01 މެއި 2025 - 02:29
ބާސެލޯނާ (މެއި 1) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަ މިލާން މިރޭ 3-3 އިން އެއްވަރު ވެއްޖެ އެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 30 ސިކުންތުގައި އިންޓަ ވަނީ ލީޑު ނަގައިދީފަ އެވެ. މި ލަނޑު އިންޓަ އަށް ޖަހައިދިނީ ކުރިން ބާސެލޯނާ އަށް ކުޅުނު ލިލިއަން ތުރާމްގެ ދަރިފުޅު، މާކަސް ތުރާމް އެވެ. އޭގެ ފަހުން 21 ވަނަ މިނިޓުގައި ޑެންޒެލް ޑަމްފްރީސް ޖަހައިދިން ބައިސްކަލް ކިކަކުން އިންޓަ ލީޑު ފުޅާކުރި އެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ ވަނީ ދެ ލަނޑު ޖަހައި ނަތީޖާ އެއްވަރު ކޮށްފަ އެވެ. އިންޓަ އިން ލީޑު ފުޅާ ކުރިތާ ތިން މިނިޓު ތެރޭ ލަމީން ޔަމާލް ފަރަގު ކުޑަ ކޮށްދިން އިރު، ރަފީނިއާގެ އެހީތެރިކަމާ އެކު އެއްވަރު ކުރީ ފެރާން ޓޮރޭޒް އެވެ.
މިއީ ޔަމާލް ބާސެލޯނާގެ ޖޯޒީގައި ކުޅެދިން 100 ވަނަ މެޗެވެ. މި މެޗުގައި އޭނާ ފޮނުވާލި އިތުރު ދެ ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފަ އެވެ.
މެޗުގެ 63 ވަނަ މިނިޓުގައި ޑަމްފްރީސް އިންޓަ އަށް އަލުން ލީޑު ނަގައިދިން ނަމަވެސް ދެ މިނިޓު ތެރޭ ބާސެލޯނާ ވަނީ އެއްވަރު ކޮށްފަ އެވެ. އޭރިއާ ބޭރުން ރަފީނިއާ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އިންޓަގެ ކީޕަރު ޔާން ސޮމާ ގައިގައި ޖެހިފައި ބައިކޮޅަށެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދާނީ އަންނަ ހަފުތާ ސެން ސީރޯގައި ކުޅޭ ދެވަނަ ލެގުން މޮޅުވާ ޓީމެކެވެ. އެއްވަރުވެއްޖެ ނަމަ ނަތީޖާ ނެރެން އިތުރު ވަގުތު ކުޅެން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
01 May 2025
ރޭގެ މެޗް އެއީ 90 މިނިޓް ވަންދެން އަސްލު ފުޓްބޯޅަ ފެނުނު އެންމެ ބެސްޓް މެޗް.2 ވަނަ ލެގް ބާސާއަށް ފަސޭހަ ނުވާނެ.ސެންސީރޯގަ މިލާނުގެ ވަރުގަދަ ކުޅުން ފެންނާނެ.ނަމަވެސް އުއްމީދަކީ ބާސާ މޮޅަށް ކުޅެ މެޗުން މޮޅުވެ ފައިނަލުން ޖާގަ ހޯދުން. ވިސްކައެލްބާސާ. ނޮން ތެ ލަސްކްރީމޯ