01 މެއި 2025 - 08:31
ބިލްބާއޯ (މެއި 1) - ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކުރިޔަސް މެންޗެސްޓާ ޔުނައިޓެޑްގެ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
ރަށުން ބޭރުގައި މިރޭ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ ކުރިމް މީޑިއާއާ ވާހަކަ ދައްކަމުން އަމޯރިމް ބުނީ، މުބާރާތް ކާމިޔާބު ކޮށްގެން ޗެމްޕިއަންސް ލީގު ޖާގައެއް ލިބި، ހަރަދު ކުރާނެ ފައިސާ ލިބުނަސް، ކްލަބުގެ ކޮންސިސްޓެންސީ ދަމަހައްޓަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
"ޔޫރޮޕާ ލީގު ކާމިޔާބު ކޮށްގެން އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގު ކުޅެން ލިބުމަކީ، އަހަރެމެންގެ ކްލަބްގެ ބައިވަރު ކަންކަން ބަދަލު ކުރެވިދާނެ ކަމެއް، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް،" ޔުނައިޓެޑްގެ ކޯޗު އަމޯރިމް ބުންޏެވެ.
"ޔޫރޮޕާ ލީގުން މޮޅުވެގެން އަހަރެމެންގެ މައްސަލަތަކެއް ހައްލެއް ނުވާނެ. މޮޅުވެގެން ލިބޭނީ ޗެމްޕިއަންސް ލީގުގެ ޖާގައަކާއި ހަރަދު ކުރާނެ ފައިސާ. އެކަމަކު އަސްލު މައްސަލަތައް އަދިވެސް ހުރީ. އަހަރެމެންގެ ކޮންސިސްޓެންޓް ވާން ޖެހޭ. ރަނގަޅު ނިންމުންތައް ނިންމައި، ރަނގަޅު ރެކްރޫޓްމަންޓް ސިސްޓަމަކާއި ރަނގަޅު އެކަޑަމީއެއް ބޭނުންވޭ. މިއީ މި ކުލަބްގެ އަސްލު މަގާމަށް ދިޔުމަށްޓަކައި ހައްލު ކުރަން ޖެހޭ ކަންކަން."
އިނގިރޭސި ޕްރިމިއާ ލީގުގެ 14 ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް، އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތެއް ކުޅެވެން އޮތް ހަމައެކަނި ގޮތަކީ ޔޫރޮޕާ ލީގު ކާމިޔާބު ކުރުމެވެ.
ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގައި އެތުލެޓިކް ބިލްބާއޯ އާއި ޔުނައިޓެޑް މިރޭ ވާދަ ކުރާއިރު، ދެ ވަނަ ސެމީގައި ބައްދަލުކުރާނީ ޓޮޓެންހަމް ހޮޓްސްޕާ އާއި ނޯވޭގެ ބޯޑޯ/ގްލިމްޓް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy