އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: އޭނާ ބުނަނީ ގަތަރުން ދެ އަނގައިން ވާހަކަ ދައްކާ ކަމަށް. -- ފޮޓޯ: އޭއެފްޕީ
04 މެއި 2025 - 07:00
އިޒްރޭލާއި ހަމާސް ސުލްހަކޮށް ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ މެދުވެރިއެއްގެ ގޮތުން މަސައްކަތްކުރާ ގަތަރުން "ދެ ފަރާތަށް ފައި ލައިގެން" އޮވެ " ދެ އަނގައިން ވާހަކަ ދައްކަނީ" ކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަ ދެއްކުމުން ގަތަރުން ރައްދު ދީފި އެވެ.
ނަތަންޔާހޫ މިހެން ބުނެ އެކްސްގައި ޕޯސްޓެއް ކުރީ އިޒްރޭލުން ޣައްޒާ ހިސާރުކޮށް، އެހީގެ ސާމާނު ވެއްދުން ހުއްޓުވާފައި އޮންނަ މައްސަލައިގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީޖޭ) ގައި ކުރިއަށްދާ މައްސަލައިގެ އަޑުއެހުމުގައި ގަތަރުން ވާހަކަ ދެއްކުމަށް ފަހުގަ އެވެ. އެ އަޑުއެހުމުގައި ގަތަރުން ވަނީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ބުނެފަ އެވެ.
ނަތަންޔާހޫ ބުނީ އިޒްރޭލުން ޣައްޒާގައި ކުރަމުންދަނީ "ސަބަބެއް އޮތް ހަނގުރާމާއެއް" ކަމަށާއި އެއީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާ ދިނުމުގެ ސަބަބުން ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށެވެ. އަދި މިއީ އަނިޔާވެރިކަމާއި ތަހުޒީބުކަމާ ދެމެދު ހިނގާ ހަނގުރާމައެއް ކަމަށް ވެސް ސިފަކުރި އެވެ.
"ގަތަރުން ދެ ފަރާތަށް ކުޅުމާއި ދެ އަނގައިން ވާހަކަ ދެއްކުން ހުއްޓާލަންވީ ވަގުތު ޖެހިއްޖެ. އަދި ގަތަރު އޮންނާނީ ހަމާސްގެ އަނިޔާވެރިކަމާ އެކުގައިތޯ ނުވަތަ ތަހުޒީބުކަމާ އެކުގައިތޯ ނިންމަން ވެއްޖެ. އިޒްރޭލުން މި ހަނގުރާމައިގެ މަގްސަދު ހާސިލްކޮށް ކާމިޔާބު ކުރާނަން،" އިޒްރޭލުގެ ބޮޑުވަޒީރުގެ ރަސްމީ އެކްސް އެކައުންޓުން ނަތަންޔާހޫ ކުރި ޕޯސްޓުގައި ލިޔެފައިވެ އެވެ.
ނަތަންޔާހޫގެ މި ވާހަކައާ އެކު ގަތަރުން ވަނީ ރައްދު ދީފަ އެވެ.
ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ އެކްސްގައި ވިދާޅުވީ ނަތަންޔާހޫގެ ވާހަކާގައި ސިޔާސީ ގޮތުންނާއި އަހުލާގީ ގޮތުން "އެންމެ އަސާސީ ސިފަތައް ވެސް ނެތް" ކަމަށެވެ.
އޭނާ ވިދާޅުވީ ނަތަންޔާހޫ އެ ދެއްކެވީ ވަރަށް ދަށް ފެންވަރުގެ އަދި ޒިންމާއިން ރެކުމުގެ ވާހަކަތަކެއް ކަމަށެވެ.
"ޣައްޒާއާ ދެމުން ގެންދާ ހަމަލާތަކަކީ 'ސިވިލައިޒޭޝަން'ގެ ދިފާއުގައި ކުރާ ކަމެއްގެ ގޮތުގައި ސިފަކުރުމަކީ، ކުށެއްނެތް އާންމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދައްކަން އިޒްރޭލު ސަރުކާރުން ފެށުނީންސުރެ ހަދަމުން އަންނަ ދޮގުތަކުގެ ބައެއް،" އަންސާރީ ވިދާޅުވި އެވެ.
އޭނާގެ ރައްދުގައި އިޒްރޭލުގެ 138 ރަހީނަކު މިހާތަނަށް މިނިވަންވި އިރު މިހާތަނަށް އިޒްރޭލުން ހިންގި އަސްކަރީ ހުރިހާ ކަމެއް އެކަމާ އެކަށީގެން ވޭތޯ ސުވާލުކުރެއްވި އެވެ. ރަހީނުން މިނިވަންވި ސަބަބީ އިޒްރޭލުގެ އަސްކަރީ ޕްރެޝަރު ހަމާސް އަށް ކުރިމަތިވުން ކަމަށް އިޒްރޭލުން ބުނާއިރު ގަތަރުން ރައްދުގައި ބުނީ އިޒްރޭލުގެ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ވަނީ ދުނިޔޭގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ބޮޑު އެއް އިންސާނީ ކާރިސާ ކުރިމަތިވެފައި ކަމަށެވެ.
ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި، އެ ސަރަހައްދަށް އެހީ ވެއްދުން މަނާ ކޮށްފައި އޮންނަތާ ދެ މަސް ވެފައި ވާއިރު އަންސާރީ އެކަމަށް އިޝާރާތްކުރައްވައި ވިދާޅުވީ "މިއީ ތަހުޒީބު ގޮތް" ތޯ އެވެ.
އަންސާނީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ގަތަރުން އެހެން ގައުމުތަކާ އެކު މަސައްކަތްކުރާނީ ސުލްހަވެރި ހައްލެއް ހޯދުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޑު
04 May 2025
އަރަބިން ތީ ދަތްނެށް ސިންގާއިންތަކެއް..
ނާބުލްސް
04 May 2025
ފަލަސްޠީނު ބައިބައިވެފައިވާތީ މިހިސާބަށް މިކަން ދިޔައީ. ހަމާސްގެ ހަމަލާދިނީ އިޒްރޭލޫން އަބަދު ގޭގެއަށް ވަދެ މީހުން ހައްޔަރުކުރުމާއި ގެދޮރު ސުންނާފަތިކުރީމަ،
ގެދާނޯމޮސް
04 May 2025
ނަތަން ޔާހޫ ބުންޏަސް ތެދެއް ވާނީ ތެދަކަށެވެ!
މާހިރު
04 May 2025
މިޔަހޫދީ މުޖުރިމު ކަލޭގެ އަކީ ކިތައް އަނގައިން ވާހަކަ ދައްކާ ޝައިތާނެއް ހެއްޔެވެ. ޣައްޒާގެ ކުށެއްނެތް ކުދިބޮޑު އެތައްހާސް ބަޔަކު މަރާފައި އެހެންމީހުންގެ ވާހަކަ ދައްކަން ނަތަންޔާހޫ އަކީ ކާކު ހެއްޔެވެ. ދުނިޔޭގައި އިންސާފަށް ކަންކަން ހިނގާނަމަ ނަތަންޔާހޫ ދަންޖައްސާ މަރަންޖެހިފައިވާތާ ކިތައްމެ ދުވަހެކެވެ.
ރަދީފްއޮފިޝަލް / ބަތަންޔާހޫ
04 May 2025
ނަތަންޔާހޫ ކަލޭގެ ލަދު ކޮބާ؟؟
ދސފދފ
04 May 2025
މީނަގެ ކިތަށްއަނގައިންތޯ ވާހަކަ ދައްކަނީ؟
ގެދާނޯމޮސް
04 May 2025
މުސްލިމުން ނާ ދެކޮޅު އެއްއަނގަ: ގަތަރުން ދެއަނގައިން މުސްލިމުންނާއި އިޒްރޭލާއެކު ޑީލްހަދައެވެ.
ސަސި
04 May 2025
މަ ހީކުރީ މިވެރިންނަކީ ފުދިގެން އަމިއްލާ ހާލައިގެން އުޅޭ ބައެއްކަމަށް.
މާކޮސް
04 May 2025
އެމެރިކާއާއި އިޒްރޭލްގެ އެހީގައި މިވެރިން ނިމުމެއް އެއަށް ބޭނުވާ ނުވާ ވަރުގަދަ( ކަމެއް ) އެއްޗެއް އޭގެ ހައްގު ވެރިންނާއި ދެކޮޅަށް ކުއްޔަށް ނަގައިގެން އުޅޭތީ ދިމާވާކަން ކަން އެއީ