ހޫތީންނަށް ހަމަލާދޭން އެމެރިކާގެ ޖެޓެއް އެއާކްރާފްޓް ކެރިއާއަކުން ފުރަނީ: މާޗް މަހުން ފެށިގެން އެމެރިކާއިން ގެންދަނީ ކޮންމެ ދުވަހަކުގެން ޔަމަނަށް ހަމަލާ ދެމުން. -- ފޮޓޯ: އޭއެފްޕީ
29 އެޕްރީލް 2025 - 06:20
އެމެރިކާއިން ޔަމަންގެ ހޫތީންނަށް އަމާޒުކޮށް ކޮންމެ ދުވަހަކުހެން ދެމުން ގެންދާ ހަމަލާތަކުގައި އެންމެ ފަހުން އަމާޒުކޮށްފައިވަނީ ބިދޭސީން ބަންދުކުރާ ޑިޓެންޝަން ސެންޓަރަކަށް ކަމަށާއި އެތަނުން މަދުވެގެން 68 މީހަކު މަރުވެފައިވާ ކަމަށް ބުނެފި އެވެ.
މިދިޔަ މާޗު މަހުގެ 15 އިން ފެށިގެން އެމެރިކާއިން ޔަމަނަށް ހަމަލާ ދެމުން ގެންދަނީ އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތަކާ ގުޅުވައި ހޫތީން ރަތް ކަނޑުގައި އިޒްރޭލާއި އެމެރިކާ އަދި އެ މީހުންނާ ގުޅުން ހުރި އުޅަނދުތަކަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުވަން ކަމަށް ބުނެ އެވެ.
އާދީއްތަ ދުވަހު އެމެރިކާއިން ބުނި ގޮތުގައި މާޗް މަހުގެ މެދުތެރެއިން ފެށިގެން މިހާ ހިސާބަށް، ޔަމަނުގެ 800 އަށް ވުރެ ގިނަ ތަންތަނަށް ހަމަލާ ދީފައިވާ ކަމަށެވެ. އަދި މި ހަމަލާތަކުގައި ހޫތީ ލީޑަރުން ހިމެނޭ ގޮތަށް އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމަށް ބުންޏެވެ.
އޭގެ ގަޑިއިރުތަކެއް ފަހުން ހޫތީ މީޑިއާއިން ބުނެފައި ވަނީ އެމެރިކާއިން އެންމެ ފަހުން ދިން ހަމަލާތައް އަމާޒުވީ ބިދޭސީން ބައިތިއްބާ މަރުކަޒަކަށް ކަމަށެވެ.
"ސިވިލް ޑިފެންސުން ބުނި ގޮތުގައި މި ހަމަލާތަކުގައި އެފްރިކާގެ ހިޖުރަވެރިންގެ 68 މީހަކު މަރުވި. އަދި އިތުރު 47 މީހަކު ޒަހަމްވި،" ހޫތީންގެ އަލް މަސީރާ ޓީވީން ބުންޏެވެ.
ހަމަލާ ދިން ސެންޓަރުގައި 115 ހިޖުރަވެރިން ތިބި ކަމަށާއި އެ އެންމެންނަކީ ވެސް އެފްރިކާއަށް ނިސްބަތްވާ މީހުން ކަމަށް ހޫތީންނާ ހަވާލާދީ އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެފައިވަނީ ހަމަލާ ދިނުން ހުއްޓާލާނީ ހޫތީން ރަތް ކަނޑުގައި ހަމަލާ ދިނުން ހުއްޓާލުމުން ކަމަށެވެ.
ހޫތީން އެންމެ ފުރަތަމަ އުޅަނދުތަކަށް ހަމަލާދޭން ފެށީ އިޒްރޭލުން 2023 ވަނަ އަހަރު ޣައްޒާއަށް ހަމަލާ ދޭން ފެށުމާ އެކުގަ އެވެ. އިޒްރޭލަށް ތާއީދުކުރާ ގައުމުތަކާއި ވިޔަފާރިތަކުގެ އުޅަނދުތަކަށް އަމާޒުކުރާ ކަމަށް ބުނާ ހަމަލާތައް މިދިޔަ ޖެނުއަރީ މަހު އިޒްރޭލުން ހަމަލާތައް މެދުކަނޑާލުމުން ހޫތީން ހުއްޓާލި އެވެ. އެކަމަކު މި މަހު އަލުން ހަމަލާތައް ފެށުމާ އެކު ހޫތީން ވެސް ހަމަލާތައް ފެށީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަނދިރިފަޅި
29 April 2025
އަޖައިބު ވެއްޖައިން. އެމެރިކާއިން މީހުމްމަރަން ނޫން ގޮތަކަށް އެއްވެސް އިރެއްގައި އެއްވެސްތަނަކަށް ހަމަލައެއް ނުދޭނެ. ޢަޖައިބުވަނީ މިހިތްވަރުގަދަ ޔަމަނުން ކުރަމުންގެންދާ ހިތްވަރުގެ އެއްވެސް ވާހަކައެއް މިނޫހުގައި ނުލިޔާތީ.
ޔޫކޭ
29 April 2025
ހޫތީން ދޫނުދޭތި، އެމެރިކާ އަކީ އެންމެ ބޮޑު ޓެރަރިސްޓް
ރަދީފްއޮފިޝަލް / ޔަމަން ޒިންދާބާދް
29 April 2025
ކޮބާ 26 ހިންދޫން ގަތުލުވެގެން މޮޔަވެގެން އުޅުނު ހައވނންތައް؟؟ ޔަމަނުން މިމަރުވަނީ އިންސާނުންނެއް ނޫންތަ؟؟ އެއީ ޑަބިޔާތަކެއް ބާ؟؟ އިންސާފޭ އަމާންކަމޭ ކޮމާންޑޭ ކިޔައިގެން އަނގަ ފުޅާކުރާ ލީޑަރުންގެ ލަދު ކޮބާ؟ ވ.ވެދުން