މިދިޔަ އަހަރު އިޒްރޭލުން ލުބްނާނަށް ދިން ހަމަލާއެއްގައި ބިމާ ހަމަވި އިމާރާތެއްގެ ކުނިބުނި ނަގައި ސާފުކުރަނީ. -- ފައިލް ފޮޓޯ: އޭއެފްޕީ
05 މެއި 2025 - 06:07
ލުބްނާން ސަރަހައްދުން އިޒްރޭލަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދިން މައްސަލައިގައި ތުހުމަތުވާ ފަލަސްތީނު މީހަކު ހަމާސް ޖަމާއަތުން ލުބްނާން ސިފައިންނާ ހަވާލުކޮށްފި އެވެ.
ލުބްނާން ސިފައިން ނެރުނު ބަޔާނެއްގައި ބުނީ ހަވާލުކުރި މީހާ އަކީ މައްސަލަތައް ގިނަ ރެފިއުޖީ ކޭމްޕެއް ހުންނަ ސަރަހައްދަކަށް ނިސްބަތްވާ ފަލަސްތީނު މީހެއް ކަމަށެވެ. އަދި އެއީ މިދިޔަ މަހުގެ 22 އަދި 28 ވަނަ ދުވަހު އިޒްރޭލަށް ރޮކެޓް ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ މީހެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އެ ދެ ދުވަހުގެ ރޮކެޓް ހަމަލާތަކާ ގުޅިގެން އިޒްރޭލުން ވަނީ ލުބްނާންގެ އެކި ތަންތަނަށް އަނެއްކާވެސް ބޮން އަޅައިފަ އެވެ. އަދި އޭގެ ފަހުން ލުބްނާނުން ވަނީ އެ ގައުމުގެ ސަލާމަތަށް ނުރައްކާވާ ކަންކަން އެ ގައުމުގެ ބިމުގައި ނުކުރުމަށް ހަމާސް އަށް އިންޒާރު ދީފަ އެވެ.
ލުބްނާން އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ މީހާ ހަވާލުކުރި ލުބްނާގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ މަތީ މަޖިލީހުން ދިން އިންޒާރަށް ފަހު އަދި އެތަނުގެ ލަފަޔާ އެއްގޮތަށް ކަމަށެވެ.
މައްސަލަ ގޯސްވި ރޮކެޓް ހަމަލާތަކުގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލައިފައެއް ނުވެ އެވެ. އަދި އިޒްރޭލަށް އާންމުކޮށް ހަމަލާދެމުން ދިޔަ ހިޒްބުﷲ އިން ވެސް ވަނީ އެ ހަމަލާއާ އެ މީހުންނާ ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަބޯ
05 May 2025
ހިޒުބުއް ޝައިތޯނުގެ ސައިޒު މި ފެންނަނީ، މުސްލިމުންނާ ފަލަސްތީނުގެ ދިފާއުގަ ހަނގުރާމަކުރަނިއްޔޭ ކިޔާ ދެއްކިވާހަކަތށް ކޮބާ މިހާރު