ޝެއިހު ނާޒިލް އިންސްޓިޓިއުޓު ތަރައްގީކުރުމުގެ އެގްރިމެންޓުގައި ޑެޕިއުޓީ މިނިސްޓަރު މުތީއު (ލ) އަދި ނާޒިލް ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
17 އެޕްރީލް 2025 - 21:06
ޅ. ނައިފަރުގައި އަމިއްލަ މީހަކު ހިންގާ ގުރުއާން ކްލާސް ތަރައްގީކުރަން އިސްލާމިކް ވަގުފު ފަންޑުން އެހީ ދިނުމުގެ އެގްރިމެންޓުގައި މިއަދު ސޮއިކޮށްފި އެވެ.
ގިނަ ހާފިޒުންތަކެއް ގްރެޖުއޭޓުވި ގްރުއާން ކްލާހުގައި އިތުރު ކްލާސްރޫމު އަޅައި ވަސީލަތްތައް ގާއިމްކޮށް "ޝެއިހު ނާޒިލް އިންސްޓިޓިއުޓު" ވަރުގަދަކުރުމުގެ އެއްބަސްވުމުގައި ޑެޕިއުޓީ މިނިސްޓަރު ޝެއިހު މުތީއު އިސްމާއިލް އަދި އެ އިންސްޓިޓިއުޓުގެ ފައުންޑަރު އަހުމަދު ނާޒިލް މުހައްމަދު ވަނީ ސޮއިކުރައްވައިފަ އެވެ.
މީގެ ހަ އަހަރު ކުރިން، 2019 ވަނަ އަހަރު ހާފިޒްކަމުގެ ސަނަދު ހާސިލްކުރި ނާޒިލް "މިހާރު"އަށް ބުނީ އޭނާ ގުރުއާން ކިޔަވައިދެނީ، މީހެއްގެ ގުރުއާން ސެންޓަރުން ކްލާހެއް ނަގައިގެން ހަވީރު 3:45 އިން 6:00 އަށް ކަމަށެވެ.
ނަމަވެސް، އެ ތަން ކުއްޔަށް ނަގާފައިވާ ފަރާތުން އެ އިމާރާތް ދޫކޮށްލަން އުޅޭތީ ނާޒިލްގެ 38 ދަރިވަރުންނަށް ވެސް ކިޔަވައިދެވޭނެ އެހެން ގޮތެއް ނޯންނާނެތީ އެކަމުގައި މިނިސްޓްރީގެ އެހީތެރިކަމަށް އޭނާ އެދުނީ އެވެ. އެއާއެކު، މިނިސްޓްރީން ވަނީ ނާޒިލް އިންސްޓިޓިއުޓު އުފެއްދުމަށް ވަގުފު ފަންޑުން ތިން ލައްކަ ރުފިޔާގެ އެހީ ދިނުމަށް ނިންމައިފަ އެވެ.
ނާޒިލް ބުނީ ދެ ކްލާސްރޫމާއި ސްޓާފްރޫމާއި ތިން ފާހަނާއާއެކު އެ އިންސްޓިޓިއުޓު ހަދާނީ އޭނާގެ ބައްޕަގެ ގޭގެ ތިރީ ފްލޯގަ އެވެ. އެ ތަނުގެ ސްޓްރަކްޗާ މިހާރު ހުރީ ނިންމައިފަ އެވެ. އިމާރާތް އެއްކޮށް ރާނައި ފިނިޝިންނަށް ޖުމްލަ ފަސް ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ލަފާކުރެ އެވެ. ހެޔޮއެދޭ ފަރާތްތަކުން ވަނީ ބާކީ ދެ ލައްކަ ރުފިޔާ ވެސް ހަމަޖައްސައިދީފަ އެވެ.
ގިނަ ޙާފިޒުންތަކެއް ގްރެޖުއޭޓްވި ޅ. ނައިފަރުގައި އަމިއްލަ ފަރާތަކުން ހިންގާ ޤުރުއާން ކްލާސް ތަރައްޤީކުރުމަށް މިއަދު މިނިސްޓްރީއާއެކު އެގްރީމެންޓްގައި ސޮއިކޮށްފި. އެތަނުގައި ކްލާސް އިތުރުކުރުމާއި ވަސީލަތްތައް ޤާއިމުކޮށްދެވޭނެ. pic.twitter.com/iw0rwnKcbT
— Ministry of Islamic Affairs (@MVIaffairs) April 17, 2025
އެހެންވެ، އެ މަސައްކަތްތައް ކުރިއަށް އޮތް ހަތް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ލަފާކުރެ އެވެ.
އާ އިމާރާތާއެކު ގިނަ ދަރިވަރުންނަށް ހިފްޒު ކްލާހުން ޖާގަ ދެވޭނެ ކަމަށް އޭނާ ބުންޏެވެ. އަދި މިނިސްޓްރީއާއެކު ވެފައިވާ އެގްރިމެންޓުން 10 ޕަސެންޓު ކުދިންނަށް ހިލޭ ކިޔަވައިދޭން ޖެހެ އެވެ.
"ފަސް އަހަރަށް ޕްލޭންކޮށްފައި އިނީ 80 ކުދިންނަށް ޖާގަ ދެވޭނެ ކަމަށް." އެ ރަށު ކޯޓުގައި ލީގަލް އޮފިސަރަކަށް މަސައްކަތްކުރާ ނާޒިލް ބުންޏެވެ.
އެ އިންސްޓިޓިއުޓު ނިންމައި ހުޅުވަން ވާއިރަށް ކިޔަވައިދޭނެ މުގައްރަރު ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. އެގޮތުން، ގްރޭޑު 1 އިން ފަށައިގެން ގްރޭޑު 7-8 އަށް ދާއިރު ހިފްޒުކޮށް ނިމޭނެ ކަމަށް އޭނާ ބުންޏެވެ.
ނާޒިލްގެ ގުރުއާން ކްލާހުން ނުވަ ހާފިޒުން މިހާރު ވަނީ އުފައްދައިފަ އެވެ. އަދި އަންނަ ރޯދަ މަހުގެ 27 ވިލޭރޭ ބާއްވާ ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތަށް އެ އިންސްޓިޓިއުޓުން އިތުރު އަށް ދަރިވަރުން ހިފްޒުކޮށް ނިންމާލެވޭނެ ކަމަށް ނާޒިލް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަންޑު
19 April 2025
ފަންޑުދިނުން މައްސަލައެއްނުން، މީހެއްގެ އަމިއްލަ ގޭގައި ގުރުއާން ކުލާސް ހަދަން ފަންޑުދިނުން ގޯސް، މިސާލަކަށް ޝޭހަށް ކަމެއް ދިމާވެގެން ހުއްޓާލަން ޖެހުނަސް ދެންތިތަން ކުރިއަށްގެންދަން ގާނޫނީ ނުވަތަ ފެމެލީތެރެއިންވެސް ހުރަސްތަކެއް ހުންނާނެ، ކޮމިއުނިޓީއަށް ފައިދާހުރިތަނަކަށް ނުވާނެ
ކޮރަޕްޝަންތޯ
19 April 2025
ވަގުފު ފަންޑުން އެހީ ދޭ އުސޫލެއް އޮވޭތޯ. މި ކަން އެ އުސޫލަށް ފެތޭތޯ.
ބަގުޅިބަންނަން
19 April 2025
ބުރިބުރިޔަށް ހަދާ ގެތަށް އެއްބުރި ހަދައިދިނުމަކީ ވަގުފު ފަންޑުން ގޭގެ ހަދައިދޭ އުޞޫލެއްކަން މިއޮތީ ފެންނަން. ގައިމުވެސް ހަދާފަހުރިނތަނެއް މަރާމާތު ކުރަނީއެއްނޫން ހުސްބިމަކުން އަލަށް ސްކޫލެއް ހަދަނީއެއްނޫން. ދެން ބަލަންތިބެމާ ހިނގާ ދެން ހަދާ މިކަހަލަ ތަނަކަށް ދޭނެތޯ. ނޫނީ އުޞޫލު އަންނަނީ ކިހިނެއްތޯ
މަނަދޫ
18 April 2025
ސާބަސް ދަރިފުޅާ.ދުނިޔެއާއި އާހިރަތުގެ ބާއްޱަވެރިކަން މިންވަރުކުރަށްވާށި.އާމީން