގައި ދަންޖެހުނު ދެ ވަނަ މައްސަލަ އެވެ. އަދި މި ފަހުން އެ ސްޓޭޝަންގެ ބަންދުގައި ހުއްޓާ ދަންޖެހުނު ތިން ވަނަ މީހާ އެވެ.
މި އަހަރު އެންމެ ފުރަތަމަ ދަންޖެހުނީ މަސްތުގެ ހާލަތުގައި ހުރެ ގެއެއްގެ މުދަލަށް ގެއްލުންދީ، ހަމަނުޖެހުން ހިންގި މައްސަލައެއްގެ ތަހުގީގަށް މި މަހުގެ ދެ ވަނަ ދުވަހު ހައްޔަރުކުރި މީހެކެވެ. ބަންދުގައި ހުއްޓައި އޭގެ ދެ ދުވަސް ފަހުން ދަންޖެހިގެން ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދެމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހު ވަނީ 34 އަހަރުގެ އެ މީހާ މަރުވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭގެ ދެ ވަނަ ހާދިސާ ހިނގީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ކަމަށެވެ. މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކޮށްފައި ހުއްޓައި ދަންޖެހިގެން ފަރުވާ ދިނުމަށް، އެ ރަށުގައި ހިންގާ ރީޖަނަލް ހޮސްޕިޓަލަށް ވަގުތުން ގެންދިޔަ އެވެ.
އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ދަންޖެހިގެން ގެންދިޔަ 26 އަހަރުގެ ފިރިހެނަކަށް އިމަޖެންސީ ރޫމުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ބަންދުގައި ހުއްޓައި ދަންޖެހުނު މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައުލޫމާތުތައް އެޗްއާރުސީއެމް އާއި އެންއައިސީއަށް ހިއްސާކޮށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ބުންޏެވެ.
މީގެ ކުރިން ކުޅުދުއްފުށީ ޕޮލިހުގެ ބަންދުގައި ހުއްޓާ، ޑިސެމްބަރު 19، 2022 ގައި މަރުވީ ހދ. ނޮޅިވަރަމުގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި 32 އަހަރުގެ މީހެކެވެ. އޭނާ ވެސް މަރުވީ ދަންޖެހުމުން ހާލު ދެރަވުމުން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަބީދު
15 April 2025
ފާޑެއްގެ ވަހެއް އެބަ ދުވާ
ޖޭމްސް ކުކީ
15 April 2025
މިއީ ބިރުވެރިކަމެއް. ތިތާނގައި މީގެކުރިން ބަންދުކޮށްފައިތިބި މީހުންގެ ބަހެއް ހޯދާލުން މުހިންމު. ޕޮލިސް ސްޓޭޝަނަށްގެންގޮސް އަނިޔާކުރާނަމަ ވައްކަންކޮށްގެން ކުލަޓައްޕު ބޮލަށް އެޅި މީހާއެކޭ ފުލުންނެކޭ ތަފާތެއްނެތް. ތިތަނަށް ސިހުރު ހަދާފަހުރިތޯ ބަލަން ރުގުޔާ ރާގީ ސޭހަކުވެސް ގެންދަންފެނޭ.
އަޅި އަލީ
15 April 2025
ކޮންމެވެސް މައްސަލައެއް އެބަ އުޅެނު! ބުނާތީ އިވޭ ވަރަށް އަނިޔާ ކުރާ ފުލުހުން ތިބި މަރުކަޒެކޭ ތިޔައީ! ރޭގަނޑު ގޮޅި ގޮޅިއަށް ވަދެ އަނިޔާ ކުރާވާހަކަ މީހުން ަވަރށް ދައްކާ!