އިޒްރޭލަށް ލުބްނާން ތެރެއިން ރޮކެޓް ހަމަލާތައް ދޭތީ ރައްދުގައި ދިން ހަމަލާއަކަށް ފަހު ދުން އަރަނީ: ހަމާސް އާއި އެހެން ޖަމާއަތްތަކުން ވެސް ލުބްނާންގެ ބިމުގައި އެގައުމަށް ނުރައްކާވާނެ ކަންކަން ކޮށްގެން ނުވާނެ ކަމަށް ވަނީ އިންޒާރު ދީފައި. -- ފޮޓޯ: އޭއެފްޕީ
03 މެއި 2025 - 13:29
ލުބްނާންގެ ބިމުގައި އެ ގައުމުގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމެއް ނުކުރުމަށް، ލުބްނާންގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ އިސް އިދާރާއިން ހަމާސް ޖަމާއަތަށް އިއްޔެ އިންޒާރު ދީފި އެވެ.
ލުބްނާންގެ ދިފާއީ ކަންކަމާ ބެހޭ އެންމެ މަތީ މަޖިލީހުން މި އިންޒާރު ދިނީ ލުބްނާންގެ ތެރެއިން އިޒްރޭލަށް އަމާޒުކޮށް ދިން ރޮކެޓް ހަމަލާތަކަކަށް ފަހު އިޒްރޭލުން ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދީފައި ވަނިކޮށެވެ.
ރައީސް ޖޯސެފް އައުން އިސްވެ ހުންނަވާ އެ ކައުންސިލުން ބުނީ "ލުބްނާނުގެ އިސްތިގުލާލަށް ނުރައްކާ އެއްވެސް އަމަލެއް ހިންގާ ނަމަ އެކަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ" ކަމަށެވެ.
މިދިޔަ މަހު ލުބުނާނުގެ އަސްކަރިއްޔާއިން ވަނީ މިދިޔަ 22 ވަނަ ދުވަހާއ 28 ވަނަ ދުވަހު އިޒްރޭލާ ދިމާލަށް ރޮކެޓް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ލުބްނާން ބަޔަކާއި ފަލަސްތީނުގެ ބަޔަކު ހައްޔަރުކޮށްފަ އެވެ.
މި ހަމަލާތަކުގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވާއިރު، މިދިޔަ އަހަރު އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރި ލުބުނާނުގެ ހިޒްބުﷲ އިން ވަނީ އެކަމުގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފަ އެވެ.
ލުބުނާނުގެ ސަލާމަތީ އޮފިޝަލުން އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ސިފައިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހަމާސްގެ ތިން މީހަކު ހިމެނެ އެވެ.
މީގެ ކުރިން ހަމާސް އިން ވަނީ އިޒްރޭލަށް ލުބްނާންގެ ތެރެއިން ދިން ބައެއް ހަމަލާތަކުގެ ޒިންމާ އުފުލައިފަ އެވެ.
ސަލާމަތީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ލުބްނާނަކީ ހަމަނުޖެހުން އުފައްދަން ބޭނުންކުރާ މައިދާނެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވަތަ ބޭކާރު ހަނގުރާމަތަކުގެ ތެރެއަށް ވައްޓާލައިގެން ނުވާނެ ކަމަށެވެ.
ބޮޑުވަޒީރު ނަވާފް ސަލާމް ވަނީ ގާނޫނާ ހިލާފަށް ގެންގުޅޭ ހަތިޔާރު ވެސް ހަވާލުކުރަން ޖެހޭނެ ކަމަށާއި ހަމާސް އާއި ހަނގުރާމަވެރި އެހެން ޖަމާއަތްތަކުން ލުބްނާންގެ ސަލާމަތަށް ނުރައްކާވާ ކަންކަން ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިއްލޫރި
04 May 2025
ކޮންމެ އަކަސް މުނާފިޤުންނާއި އިޙްލާސްތެރި މުސްލިމުން މިހަނގުރާމައިން ވަކިވަކިން ފާޅުވެއްޖެ! ޔަހޫދީންނާއި ނަސާރާއިން ރުއްސަން ނިކުތް މުސްލިމް ލޭބަލް ޖެހި މީހުން ފަޟީހަތްވެއްޖެ!
އިސްމާލި
04 May 2025
އަމިއްލަ ގައުމުގެ ބައެއް ޔަހޫދީން ނަގައި ވެރިކޮއްލައިގެ ތިބި އިރު އެއްޗެއް ބުނަން ނޫނީ ކަމެއް ކުރަން ނުކެރިފަ ތިބި ބައެއް. މިއޮތްހާ ދުވަހު ވެސް، ލުބްނާނުގެ ބިންތައް ހިމާޔަތްކުރީ ހިޒްބުﷲ އިން. މިހާރު ދެން ތިޔަ ތިބީ ޔަހޫދީން ގެ އުންގައް އެރި އެމީހުން އަތުން ބުއްފުޅި ބޯން.
ފުޔާބެ
03 May 2025
އިސްތިގުލާލަށް އަރާ ގައުމުން ބަޔެއް ޔަހޫދީން ހިފި އިރު ކޮބާތޯ އެޅުނު ފިޔަވަޅެއް.
ހަމާސް
03 May 2025
ތިހާ ބާރު ހުރިއްޔާ ނިކަން އިޒްރޭލަށް އިންޒާރު ދީބަލަ..