އެފްއޭއެމުން ކުރިން ބޭއްވި ކޮންގްރެސްގައި ބައެއް ކްލަބްތަކުން ބައިވެރިވެ ވޯޓް ދެނީ: އެފްއޭއެމުން ބާއްވާ ކުރު މުބާރާތުގައި ގިނަ ކްލަބްތަކުން ބައިވެރި ނުވޭ ---- ފައިލް ފޮޓޯ
15 އެޕްރީލް 2025 - 11:21
ރަސްމީ ފުޓްބޯޅަ ސީޒަނުން ބޭރުން އެފްއޭއެމުން ބާއްވާ ކުރު މުބާރާތުގައި ބައިވެރިނުވުމުގައި މަގްބޫލު ސަބަބުތަކެއް އެބަހުރި ކަމަށް ކްލަބްތަކުން ބުނެފި އެވެ.
މި މަހު ފަށަން އެފްއޭއެމުން ކުރިން މަސައްކަތް ކުރި ފުޓްބޯޅަ ސީޒަން، ފީފާއިން އަންގައިގެން ފަސް ކުރި އެވެ. އެއަށް ފަހު އެފްއޭއެމުން ވަނީ، ފީފާއާ އެކު މަޝްވަރާކޮށް ކުރު މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.
އެ މުބާރާތް ބޭއްވުމުގެ ހުއްދަ، ފީފާއިން ދޭނީ ބައިވެރިވާ ޓީމުތަކުގެ އަދަދު އެނގުމުން ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.
ރަސްމީ ކަލަންޑަރުގެ މުބާރާތަކަށް ނުވާތީ، އެ މުބާރާތުގައި ކްލަބްތަކުގެ ރޭންކިން އާއި ރެލިގޭޝަނެއް ނޯންނާނެ އެވެ.
މުބާރާތުގައި ބައިވެރިވާން ކްލަބްތަކަށް ދައުވަތު ފޮނުވުމުން ބައިވެރިވީ ހަތަރު ކްލަބަކުންނެވެ.
މާޒީޔާ، ޓީސީ، ވިކްޓަރީ އޮޑި ސްޕޯޓްސް ފިޔަވައި އެހެން ކްލަބަކުން މުބާރާތުގައި ވާދައެއް ނުކުރެ އެވެ. އެކަމަކު މި އަހަރު ވެސް ސަރުކާރުން ވަނީ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ކްލަބްތަކަށް އެހީވުމުގެ ގޮތުން ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާ ދީފަ އެވެ. ޖުމުލަ 10 މިލިއަން ރުފިޔާ އެ ޕޭކޭޖްގެ ދަށުން ސަރުކާރުން ކްލަބްތަކަށް ދިނެވެ.
އެކަމަކު ގިނަ ކްލަބްތައް، މުބާރާތުގައި ބައިވެރި ނުވާން ނިންމުމުން، އެ ކްލަބްތަކަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ.
މުބާރާތުގައި ބައިވެރިވާނެ ކަމަށް އެފްއޭއެމަށް އަންގާފައި ނުވާ ކްލަބްތަކުގެ ތެރެއިން "މިހާރު" އާ ވާހަކަ ދެއްކި ކްލަބްތަކުގެ އޮފިޝަލުން ބުނީ އެ މުބާރާތުގައި ބައިވެރި ނުވުމުގައި މަގްބޫލު ސަބަބުތަކެއް އެބަ ހުރި ކަމަށެވެ.
"ގިނަ ކްލަބްތައް ފައިނޭންޝިއަލީ މިއޮތީ އަދިވެސް ވަރަށް ހާލުގައި، މިހެން އޮތްވައި ސީޒަނުގެ ބޭރުން ބާއްވާ މުބާރާތުގައި ބައިވެރިވާށޭ ބުންޏަސް ކިހިނެއް ބައިވެރި ވާނީ؟ ކްލަބްތަކުގެ ޓާގެޓަށް އެއްޗެއް އެޗީވް ނުވާ މުބާރާތެއްގައި ބައިވެރިވެގެން ހަމަ އިތުރަށް ކްލަބްތަކުގެ އެނާޖީ ދާނީ،" ކްލަބެއްގެ އޮފިޝަލަކު ބުންޏެވެ.
އޭނާ ބުނީ ކްލަބްތަކާއި ފުޓްބޯޅަ އޮތް ހާލަތު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއަށް އެނގެން ޖެހޭ ކަމަށެވެ.
"ގިނަ ކްލަބްތައް އެ މުބާރާތް ކުޅެން ބޭނުން ނުވާކަން އެނގިއްޖެ، އެހެންވީމާ އެފްއޭއެމް ވެސް މިއޮތް ހާލަތުގައި ކީއްކުރަން ނޯމަލައިޒޭޝްން ކޮމިޓީން ވެސް އިތުރު އެނަޖީއެއް ދުއްވާލަންވީކީ؟ އެފްއޭއެމް ނޯމަލައިޒް ކުރުމުގެ މަސައްކަތައް ބޮޑަށް ފޯކަސް ކުރަންވީނުން؟" އޭނާ ބުންޏެވެ.
މައްސަލައާ ބެހޭގޮތުން ވާހަކަ ދެއްކި އެހެން ކްލަބެއްގެ އޮފިޝަލަކު ބުނީ އެ ކްލަބްގައި ތިބި ގިނަ ޒުވާން ކުޅުންތެރިން 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ތިބުމުން، ސްކޮޑް ހަމަ ނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ސްކޮޑް ބޭސްވެފަ މިއތީ ވަރަށް ގިނަ ޒުވާން ކުޅުންތެރިންގެ މައްޗަށް. އޭގެ ގިނަ ކުޅުންތެރިންނަކީ އަންޑަ 19 ޓީމުގެ ކުޅުންތެރިން. އަންޑަ 19 އިން މުހިންމު މުބާރާތަކަށް ތައްޔާރުވަމުން އެދަނީ. ކޮންމެ ގޮތެއް ވިޔަސް ގައުމީ ޓީމު ޑިއުޓީ އަށް ކުޅުންތެރިން ހުސްވެގެން ތިއްބައި އަޅުގަނޑުމެންނަކަށް ނޭނގޭނެ ކުޅުންތެރިންނަށް ކްލަބްގެ ޕްރެކްޓިހަށް ނުކުންނާށެކޭ،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންވޭމޭން
16 April 2025
ބޮޑުއީދު ޗުއްޓީ ހަދާލަން ލާރިކޮޅެއް ލިބިއްޖެއެއްނުދޯ.
އިއްޕަޓޭ
16 April 2025
ހުސް ބަހަނާ. ސީޒަން ފެށުނީމަ ބުނާނެ ޕްރެކްޓިސް މެޗެއް ކުޅެލާނެ ފުރުސަތެއް ނުލިބުނީމަ ކުޅުންތެރިން ފިޓެއްނޫނޭ.
ނަފީސާ
15 April 2025
10 މިލިއަން ރުފިޔާ ނުދިން ނަމަ ފުރަތަމަ ވެސް ބޯޑާ ހާކަ ހާކަ ލިބެދާނެ އެއްނު
އާސިމް މެން
15 April 2025
އަމާޒް ލިބޭ ލާރިކޮޅައް ދެއްތޯ ، ދެން ލިބުނު ލާރިކޮޅައް ބެންކޮކައް ޖެހިލާ ލޮލް
ސަޕޯރޓަރުން
15 April 2025
ހުރިހާ ކަމަކުން ޢީގަލްސް އިން ނުބައި ހަދަނީ ވ ސާފް
ބޭބެމެން
15 April 2025
މުބާރާތުގަ ބައިވެރިވި ޓީމްތަކައް ކުޅެލަން ލަންކާ ، އިންޑިޢާ ކުލަބް ތަކައް ފުރުސަތު ދީގެން ބާއްވާ
ލާމަސީލު
15 April 2025
10 ކްލަބް ކޮންމެ ކްލަބެއް 1 މިލިއަން ރުފިޔާ އެފްއޭއެމް އިން ނަގައިގެން އެފްއޭއެމް އިން ބާއްވާ މުބާރާތުގަ ބައިވެރި ނުވުމަކީ ޖޯކެއް. ފައިސާ އަނބުރާ އަތުލަން ޖެހޭނެ.
ލޯޕް
15 April 2025
އެފްއޭއެމް ނުދޭ އެއްޗެއް
ކުޅުންތެރިޔާ
15 April 2025
ސަރުކާރުންދިން 1 މިލިއަން ރުފިޔާ ދިންއިރު ކީއްވެބާ ކުލަބުތަކުންނުބުނީ ފުރަތަމަ އެފް.އޭ.އެމް ނޯމަލައިޒް ކުރުމަށް ފޯކަސްކުރާށޭ. ހުރިހާ ދިވެހިންގެ ފައިސާ ތިހެން 10 ކުލަބަށް ދިނުމަކީ ބަލައިގަނެވޭނެކަމެއްނޫން.
މުއްލާގެދަރަނިފިލުވުން
15 April 2025
އަމާޒުހުރީ ހަމައެކަނި އެއް މިލިއަން ރުފިޔާ ހޯދަން. ބޯޅަ ކުޅޭކަށް ނޫން
އަޅި އަލީ
15 April 2025
އަމާޒެއް ނެތަސް ލާރި ދިދީމާ ހިފޭ ދޯ!