ރަޝިޔާ އާއި އެމެރިކާއާ ދެމެދު ސައޫދީގައި ބޭއްވި މަޝްވަރާތަކަށް ފަހު ވާހަކަ ދައްކަވަނީ: ރަޝިޔާއިން ބުނަނީ އެމެރިކާ މެދުވެރިވެގެން މިއީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް. -- ފޮޓޯ: އޭއެފްޕީ
16 އެޕްރީލް 2025 - 05:59
ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ހިންގަމުންދާ ހަނގުރާމަ ހުއްޓާލަން އެމެރިކާ މެދުވެރިވެގެން ކުރާ މަޝްވަރާތަކަށް އެއްބަސްވާން ފަސޭހަ ނުވާނެ ކަމަށް ރަޝިއާއިން ބުނެފި އެވެ.
ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ތިން އަހަރުވީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެމެރިކާ މެދުވެރިވެގެން ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް އޮތީ ފަށައިފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ޔޫކްރެއިންގެ ހަނގުރާމަ ހުއްޓުވައި، ސުލްހަ ގާއިމްކުރަން ބޭނުންފުޅުވާ ކަމަށެވެ.
ނަމަވެސް ރަޝިއާގެ ފޮރިން މިނިސްޓަރު ސެރްގެއީ ލެވްރޮވް ވިދާޅުވީ އެމެރިކާ މެދުވެރިގެން ކުރާ އެ މަޝްވަރާތަކުގައި ހަނގުރާމަ ހުއްޓާލަން އެއްބަސްވާން ފަސޭހަ ނޫން ކަމަށެވެ. އަދި އެއްވެސް ގޮތަކުން ހުޅަނގުގެ ގައުމުތަކަށް ބަރޯސާވާންޖެހޭ ފަދަ ނިންމުމަކަށް އެއްބަސް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން އެމެރިކާ މެދުވެރިވެގެން ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ކުރިން މަޝްވަރާތަކެއް ކުރި ނަމަވެސް ހަނގުރާމަ އެއްކޮށް ހުއްޓާލުމާ ބެހޭގޮތުން މިހާތަނަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.
ކުރީގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި އެމެރިކާއިން އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ އެހީތައް ޔޫކްރެއިންއަށް ދިން ނަމަވެސް، ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށްފަހު އޭނާ ގެންދަވަނީ ހަނގުރާމަ ހުއްޓާލުމަށް ބާރު އަޅުއްވަމުންނެވެ. އަދި ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލުމަށް ޔޫކްރެއިންއިން އެއްބަސް ކުރުވުމަށްޓަކައި ޔޫކްރެއިނަށް އެހީ ދިނުން ވެސް ޓްރަމްޕް ވަގުތީ ގޮތުން ހުއްޓާލަން ކުރިން އެންގެވި އެވެ. ނަމަވެސް އެ ހުށަހެޅުމަށް ޔޫކްރެއިންއިން އެއްބަސްވުމުން އަސްކަރީ އެހީތައް އަނެއްކާވެސް އެމެރިކާއިން ދަނީ ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުލްހަ
19 April 2025
ސުލްހައިގެ ވާހަކަ އެމެރިކާ ދެއްކީމާ އަހަރުންވެސް ލަދުގަނޭ.