23 އެޕްރީލް 2025 - 10:52
ޔޫރަޕްގެ ގަދަ ފަސް ލީގުގައި ވިދިވިދިގެން އެންމެ ގިނަ އަވޭ މެޗުން ބަލި ނުވެ އިޓަލީގެ އޭސީ މިލާން ހަދާފައި އޮތް ރެކޯޑް، ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން މުގުރާލައިފި އެވެ.
ޗެމްޕިއަން ޕީއެސްޖީ ވަނީ ރޭ ރަށުން ބޭރުގައި ނޯންޓްސްއާ ވާދަކޮށް 1-1 އިން އެއްވަރު ވެފަ އެވެ. މެޗުގެ ކުރީކޮޅު ވިޓީނިއާ އެ ޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް ނިމެން ހަތް ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް އެއްވަރު ކުރީ ޑަގްލަސް އޮގަސްޓޯ އެވެ.
ރޭގެ މެޗާ އެކު، ލުއިސް އެންރީކޭގެ ޕީއެސްޖީ ވަނީ ރަށުން ބޭރުގައި ބަލި ނުވެ ޖެހިޖެހިގެން 39 މެޗު ހަމަކޮށްފަ އެވެ. އެންމެ ފަހުން ޕީއެސްޖީ އަވޭ މެޗަކުން ބަލިވީ މީގެ ދެ އަހަރު ކުރިން، މޮނާކޯ އަތުންނެވެ.
މީގެ ކުރިން މިލާން އަތުގައި މި ރެކޯޑް އޮންނަނީ ބަލި ނުވެ ޖެހިޖެހިގެން 38 މެޗު ހަމަ ކޮށްގެންނެވެ. މިލާން މި ރެކޯޑް ހަދާފައި ވަނީ 1991 އާއި 1993 ވަނަ އަހަރާ ދެމެދު ފަބިއޯ ކަޕެއްލޯގެ ކޯޗު ކަމުގަ އެވެ.
ޕީއެސްޖީގެ ކޯޗު އެންރީކޭ ބުނީ، އަވޭ މެޗުތައް އަބަދުވެސް އުނދަގޫ ކަމަށާއި، އަވޭ ޓީމުތަކުގެ ސަޕޯޓަރުންގެ ހިތްވަރު ވެސް ފާހަގަ ކޮށްފަ އެވެ.
"އަވޭ މެޗުން ބަލިނުވެ މިލާން ހަދާފައި އޮތް ރެކޯޑް މުގުރާލެވުމުން އުފާކުރަން، މިއީ އުނދަގޫ ކަމެއް. މުޅި ސީޒަނުގައި ވެސް އެއް ފެންވަރެއގައި ކުޅެގެން މިކަން ކުރެވޭނީ،" އެންރީކޭ ބުންޏެވެ.
"އަވޭގައި ކުޅުމަކީ އަބަދުވެސް އުނދަގޫ ކަމެއް. ހާއްސަކޮށް ނޯންޓްސްގެ މިކަހަލަ ފޯރިގަދަ ސަޕޯޓަރުންގެ ކުރިމަތީގައި."
ލީގުގައި ބާކީ ހަތަރު މެޗު އޮތްއިރު، އެއް ވަނައިގައި އެޓީމަށް ވަނީ މިހާތަނަށް ކުޅުނު 30 މެޗުން 78 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތީ 55 ޕޮއިންޓް ލިބިފައިވާ މާސޭ އެވެ.
ލީގު ޗެމްޕިއަންކަން ޔަގީން ވެފައި ވުމާ އެކު، ޕީއެސްޖީ ތައްޔާރުވަމުން އަންނަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށެވެ. އަނަނަ ހުކުރު ދުވަހުގެ ރޭ ލީގުގައި ނީސްއާ ދެކޮޅަށް ކުޅުމަށް ފަހު ސެމީގެ ފުރަތަމަ ލެގުގައި އަންނަ އަންގާރަ ދުވަހުގެ ރޭ އާސެނަލްއާ ދެކޮޅަށް ކުޅޭނީ އަވޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމޭ
23 April 2025
ފާރމާސް ލީގަކުން ރެކޯޑް ހެދިޔަސް ކައުންޓެއް ނުކުރަން