16 އެޕްރީލް 2025 - 19:49
ތުރުކީ ސުޕަ ލީގުގައި ކުރިން ޓޮޕް ސްކޯރާ ހޯދި ގަބޮންގެ އާރޮން ބޫޕެންޒާ، ޗައިނާގައި އިމާރާތެއްގެ 11 ވަނަ ފަންގިފިލާ އިން ވެއްޓި މަރުވެއްޖެ އެވެ.
އުމުރުން 28 އަހަރުގެ ފޯވާޑް އޭނާ ކުޅެމުން އައީ ޗައިނާ ސުޕަ ލީގުގެ ޒެޖިއަން އެފްސީއަށެވެ. އޭނާ ވެއްޓުނީ ދިރިއުޅުނު އެޕާޓްމަންޓްގެ ފަންގިފިލާ އިންނެވެ.
ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ އޭނާ ވެއްޓެން މެދުވެރިވި ސަބަބު ހޯދަން ތަހުގީގު ކުރަމުންނެވެ. މީޑިއާތަކުން ހާމަ ކުރާ ގޮތުގައި ވެއްޓުނު ވަގުތު އޭނާގެ ގާތުގައި އޭނާގެ ކޮއްކޮ ހުއްޓެވެ.
މިދިޔަ ޖެނުއަރީ މަހު ބޫޕެންޒާ ޗައިނާއަށް ބަދަލުވީ ތުރުކީގެ ރަޕިޑް ބުސުރެސްޓީއަށް ކުޅުމަށްފަހު އެވެ. ޗައިނާ ލީގުގައި އޭނާ ވަނީ ކުޅުނު ހަ މެޗުން ހަތަރު ގޯލު ޖަހައިފަ އެވެ.
ތުރުކީ ލީގުގެ ޓޮޕްސްކޯރަގެ މަގާމު ހޯދީ 2020/2021 ސީޒަންގައި ހަތޭސްޕޯއަށް 22 ގޯލު ޖަހައިގެންނެވެ. އެއަށް ފަހު އޭނާ ވަނީ ގަތަރު ސްޓާ ލީގުގެ އަލް އަރަބީ އާއެކު އެފްއޭ ކަޕް ކާމިޔާބުކޮށް، ސައުދީ ޕްރޯ ލީގުގެ އައްޝަބާބަށް ވެސް ކުޅެފަ އެވެ.
މިދިޔަ އަހަރު އޭނާ އަލުން ތުރުކީ ލީގަށް ބަދަލުވީ އެމެރިކާ ލީގުގެ ސިންސިނާޓީއަށް ދެ އަހަރު ކުޅުމަށްފަހު އެވެ. ސިންސިނާޓީއާ އެކު އޭނާ ވަނީ 2023 ވަނަ އަހަރުގެ ސަޕޯޓާސް ޝީލްޑް ކާމިޔާބު ކޮށްފަ އެވެ.
ގަބޮންގެ ގައުމީ ޓީމަށް 2016 ވަނަ އަހަރު ކުޅެން ފެށި ބޫޕެންޒާ ވަނީ 2023 ވަނަ އަހަރާ ހަމައަށް 35 މެޗު ކުޅެދީ އަށް ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ ވަނީ ގަބޮން އާއެކު 2022 ވަނަ އަހަރު އޮތް އެފްރިކަން ކަޕް އޮފް ނޭޝަންސް 2021 ގައި ކުޅެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުށް
16 April 2025
ގަތަރު ގޯލޭ..ފަޅޮލޭ ވެސް ލިޔެވުނީމަ ވީ ދޯ